ރައީސަށް ފެނިވަޑައިގަންނަވާ ހައްލަކީ ތިން އިންތިޚާބު އެކުގައި ބޭއްވުން

ރާއްޖޭގެ ތަރައްގީ އާއި ރައްޔިތުން ބޭނުންވާ ޚިދުމަތްތައް ލަސްވެ ޝަކުވާތައް ހުންނަ ކަމަށާއި އެކަމަށް އޮތް އެންމެ ރަނގަޅު ފަރުވާ އަކަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އެކުގައި ބޭއްވުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ވިދާޅުވެއްޖެ އެވެ.


ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް ހދ. ނޮޅިވަރަމަށް ވަޑައިގެން ވިދާޅުވީ، ރައްޔިތުން ބޭނުންވާ ބައެއް ކަންކަން ލަސްވުމުގައި ބައިވަރު ސަބަބުތަކެއް ހުރެދާނެ ކަމަށެވެ. އެންމެ ބޮޑު ސަބަބަކީ އިންތިޚާބުތައް ވަކިވަކިން އޮތުން ކަަމަށް ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބު ސެޕްޓެމްބަރު، 23، 2018، ގައި ބާއްވައި އާ ވެރިކަމެއް ފެށުނުތާ ގިނަ ދުވަސްތަކެއް ނުވެ ދެން ކުރިމަތިލާން ޖެހުނީ މިދިޔަ އަހަރުގެ އެޕްރީލް މަހުގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ކަން ފާހަގަކުރެއްވި އެވެ. އެ އިންތިޚާބަށް ގިނަ ދުވަސްތެއް ނުވެ އަނެއްކާ ވެސް އަންނަ އޭޕްރީލް މަހު ކުރިމަތިލާން މި ޖެހުނީ ލޯކަލް ކައުންސިލްގެ އިންތިޚާބާ ކަމަށް ވިދާޅުވި އެވެ.

ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް ނޮޅިވަރަންގެ ރައްޔިތުންނާ އެމްޑީޕީގެ ހަރުގޭގައި ބައްދަލުކުރަނީ. --ފޮޓޯ/އެމްޑީޕީ

ރައީސް ވިދާޅުވި ގޮތުގައި މިއީ ބަދަލުކޮށްގެން ހައްލެއް ހޯދިދާނެ ކަމެކެވެ. މީގެ ކުރިން ވެސް މިކަމަށް ތާއީދު ކުރައްވައި އެމަނިކުފާނު ވަނީ ވާހަކަފުޅު ދައްކަވައިފަ އެވެ.

"އަޅުގަނޑުމެން ވެއްޖެ ކޮންމެވެސް ހިސާބެއްގައި މި ތިން އިންތިޚާބު އެއް ދުވަހެއްގައި، އެއް ވަގުތެއްގައި ބޭއްވުމުގެ މަސައްކަތް ކުރަން. އެހެން ނޫން ނަމަ ކަންތައްތައް ހިންގުމުގައި ލަސްތަކެއް އެބައާދޭ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ތިން އިންތިޚާބު އެކުގައި ބޭއްވިއްޖެ ނަމަ ގައުމީ ތަރައްގީގެ މަސައްކަތްތަކަށް ހަލުވި ކަމެއް އަންނާނެ އެވެ. އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގަތް ވައުދުތައް ފުއްދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަަމަށާއި އެ މަސައްކަތުގައި ސަރުކާރާއި ރައްޔިތުންގެ މަޖިލީސް އޮތީ ބަދަހިކަމާ އެކުގައި ކަަމަށް ވިދާޅުވި އެވެ.

އެ ވައުދުތައް ރަށު ފެންވަރުގައި ތަންފީޒުކުރަން ފަށަން، އެމަނިކުފާނު ވިދާޅުވި ގޮތުގައި، ކައުންސިލް އިންތިޚާބު އެމްޑީޕީ އަށް ކާމިޔާބުވުން މުހިއްމެވެ. ވޭތުވެދިޔަ ދެ އިންތިޚާބުގައި ރައްޔިތުން އިތުބާރުކުރި ގޮތަށް އަންނަ އޭޕްރީލް މަހު ނަގާ ކައުންސިލްތަކުގެ ވޯޓުގައި ވެސް ސަރުކާރާ އެކު ތިއްބަވާނެ ކަމަށް ޔަގީންކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ނޮޅިވަރަމްގައި ރައީސް ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ/އެމްޑީޕީ

ރާއްޖޭގައި ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީސް އަދި ލޯކަލް ކައުންސިލް އިންތިޚާބު ބާއްވަން ތަރުތީބުކޮށްފައި އޮންނަނީ ވަކިވަކިންނެވެ. މިއީ، އިލެކްޝަންސް ކޮމިޝަންގެ ބައެއް މެމްބަރުން ދެކެވަޑައިގަންނަވާ ގޮތުގައި ޚަރަދު ވެސް ބޮޑު ގޮތެވެ.

މެމްބަރުންގެ އެއް ވިސްނުމަކީ، ރިޔާސީ އިންތިޚާބު ވަކިން ބާއްވައި ރައްޔިތުންގެ މަޖިލީހާއި ލޯކަލް ކައުންސިލްގެ އިންތިޚާބު އެއްކޮށް ބޭއްވުމެވެ. މިގޮތަށް ހަމަޖައްސަން ކޮމިޝަނުގައި މަޝްވަރާކޮށް، ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހެޅި ކަމަށް އެ ކޮމިޝަނުން ބުނެފައިވެ އެވެ. އެކަމަކު މިކަމަށް އޮތީ ހައްލެއް ނުހޯދި އެވެ.