މިލިއަނަރަކަށް ވީމާ މަޖިލީހުގައި މަސްލަހަތު ފުށުއަރާ: ނަޝީދު

ރައްޔިތުންގެ މަޖިލީހަށް މިލިއަނަރަކަށް އިންތިހާބު ވުމުން އެ މަޖިލީހުގައި ކުރަން ޖެހޭ މަސައްކަތުގައި މަސްލަހަތު ފުށުއަރާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތިލަދުންމަތީގެ ދާއިރާތަަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ކެމްޕޭން ކުރަން މާފަންނު މަދަރުސާގައި މިރޭ ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓުންނާ ވާދަކުރަން ތިބި ކެންޑިޑޭޓުންގެ ކުރާނެ ކަމެއް އަދި ފިކުރެއް ވެސް ނެތް ކަމަށެވެ.

"ނޯންނާނޭ. ނެތޭ ދައްކާނެ ވާހަކައެއް. މިލިޔަނަރަކަށް ވީމާ، އެއީ މަސްލަހަތު ފުށުއަރާ ހިސާބު،" އެމަނިކުފާނު ވިދާޅުވި އެވެ.

ނުސީދާ ގޮތެއްގައި ޖުމްހޫރީޕާޓީއަށް ފާޑުވިދާޅުވެ ދެއްކެވި އެވާހަކަފުޅަށް ފަހު ނަޝީދު ދެން ފާޑުވިދާޅުވީ ރާއްޖޭގައި މަސައްކަތް ކުރަން ގެންނަ ބޭރު މީހުންނާ މެދު އަމަލުކުރަމުން އަންނަ ގޮތަށެވެ. އެމްޑީޕީގެ އެޖެންޑާ 19 ގައި އެންމެ ކުޑަ އުޖޫރަ ކަނޑައަޅުން ހިމަނާފައި ވަނީ އެގޮތަށް މަސައްކަތް ކުރުވިޔަ ނުދޭންކަމަަށް އެމަނިކުފާނު ވަނީ ކުރިން ވެސް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. ނަޝީދު ވިދާޅުވީ ކުދި ކުދި އުޖޫރައަށް ބިދޭސީން ގެނައުމަށް ފަހު އެމީހުންނަށް ދޭން ކަނޑައަޅާފައި އޮންނަ މުސާރަޔަށް ވެސް ކުންފުނިތަކުން މަކަރުހަދާ ކަމަށެވެ.

"ދިވެހި މީހަކަސް، ބޭރު މީހަކަސް. ބޭރުމީހާ އެ ރެޒޯޓުގައި މިގެންގުޅެނީ އޭނާ އަގުހެޔޮކަމުން. އަޅުން ގެނައި ނަމަ އަދި މާ އަގުހެޔޮވާނެ،" ނަޝީދު ވިދާޅުވި އެވެ.

ތިލަދުންމަތީގެ ދާއިރާތަކުގެ އެމްޑީޕީ ކެންޑިޑޭޓުންގެ ކެމްޕޭން ޖަލްސާގައި ނަޝީދު ވާހަކަ ދައްކަވަނީ.

މިލިޔަނަރަކަށް ވީމާ މަސްލަހަތު ފުށު އަރާ ކަމަށް ވިދާޅުވެ، އެމަނިކުފާނު ވާހަކަ ދެއްކެވި އިރު މިލިޔަނުން އާމްދަނީ ލިބޭ އެތައް ބޭފުޅުންނެއް އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީން ވެސް ވަނީ މަޖިލީހަށް ކުރިމަތިލައްވާފަ އެވެ. އޭގެ ތެރޭގައި ރިސޯޓްތައް ހިންގާ އަދި ބޭރު މީހުން ގެނެސްގެން މަސައްކަތް ކުރައްވާ ފަރާތްތައް ވެސް ހިމެނެ އެވެ.

ތިލަދުންމަތީގެ ދާއިރާތަކުގެ އެމްޑީޕީ ކެންޑިޑޭޓުންގެ ކެމްޕޭން ޖަލްސާ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނުގައި ނަޝީދު ގެންދަވަނީ ޖުމްހޫރީ ޕާޓީއަށާއި އެޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމަށް ތަކުރާރުކޮށް ފާޑުވިދާޅުވަމުންނެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ފައިސާ ބައްސަވަމުން ގެންދަވާ ކަމަށް ރ. އަތޮޅުގައި މިދިޔަ ހަފްތާގައި ދެއްކެވި ވާހަކަފުޅެއްގައި ނުސީދާކޮށް ވިދާޅުވި އެވެ.

ނަޝީދު ދައްކަވާ ވާހަކަފުޅާ ގުޅިގެން ގާސިމް ވެސް ގެންދަވަނީ އެމަނިކުފާނަށާއި އެމްޑީޕީއަށް ފާޑުކިއުއްވަމުންނެވެ.