ކުރީގެ މެންބަރު ހަމްޒާގެ ރިސޯޓެއް ވިއްކާލަން އިއުލާނުކޮށްފި

ބިލެއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ހަމްޒާގެ ހިއްސާ އޮންނަ ތްރީ އޭ ކޮމްޕެނީން ރިސޯޓެއް ހިންގަމުން އަންނަ ށ. ދޮޅިޔަދޫ ރަހުނުކޮށް ނަގާފައިވާ ލޯނެއް ނުދައްކައިގެން އެ ރަށް ވިއްކާލަން އިއުލާނުކޮށްފި އެވެ.


"ޒިޓާލީ ދޮޅިޔަދޫ"ގެ ނަމުގައި ހިންގާ އެރިސޯޓް ވިއްކާލަން ކޮލޭޓްރަލް އޭޖެންޓަކަށް ހަމަޖައްސާފައިވާ "ލިބެރަމް ޗެމްބާސް" އިން ނޯޓިސް ނެރުނީ އެ ރަށް ރަހުނުކޮށްގެން ބޭންކް އޮފް މޯލްޑިވްސް އާއި ސްޓޭޓް ބޭންކް އޮފް އިންޑިއާ އަދި ބޭންކް އޮފް ސިލޯނުން ނަގާފައިވާ ލޯނުތަކެއް ނުދައްކައިގެން، އެރަށް ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން ދިނުމުންވެ.

ދޮޅިޔަދޫ ރަހުނުކޮށްގެން ހަމްޒާ އާއި އޭނާގެ އާއިލާގެ ބައެއް އެހެން މެމްބަރުންނާއި ވީއޭ ކޮމްޕެނީން ގެރެންޓީ ދީގެން ތިން ބޭންކުން ނެގި ލޯނުތަކުގެ ފައިސާ ހޯދަން ދޮޅިޔަދޫ ވިއްކާލަން އިއުލާނުކޮށްފައި ވަނީ ސިޓީ ލާ ނީލަމުގަ އެވެ. ނީލަށް ފެށޭ އަގަކީ 42،800،000 ( ސާޅީސް ދެ މިލިޔަން އަށް ލައްކަ) ޑޮލަރެވެ. އެއީ 659،976،000ރ. އެވެ.

ނީލަމުގައި ބައިވެރިވާން ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނީ ބޭންކް އޮފް ސިލޯންގައި ހުންނަ "ލޮކްޑް ބޮކްސް" އަށެވެ. ނީލަމުގައި ބައިވެރިވާން އެދި ހުށަހަޅާ ސިޓީއާ އެކު އާނެސްޓް މަނީ ޑިޕޮސިޓް (އީއެމްޑީ) ގެ ގޮތުގައި 10،000 ޑޮލަރު ވެސް ދައްކަން ޖެހޭނެ އެވެ. އަގު ހުށަހަޅައި ފޮނުވާ ސިޓީތައް ކެނޑުން އޮންނާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ. އެއް ފަރާތައް ވުރެ ގިނަ ފަރާތުން އެއް އަގެއް ހުށަހަޅައިފި ނަމަ 50،000 ޑޮލަރުން މަތީގެ އަދަދެއް ހުށަހަޅައިގެން އެންމެ މަތީ އަގެއް ދޭން އެއްބަސްވާ ފަރާތަކަށް ރަށް ވިއްކާލާނެ އެވެ.

ފަސް ތަރީގެ ރިސޯޓެއްގެ ގޮތުގައި ހިންގަމުން އަންނަ ދޮޅިޔަދޫގައި 100 ކޮޓަރި ހުންނަ އިރު އޭގެ ތެރެއިން 65 ކޮޓަރިއަކީ މޫދު ކޮޓަރި އެވެ.

ތްރީއޭއިން ހިންގަމުން އައި ކުޑަފުނަފަރު ވެސް ކުރިން ވަނީ ވިއްކާލާފަ އެވެ.