ގެއްލިގެން ހޯދަމުން އަންނަ އައިމިނަތު ޝިމާގެ ކޮއްކޮއާ އެކު ޑިންގީގައި ދަތުރުކުރަނިކޮށް، ހައްޔަރުކުރި އިބްރާހިމް ފަޒީލްގެ ބަންދަށް ގަމު މެޖިސްޓްރޭޓް ކޯޓުން 15 ދުވަސް މިއަދު އިތުރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އުމުރުން 16 އަހަރުގެ އަންހެން ކުއްޖެއް ގޮވައިގެން ދަތުރުކުރަނިކޮށް މި މަހުގެ 11 ވަނަ ދުވަހު ހައްޔަރުކުރި ތިން ފިރިހެނުންގެ ބަންދަށް ވެސް 15 ދުވަސް އިތުރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ފަޒީލް ވެސް ހިމެނެ އެވެ.

އެމީހުންގެ ބަންދަށް ކުރިން ވެސް 15 ދުވަސް ޖަހާފައި ވެ އެވެ. ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ، ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުންނެވެ.

ފަޒީލްގެ ބަންދުގެ މުއްދަތު އިތުރުކުރިއިރު، އޭނާގެ މައްޗަށް ދައުލަތުން ކުރިން ވަނީ ގިނަ ދައުވާތަކެއް އުފުލައިފަ އެވެ. އޭގެ ތެރޭގައި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށާއި ޣައިރު ގާނޫނީ އެއްވުމަކުން އަމާން ނަގާލުމުގެ ކުށުގެ ދައުވާ އާއި ވައްކަމުގެ ދައުވާ ހިމެނެ އެވެ. އެ ހުރިހާ މައްސަލައެއް އޮތީ ގަމު މެޖިސްޓްރޭޓް ކޯޓުގަ އެވެ. އެކަމަކު ޝަރީއަތް ގޮސް އޮތް ހިސާބެއް ސާފުވާ ގޮތެއް ނުވި އެވެ.

ލ. ފޮނަދޫން މާމެންދު އަށް މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ ދަތުރުކުރަމުން ދަނިކޮށް ޑިންގީ ބަންޑުން ޖަހާލައި ޝިމާ، 19، ގެއްލުނު ފަހުން އޭނާ ޚަބަރެއް އަދިވެސް ނުވެ އެވެ.