މި އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބު އެމްޑީޕީއަށް ނާކާމިޔާބުވީ ސަރުކާރުން އަމަލުކުރި ގޮތުން ސަޕޯޓަރުން ހިތްހަމަނުޖެހިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ "ވިއޯން" ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވަނީ ދީނީ ހަރުކަށި ފިކުރުގެ މީހުންގެ ރުހުން ހޯއްދެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަސައްކަތް ކުރެއްވުން ހުއްޓާލަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި އެމްޑީޕީގެ އަސާސްތަކަށް އަނބުރާ ރުޖޫއަވާން ޖެހޭ ކަމަށް ވިދާޅުވެފައިވެ އެވެ.
ކައުންސިލް އިންތިހާބުން ބަލިވި ސީދާ ސަބަބެއް އޮތްތޯ އިންޓަވިއުގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު އިތުރަށް ވިދާޅުވެފައި ވަނީ، އިންތިހާބުން ބަލިވީ އެމްޑީޕީގެ ސަޕޯޓަރުން ވޯޓުލާން ނުނުކުތުމުން ކަމަށެވެ. ނަޝީދު ވިދާޅުވި ގޮތުގައި އެ ސަޕޯޓަރުންނަށް ގަބޫލުކުރެވުނީ ސަރުކާރުން ޕާޓީގެ އަސާސްތަކަށް ނުބަލައި، ވަކި މައިނޯރިޓީއެއްގެ ރުހުން ހޯދަން މަސައްކަތް ކުރާ ކަމަށެވެ. އަދި އެކަމާ ސަޕޯޓަރުން ނުރުހިފައި ތިބުމުން ލީޑާޝިޕަށް މެސެޖެއް ދޭން ބޭނުންވީ ކަމަށް ވިދާޅުވި އެވެ.
"އެ މީހުންނަށް ގަބޫލު ކުރެވުނީ، މައިގަނޑު ގަބޫލުކުރުންތަކާއި ހިޔާލުތަކަށް އަޅާނުލައި، މައިނޯރިޓީއެއްގެ ރުހުން ހޯދަން ސަރުކާރުން މަސައްކަތްކުރި ކަމަށް. އެކަމާ އެ މީހުން ހިތްހަމައެއް ނުޖެހޭ." ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ އެތެރޭގެ ކޯޅުންތައް ބޮޑުވެފައި ވަނިކޮށް، އިންޓަވިއުގައި ނަޝީދު ވިދާޅުވެފައި ވަނީ ޕާޓީ ބައިބައިވެގެން ނުދާނެ ކަމަށެވެ. އަދި ރައީސް ސޯލިހާ ވެސް ވަރަށް ބޮޑަށް ގުޅުން ގޯސްވެ ވަކިވެގެން ދާނެ ކަމަށް ނުބެލެވޭ ކަމަށް ވިދާޅުވި އެވެ.
އޭގެ އިތުރުން، ނަޝީދު ވިދާޅުވެފައި ވަނީ ޕީޕީއެމްއާއެކު ވެސް މަސައްކަތް ކުރަން ތައްޔާރު ކަމަށާއި، ބޭނުންފުޅު ވަނީ ގައުމާ މެދު އެއް ވިސްނުމެއް ގެންގުޅޭ ބަޔަކާ އެކު މަސައްކަތް ކުރައްވަން ކަމަށެވެ.
މީގެ ކުރިން، ޕީޕީއެމް އަދި އެމްޑީޕީއިން ވެސް ވެރިކަމަށް އަންނަން، ދީނީ ހަރުކަށި މީހުންގެ ރުހުން ހޯދުމުގެ ސަބަބުން އެ މީހުންގެ ފިކުރު ގައުމުގެ ތެރެއަށް ފެތުރިފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ދީނީ ހަރުކަށި ފިކުރު ފެތުރިގެން ދިޔުމަކީ ޕީޕީއެމް ވެސް އެދޭނެ ގޮތެއް ނޫން ކަމަށް ވިދާޅުވި އެވެ.
އެމްޑީޕީގެ އެތެރޭގައި ރައީސް ނަޝީދަށް ތާއީދު ކުރާ ފަރާތްތަކާއި ރައީސް ސޯލިހަށް ތަފާތު ކުރާ ފަރާތްތަކާ މެދު ވަނީ ވަރަށް ބޮޑަށް ނުތަނަވަސްކަން އުފެދިފަ އެވެ. އެގޮތުން، ނަޝީދު ވަނީ ސިޔާސީ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެއްބާރުލުން ދެއްވުން ހުއްޓާލަން ނިންމަވާފައިވާ ކަމަށް މީގެ ކުރިން ވިދާޅުވެފަ އެވެ.