ނިޒާމާ ބެހޭ ކަންކަން ނިންމަވާނީ ރައީސް: ނަޝީދު

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން އެމްޑީޕީން މަސައްކަތް ކުރަން ވިޔަސް ނުވަތަ ނުކުރަން ވިޔަސް އެކަން ނިންމަވާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވިލިނގިލި ދާއިރާ އަށް ވާދަކުރައްވާ ހާރޫނު ރަޝީދަށް ކެމްޕޭން ކުރަން ކޮލަމާފުށީގައި މިއަދު ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ނިޒާމު ބަދަލުކުރުމުގެ ނިންމުމާ ދިމާލަށް ޕާޓީ ގެންދިއުމުގެ ހުރިހާ އިޚުތިޔާރެއް ރައީސަށް ދޫކޮށްލައިފައިވާ ކަމަށެވެ. އެކަމުގައި އެހެން ބަޔަކަށް ގޮތެއް ނުނިންމޭނެ ކަމަށާއި އެމްޑީޕީ އޮންނާނީ ބަދަހިކޮށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރާނެތޯ، އެކަން ވެސް ނިންމަވާނީ ރައީސުލްޖުމްހޫރިއްޔާ. އެހެން ބައެއް ނޫން. ރައީސުލް ޖުމްހޫރިއްޔާ އަށް ފެނިވަޑައިގެން ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން އެހެން ގޮތަކަށް އަމަލުކުރަން ފެނިވަޑައިގަންނަވާ ނަމަ އެކަން ވެސް ނިންމުމުގެ ބާރު، ނިންމުމުގެ އިޚްތިޔާރު، ނުވަތަ އެ ނިންމުމާ ދިމާލަށް ޕާޓީ ގެންދިއުމުގެ އިޚްތިޔާރު، ހުރިހާ ކަމެއް އަޅުގަނޑުމެން ދޫކޮށްފައި ވާނީ ރައީސުލްޖުމްހޫރިއްޔާ އަށް،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދަން އެމްޑީޕީން އުޅެނީ ރާއްޖޭގެ ތަރައްގީ އަށް މަސައްކަތް ކުރަން ކަމަށާއި އެހެން މަގުސަދެއް ނެތް ކަމަށެވެ. ފާއިތުވި 15 އަހަރު ވެސް އެމްޑީޕީން މަސައްކަތްކޮށްފައި ވާނީ އެގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އެހެން މަގުސަދެއް، މިދިޔަ 15 އަހަރު ވެސް އަޅުގަނޑުމެނެއް ނުދައްކަން، ނުބުނަން، ނެތް،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ނަޝީދު ވާދަކުރައްވަނީ މައްޗަންގޮޅި މެދު ދާއިރާއަށެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރައްވަން ނަޝީދު އުޅުއްވާ ކަމަށް ވާހަކަ ދެކެވެން ފެށީ މަޖިލީހުގެ އިންތިހާބުގައި އެމަނިކުފާނު ވާދަކުރައްވާނެކަން އިއުލާނު ކުރެއްވި ހިސާބުންނެވެ.

ރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމެއް ކަނޑައަޅަން 2007 ވަނަ އަހަރު ނެގި ފެންނަ ނުފެންނަ ވޯޓުގައި އެމްޑީޕީން ތާއީދުކުރީ ބަރުލަމާނީ ނިޒާމަކަށެވެ. އެ ވޯޓުގައި އޮޅުވާލުންތަކެއް ހުރި ކަމަށް އެމްޑީޕީން އޭރު ތުހުމަތު ކުރި އެވެ. ޓީވީއެމުން ރޭ ބޭއްވި ބަހުސްގައި ނަޝީދު އެ ތުހުމަތު ތަކުރާރު ކުރެއްވި އެވެ.

ބަހުސްގައި އެމަނިކުފާނު ވިދާޅުވީ ވެރިކަމުގެ ނިޒާމުގެ ކަންތަކުގައި ކުރިއަށް އޮތްތަނުގައި ވެސް އެމަނިކުފާނު ގަބޫލު ކުރައްވާނީ ރައްޔިތުން ނިންމާ ނިންމުމެއް ކަމަށެެވެ.

"ޖެހޭނީ ރައްޔިތުންގެ ވޯޓަކަށް ދާން. ދިވެހިރާއްޖޭގެ ރައްޔިތުން ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއް ކަމަށް ކަނޑައަޅައިފި ނަމަ އެގޮތަށް އަމަލު ކުރަން އަޅުގަނޑު މިހިރީ ވަރަށް ބޮޑަށް ތައްޔާރަށް. އަދި އެހެން ގޮތަކަށް ރައްޔިތުން ނިންމިޔަސް އަޅުގަނޑު މިހުރީ ވަރަށް ބޮޑަށް ތައްޔާރަށް،" ނަޝީދު ވިދާޅުވި އެވެ.