ދިވެހިންނަށް ތައިލެންޑްގެ ވިސާ ލިބޭނެ ލުއި ގޮތެއް ހޯދަން މަޝްވަރާކޮށްފި

ތައިލެންޑަށް ދާ ދިވެހިންނަށް ވިސާ ލިބުމުގައި ދިމާވާ ދަތިތަކަށް ލުޔެއް ހޯދުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އެ ގައުމުގެ ވަފްދަކާ އިއްޔެ ބައްދަލުކުރައްވައިފި އެވެ.


އާޖެންޓީނާގައި އދ. ގެ ކޮންފަރެންސެއްގެ ހަވާސާގައި ފޮރިން މިނިސްޓަރު ވަނީ ތައިލެންޑްގެ އިސް ވަފްދަކާ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން ވަރުގަދަ ކުރުމަށް މަޝްވަރާ ކުރައްވައިފަ އެވެ.

ޝާހިދު ކުރެއްވި ޓުވީޓު.

ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތައިލެންޑަކީ ވިޔަފާރިވެރިންނަށް މުހިންމު މަންޒިލަކަށްވާ އިރު، ރާއްޖޭގައި ވެސް ތައިލެންޑްގެ ގިނަ އިންވެސްޓްމަންޓްތަކެއް ހުރި ކަމަށެވެ. ޝާހިދު ވަނީ ދެ ގައުމުގެ ރައްޔިތުންނަށް ވިސާގެ ލުއި ލިބޭނެ އެއްބަސްވުމެއް ހެދުމަށް މަޝްވަރާ ކުރައްވައިފަ އެވެ.

ތައިލެންޑަށް ދިވެއްސަކަށް އެތެރެވެވެނީ ވިސާގެ ގޮތުގައި ހާހެއްހާ ރުފިޔާ ދައްކައިގެންނެވެ.

ދިވެހިންނަށް ތައިލެންޑްގެ ވިސާ ލިބޭނެ ލުއި ގޮތެއް ހޯދަން މަޝްވަރާ ކުރިއިރު، އިންޑިއާ އިން ރާއްޖެ އަށް ދިން ވިސާގެ ލުއިތަކަށް މިހާރު ވަނީ އަމަލު ކުރަން ފަށައިފަ އެވެ. އަދި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ވިސާގެ ލުއިތަކަކާއި ގުޅޭގޮތުން ޝާހިދު ވަނީ ދާދިފަހުން މަޝްވަރާ ކުރައްވައިފަ އެވެ.

ރާއްޖެ-އިންޑިއާ އިން ގާއިމު ކުރި އެއްބަސްވުމުގެ ސަބަބުން ޓޫރިޒަމާއި ބޭސްފަރުވާއަށާއި ތައުލީމް ހާސިލްކުރުމަށާއި ވިޔަފާރި އާއި ވަޒީފާގެ ބޭނުމުގައި، އިންޑިއާ އަށް ދަތުރުކުރާ ދިވެހިންނަށް ވިސާގައި މިހާރު ކުރިމަތިވާ ދަތިތައް ނެތި ފަސޭހަކަމާ އެކު އިންޑިއާ އަށް ދަތުރުކުރުމަށް މަގުފަހި ވާނެ އެވެ.