ރިޔާޒަށް ރައީސް ރައްދު ނުދެއްވާތީ ކަންބޮޑުވޭ: މުސްތޮފާ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތިމަރަފުށީ ދާއިރާ އަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އަބްދުﷲ ރިޔާޒަކީ ސަރުކާރު ކެންޑިޑޭޓް ކަމަށް ވިދާޅުވެ، ވާހަކަ ދައްކަވާ އިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެ ވާހަކަ އަށް ރައްދެއް ނުދެއްވާތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް އެ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު މުސްތޮފާ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.


"މިހާރު"އާ ވާހަކަ ދައްކަވަމުން މުސްތަފާ މިއަދު ވިދާޅުވީ ތިމަރަފުށީ ދާއިރާގެ ރައްޔިތުންނަށް ސަރުކާރު ކެންޑިޑޭޓަކީ ކާކުކަން އޮޅޭ ވަރަށް ރިޔާޒް ރިޔާޒް ވާހަކަ ދައްކަވާ އިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމްޑީޕީން އެއަށް ޖަވާބެއް ދޭން ޖެހޭ ކަމަށެވެ. އަދި ރިޔާޒްގެ ވާހަކަތަކަށް ރައްދު ދެއްވައި، ކަން އޮތްގޮތް ރައްޔިތުންނަށް ސާފު ކޮށްދެއްވުމަށް ރައީސް އެ ދާއިރާ އަށް ވަޑައިގަންނަވަން ތަކުރާރުކޮށް އެދިވަޑައިގެންފައި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ނުވިސްނޭ، ރިޔާޒަށް ސަރުކާރުން އެހާ ބޮޑު އިތުބާރެއް ކުރަން ޖެހޭ ސަބަބެއް އޮތް ކަމަކަށް. އަޅުގަނޑުމެން މީ އަތްވާއި ވާރޭގައި މުޅި ރާއްޖޭގައި ދަތުރުކޮށް މި ސަރުކާރު ގެންނަން ކެމްޕޭން ކުރި މީހުން. ރިޔާޒް އެގޮތަށް ވާހަކަ ދައްކަވާއިރު ސަރުކާރުން އެބަ ޖެހޭ އެއަށް ރައްދެއްް ދޭން،" މުސްތަފާ ވިދާޅުވި އެވެ.

އެމްޑީޕީގެ އިސް ބޭފުޅުން: ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދާއިރާ އަށް ވަޑައިނުގަންނަވާތީ މުސްތަފާ ކަންބޮޑުވޭ. މިހާރު/ ފައިލް ފޮޓޯ

އޭނާ ވިދާޅުވީ މިދިޔަ ހަފުތާގެ ބަންދުގައި ރައީސް އެ ދާއިރާ އަށް ވަޑައިގަންނަވާނެ ކަމަށް ކުރިން ބެލެވުނު ކަމަށާއި އެހެން ނަމަވެސް އެމަނިކުފާނު ވަޑައިގަންނަވާނެ ދުވަހެއް އަދިވެސް ސާފު ނުވާ ކަމަށެވެ. އެހެން ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު އަންނަ ހުކުރު ދުވަހު ވަޑައިގަންނަވާނެކަން މިހާރު ވަނީ އަންގަވައިފައި ކަމަށް މުސްތަފާ ވިދާޅުވި އެވެ. އޭނާ ވިދާޅުވިގޮތުގައި ނަޝީދު ވަޑައިގަންނަވާނެ ތާރީހެއް ލިބުނީ ވެސް ދެ ހަފްތާއެއް ހާ ދުވަހުގެ މަޝްވަރާތަކަށް ފަހު ކަމަށެވެ.

ރިޔާޒްގެ ކެމްޕޭނަށް ޖަވާބުދޭން ސަރުކާރުން މަސައްކަތް ކޮށްފައިވާ ނުވާއިރު، ނައިބު ރައީސް ފައިސަލް ނަސީމާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އަދި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވެސް ވަނީ ތިމަރަފުށީ ދާއިރާ އަށް ވަޑައިގެން ރިޔާޒަށް ކެމްޕޭން ކުރައްވައިފަ އެވެ. ސަރުކާރުގެ ކެންޑިޑޭޓަކީ ރިޔާޒް ކަމަކަށް ނައިބު ރައީސް ފައިސަލް ވިދާޅުވެފައެއް ނުވެ އެވެ. އެހެން ނަމަވެސް ސަމީރު އެގޮތަށް ވާހަކަ ދެއްކެވި ކަމަށް ވެ އެވެ.

"ސަމީރު ވަޑައިގެން މި ވިދާޅުވަނީ ތިމަންނާ މިއައީ ސަރުކާރުން ފޮނުވައިގެންނޭ، ރިޔާޒަށް ތާއީދު ހޯދަން. ދެން މިކަހަލަ ވާހަކަ މިބޭފުޅުން ދައްކަވާ އިރު ސަރުކާރުން މިއަށް ޖަވާބެއް ނުދޭތީ އަޅުގަނޑު ވަރަށް ކަންބޮޑުވޭ."