ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ ހިއްސާގެ ބާޒާރަށް ނުކުންނަން މަސައްކަތް ފަށާފައިވާ ކަމަށް ވިޔަފާރީގެ ހަބަރުތައް ގެނެސްދޭ މަޝްހޫރު ނޫސް، ބްލޫމް ބާގް އިން ރިޕޯޓްކޮށްފި އެވެ.
އެ ނޫހުން ރިޕޯޓްކުރި ގޮތުގައި ބީއެމްއެލްއިން އެ މަސައްކަތް ފެށީ މެދުއިރުމަތީގެ ހަނގުރާމައިގެ އަސަރުން ރާއްޖޭގެ ޓޫރިޒަމަށް ލިބޭ ގެއްލުމުން އަރައިގަތުމަށް އެކަމުން އެހީތެރިކަން ލިބޭތޯ އެވެ.
ބީއެމްއެލްގެ ޑިރެކްޓަރް ފޯ ފައިނޭޝަލް ސްޓްރެޓެޖީ އެންޑް ޕްލޭނިން އަބްދުﷲ ހަސަން ބްލޫމްބާގަށް ވިދާޅުވިކަމަށް އެ ނޫހުން ބުނި ގޮތުގައި އޭޝިއާ އާއި މެދުއިރުމައްޗާއި ޔޫރަަޕްގެ ފަންޑް މެނޭޖަރުންނާ އެކު ބީއެމްއެލް އިން ބައްދަލުވުންތައް ބާއްވަމުން އަންނީ 300 މިލިއަން ޑޮލަރުގެ ސުކޫކަކަށް ޝައުގުވެރިކަން ހުރި ގޮތެއް ބަލާށެވެ.
އަބްދުﷲ ހަސަންއާ ހަވާލާދީ ނޫހުން ބުނި ގޮތުގައި ބީއެމްއެލް އިން 300 މިލިއަން ޑޮލަރުގެ ސުކޫކް ވިއްކާނީ ދިވެހި ސަރުކާރުން ދޭ ގެެރެންޓީއާ އެކުގަ އެވެ. އެކަަމަށް ބާއްވަން ޖެހޭ ބައްދަލުވުންތައް ބާއްވަން ބީއެމްއެލް އަށް އެހީތެރިވެދެނީ ދުބާއީގައި މަރުކަޒުކޮށްފައިވާ މަޝްރިގް ބޭންކް ޕީއެސްސީ އިންނެވެ.
ރާއްޖޭގެ އިގްތިސާދީ ކުރިއެރުން މިހާރު ބިނާވަނީ ޓޫރިޒަމް އިންޑަސްޓްރީއަށް ކަމަށް ވާއިރު މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން އެ އިންޑަސްޓްރީއަށް ވަނީ ބޮޑެތި މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ. އެއީ ދަތުރުފަތުރަށް ބުރޫ އެރުމާއި ތެލުގެ އަގުބޮޑުވުމުގެ ސަބަބުންނެވެ. ޓޫރިޒަމް އިންޑަސްޓްރީއަށް މި ގޮންޖެހުންތައް ކުރިމަތިވެފައި ވާއިރު ބީއެެމްއެލް އަކީ އެ އިންޑަސްޓްރީއަށް ގިނަ އަދަދެއްގެ ފައިސާ ދޫކުރާ ބޭންކެކެވެ.
ބީއެމްއެލުން ވަނީ މިދިޔަ އަހަރު ރެކޯޑު މާލީ ނަތީޖާއެއް ހާސިލް ކޮށްފަ އެވެ. އެ އަހަރު އެ ބޭންކުން ހޯދާފައިވާ ނަތީޖާއަކީ މާލީ ގޮތުން ހޯދި ހަރުދަނާ ކުރިއެރުމާއި ހިދުމަތްތައް ފުޅާކުރުމަށް ކުރި މުހިންމު މަސައްކަތްތަކާއި ރާއްޖޭގެ ގައުމީ ބޭންކުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާތަކަށް ދީފައިވާ ހާއްސަ ސަމާލުކަން ހާމަކޮށްދޭ ނަތީޖާ އެކެވެ.
މިދިޔަ އަހަރު ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ބީއެމްއެލަށް ލިބިފައި ވެ އެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 9.8 ޕަސެންޓުގެ ކުރިއެރުމެކެވެ.
ބީއެމްއެލްގެ ބެލެންސް ޝީޓަށް އައި ބޮޑު ކުރިއެރުމާ އެކު، އެ ބޭންކުގެ ޖުމްލަ އެސެޓް ވަނީ 55.8 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. އަމިއްލަ ފަރުދުންގެ ބޭނުންތަކަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރި އާއި ކޯޕަރޭޓް ކަސްޓަމަރުންގެ ވިޔަފާރިތަކާއި އިގްތިސާދުގެ މުހިންމު ސިނާއަތްތައް ފުޅާކޮށް ތަރައްގީކުރުމަށް، ލޯނާއި ފައިނޭންސންގެ ގޮތުގައި މިދިޔަ އަހަރު ބީއެމްއެލުން ވަނީ އަލަށް 10 ބިލިއަން ރުފިޔާ ދޫކޮށްފަ އެވެ.
އެއީ އެ ބޭންކުގެ ތާރީހުގައި ވެސް އެއް އަހަރުގެ ތެރޭގައި އެންމެ ގިނަ އަދަދެއްގެ ލޯނު ދޫކުރި އަހަރެވެ.
މިދިޔަ މާލީ އަހަރު 30,000 އަށް ވުރެ ގިނަ އާ ކަސްޓަމަރުން ބީއެމްއެލާ ގުޅި، އަދި ކަސްޓަމަރުންގެ ޑިޕޮސިޓް 2024 ވަނަ އަހަރަށް ވުރެ 16 ޕަސެންޓު އިތުރުވެފައިވެ އެވެ.