އެމްޑީޕީގެ އެޖެންޑާ 19 ހަގީގަތަކަށް ހަދަން ތައްޔާރު: ރައީސް

އަންނަ މަހު ބާއްވާ އާންމު އިންތިޚާބަށް، ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ތައްޔާރުކުރި "އެޖެންޑާ 19" ހަގީގަތަކަށް ހައްދަވައި ދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ށ. ކޮމަންޑޫގައި މިއަދު ވިދާޅުވެއްޖެ އެވެ.


އެޖެންޑާ 19 ގެ ދަށުން އެމްޑީޕީން މަޖިލިހަށް ހުށަހަޅާ ކަންކަމުގެ ތެރޭގައި ހިމެނޭ މައިގަނޑު ފަސް ކަމަކީ އިންސާފު، އޯގާތެރި ސަރުކާރު، ފަޚްރުވެރި އާއިލާ، ޖަޒީރާ ދިރިއުޅުން އަދި ނޫ އިގްތިސާދެވެ. މިއީ، އެމްޑީޕީން މިދިޔަ ރިޔާސީ އިންތިޚާބަށް ތައްޔާރު ކުރި މެނިފެސްޓޯގައި ވެސް ހިމެނޭ ކަންކަމެވެ.

ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ށ. ކޮމަންޑޫ ދާއިރާ އަށް ވާދަކުރައްވާ، އެ ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން ވަހީދުގެ ކެމްޕެއިނަށް އެ ރަށަށް ވަޑައިގެން ރައީސް ވިދާޅުވީ ދިވެހިން ބޭނުންވާ ތަރައްގީ އާއި ބަދަލުތަކުގެ ތަފްސީލްތައް އެމްޑީޕީގެ އެޖެންޑާ 19 ގައި ހިމަނާފައިވާ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ށ. ކޮމަންޑޫގައި. --- ފޮޓޯ: އެމްޑީޕީ

"އެއީ ރާއްޖެއާ ދޭތެރޭގައި އަޅުގަނޑުމެން ކުރާ އުންމީދު. އެ އުންމީދު ހަގީގަތަކަށް ހަދައި ދިނުމަށް އަޅުގަނޑު ހަމަ ގައިމުވެއް މިހުރީ ތައްޔާރަށް،" ރައީސް ވިދާޅުވި އެވެ.

ރައްޔިތުން ބޭނުންވާ ތަރައްގީ ހޯދައި ދިނުމަށް އެޖެންޑާ 19 އަށް އެއްބާރުލުން ދެއްވާ ބޭފުޅުން ތިއްބެވުމަކީ މުހިންމު ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ހުސެއިން ވަހީދަކީ އެ ސިޔާސަތުތަކަށް ތާއީދު ކުރައްވާ ބޭފުޅެއް ކަމަށް ވިދާޅުވެ، އޭނާ އަށް ވޯޓު ދެއްވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.

އެޖެންޑާ 19 ގައި ހިމެނޭ މުހިންމު ބައެއް ކަންކަމުގެ ތެރޭގައި އިތުބާރު ކުރެވޭ ސިއްހީ ނިޒާމާއި ވަޒީފާ ހޯދަން މަސައްކަތް ކުރާ މީހުންނަށް އިނާޔަތް ދިނުމާއި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއި ބޯހިޔާވަހިކަން ހޯދައި ދިނުމާއި ފެނާއި ކަރަންޓު އަގުހެޔޮ ކުރުން ފަދަ ކަންކަން ހިމެނެ އެވެ.

ރައީސް މިއަދު ށ. ކޮމަންޑު އަށް ވަޑައިގެން އާންމުންނާ ސަލާމް ކުރައްވަނީ. --- ފޮޓޯ: އެމްޑީޕީ

މީގެ އިތުރުން ދިވެހި ކަނޑު މަހަށް ހަމަ އަގު ހޯދުމާއި، ގެސްޓް ހައުސްގެ ވިޔަފާރި ފުޅާކުރުމާއި، އެގްރި ވިޔަފާރި ފަހިކުރުމާއި، ދަތުރުފަތުރުގެ ވިއުގައަކުން ރާއްޖެ ގުޅުވާލުން ފަދަ ސިޔާސަތުތައް ހިމެނެ އެވެ.

ރައީސް ވިދާޅުވި ގޮތުގައި ގައުމެއް ތަރައްގީ ވާނީ، އެ ގައުމެއްގެ ރައްޔިތުންނަށް ސިޔާސީ ކަންކަމުގައި މިނިވަންކަމާ އެކު ހަރަކާތްތެރިވެވޭނެ ގޮތްތަކެއް ފަހިކޮށްދީގެންނެވެ. އަދި ގައުމެއް ތަރައްގީ ވާނީ ގާނޫނުގެ ކުރިމަތީގައި ރައްޔިތުން ހަމަހަމަ ބައެއްގެ ގޮތުގައި ހަދައިގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ވެރިންނަކީ ނަޒާހަތްތެރި ބަޔަކަށް ވެވިގެން. ވައްކަމާއި ކޮރަޕްޝަން ނެތިކޮށްލައިގެން. ދަރިންނަށް ރަނގަޅު ތައުލީމެއް ދީގެން. އަމިއްލަ ރަށުގައި ތިބި ގަދަރުވެރި އާއިލާއެއް ބިނާކުރުމަށް ދިރިއުޅެވޭނެ ގޮތްތަކެއް ހޯދައިދެވިގެން. ތިމާ އާއި ތިމާގެ އާއިލާ އަށް ދުޅަހެޔޮ ސިއްހަތެއްގައި ހުރެވޭނެ ގޮތްތަކެއް ފަހިކޮށްދީގެން،" އެޖެންޑާ 19 އަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ރައީސް ވިދާޅުވި އެވެ.

"ސަރުކާރެއްގެ އެންމެ މުހިންމު ޒިންމާއަކީ، ވާޖިބަކީ ތައުލީމާއި ސިއްހަތާއި ވަޒީފާގެ ފުރުސަތުތައް ހަމަހަމަކޮށް، ހުރިހާ ރައްޔިތުންނަށް ހޯދައި ދިނުން. އެޖެންޑާ 19 މިއަދު ކަށަވަރުކޮށްދެނީ އެކަންތައްތައް،"