ވޯޓުލާން ރަޖިސްޓަރީ ކޮށްފައިވާ ގޮތް "މިހާރު" މަޖިލިސް ވެބްސައިޓުން

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް "މިހާރު" ން ހާއްސަކުރި ވެބްސައިޓުގައި، ވޯޓުލާ މީހުންގެ އަދަދާ ގުޅޭ މުހިންމު މައުލޫމާތު ހިމަނައި އިތުރަށް ފުރިހަމަކޮށްފި އެވެ.


އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މައުލޫމާތާއި ވަނަވަރު އެނގޭ ގޮތަށް ހަދާފައިވާ ވެބްސައިޓުން އިންތިހާބީ ކޮންމެ ދާއިރާއެއްގެ މައުލޫމާތު ވެސް މިހާރު ވަކިން ފެންނަން ހުންނާނެ އެވެ. އެގޮތުން، އެ ދާއިރާއެއްގައި ތިބި އަލަށް ވޯޓުލާ މީހުންގެ އަދަދާއި އެކި އުމުރުފުރާތަކުގެ މީހުންގެ އަދަދު ވެސް އެނގޭނެ އެވެ. އަދި ވޯޓުލާ އާބާދީގައި ތިބި އަންހެނުންނާއި ފިރިހެނުންގެ އަދަދާއި ޕަސެންޓޭޖް ވެސް ވަކިން ފެންނާނެ އެވެ.

ވޯޓު ލާ މީހުންގެ އުމުރުފުރާތައް ބެހިފައިވާ ގޮތް

ދާއިރާގެ ވޯޓުލާ އާބާދީގެ ތެރެއިން، ދާއިރާ އިން ބޭރުގައި ހުރި ފޮށިތަކަށް ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ އަދަދު ވެސް ވެބްސައިޓުގައި ވަކިން ފެންނާނެ އެވެ. އެގޮތުން، ދާއިރާގެ މީހުންގެ ތެރެއިން މާލެ، ރިސޯޓްތައް، އެހެނިހެން ރަށްތައް، ރާއްޖޭން ބޭރު އަދި އެހެނިހެން ތަންތަނަށް ރަޖިސްޓަރީކުރި އަދަދާއި ޕަސެންޓޭޖް ވެސް ވަކިން، ފަސޭހައިން ފެންނާނެ އެވެ.

ވޯޓު ލާ މީހުންގެ އާބާދީގައި އަންހެނުންނާއި ފިރިހެނުންގެ ނިސްބަތް

މައުލޫމާތުން ދައްކާ ގޮތުން، ނިސްބަތްވާ ދާއިރާގައި ވޯޓުލާން ރަޖިސްޓަރީކޮށްފައި ވަނީ 182،842 މީހުންނެވެ. ރާއްޖޭން ބޭރުގައި 5،697 މީހަކު ވޯޓުލާނެ އެވެ. މާލޭގައި ބަހައްޓާފައިވާ ފޮށިތަކަށް އެހެން ރަށްރަށުގެ 47،767 މީހަކު ވޯޓުލާން ރަޖިސްޓަރީކޮށްފައިވެ އެވެ. މީގެ އިތުރުން ރިސޯޓްތަކުގައި ވޯޓުލާން 4،276 މީހަކު ރަޖިސްޓްރީކޮށްފައިވެ އެވެ. ސިނާއީ މަސައްކަތްކުރާ ރަށްތަކާއި ޖަލު ފަދަ ތަންތަނުގައި ބަހައްޓާ ފޮށިތަކަސް ވޯޓު ލާން ރަޖިސްޓްރީކޮށްފައި ވަނީ 8,993 މީހެކެވެ. އަދި އެމީހަކު ނިސްބަތްވާ ދާއިރާ ފިޔަވައި މީހުން ދިރިއުޅޭ ރާއްޖޭގެ އެހެން ރަށެއްގައި ވޯޓުލާން 14867 މީހުން ރަޖީސްޓްރީ ކޮށްފައިވެ އެވެ.

"މިހާރު" ގެ މަޖިލިސް ވެބްސައިޓް ލޯންޗްކުރި އިރު ވެސް ކޮންމެ ދާއިރާއެއް އަދި ރަށެއް ވަކިން، އެ ރަށެއްގެ ވޯޓުލާ މީހުންގެ އަދަދު އެނގޭނެ ގޮތް ވަނީ ހަދައިފަ އެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 264،442 އެވެ. މަޖިލީހުގެ 87 ދާއިރާ އަށް 386 ކެންޑިޑޭޓަކު ވާދަކުރާއިރު ވޯޓުލުމަށް 501 ފޮށި، ރާއްޖެ އާއި ރާއްޖޭން ބޭރުގައި ބަހައްޓަން ވަނީ ނިންމައިފަ އެވެ.