އަދީބަކީ ޔާމީން ސަރުކާރުގައި އަޅުގަނޑުމެން އެޅުވި ފަންޏެއް: ނަޝީދު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި "އަޅުގަނޑުމެން އެޅުވި ފަންޏެއް" ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހަންމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.


ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކެނދިކުޅުދޫ ދާއިރާ އަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު އީސާ އަށް ކެމްޕޭން ކުރައްވަން ނ. ކުޑަފަރީގައި ބޭއްވި ޖަލްސާއެއްގައި ނަޝީދު ވިދާޅުވީ، ޔާމީންގެ ސަރުކާރު ބަދަލު ކުރެވުނީ އެ ސަރުކާރުގައި އެމްޑީޕީން ރެނދެއް އެޅުވުމުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެ ރެނދަކީ އަދީބެވެ.

ޔާމީން ސަރުކާރުގެ ވަޒީރުންނަށް ރައްޔިތުންގެ މަޖިލިހުން ރުހުން ދިންއިރު އަދީބަށް ރުހުން ނުދޭން އެމްޑީޕީން ވިޕްލައިނެއް ނެރުނު ކަމަށާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރުގެ ގޮތުގައި އޭރު ހުންނެވި އަހުމަދު އީސާ އެ ވިޕްލައިނާ ހިލާފުވެވަޑައިގަތީ ނަޝީދުގެ އެދިވަޑައިގަތުމަކަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އޭރު އަޅުގަނޑުމެން ޕާޓީގެ ވިޕްލައިން ވެސް އޮތީ އަޅާ ނިންމާފައި. ދެން އަޅުގަނޑު އީސަ އަށް ދަންނަވައިފިން އީސާއޭ ކަލޭ [ވޯޓު] ލާށޭ އޭނަޔަށް، އަދީބަށް. ދީގެން އޭނާ ވަޒީރަކަށް ހަދާށޭ. އަދީބަށް ވަޒީރުކަން ލިބުނީ އީސަގެ ވޯޓުން. އެންމެ ވޯޓަކުން،" ނަޝީދު

"ދެން އަޅުގަނޑުގެ ހިތަށް ވަން އެއްޗަކީ އެހާ ރަނގަޅު ފަންޏެއް އެ ވަޒީރުންގެ މަޖިލީހުގައި އެޅުވެން އޮތް އިރުގައި އަދި ރައީސް ޔާމީނުގެ ވެރިކަމަށް ލޮޅުމެއް ގެނެވެން އޮތީ އެ ވެރިކަން ބައިކޮށްގެންކަން. އެ ވެރިކަމުގެ ތެރޭގައި އަޅުގަނޑުމެން ފަންޏެއް އަޅުވައިގެންކަން، ގުޑުމެއް ގެނެސްގެންކަން. އެއީ އަބަދުވެސް އަޅުގަނޑު ދުށް ހުރި ހަގީގަތެއް،" މަޖިލިހުން އަދީބަށް ރުހުން ނުދިނުމަށް އެމްޑީޕީން ނެރުނު ވިޕްލައިނާ އަހުމަދު އީސާ ޚިލާފުވުމުން އެކަން ދިފާއު ކުރައްވައި ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ދެން ވިދާޅުވީ އަދީބު ވަޒީރު ކަަމަށް ގެނެސްފި ނަމަ އޭނާ އިންތިހާ އަށް ކޮރަޕްޓްވާނެ ކަމަށް އޭރު ވެސް ދެކެވަޑައިގެންނެވި ކަމަށާއި އަދި އެ އޮއިވަރުގައި ޔާމީން ޖެހިވަޑައިގަންނަވާނެ ކަން ވެސް ގަބޫލުފުޅު ކުރެއްވުނު ކަމަށެވެ.

"އޭރު އަޅުގަނޑުމެން ޕާޓީގެ ވިޕްލައިން ވެސް އޮތީ އަޅާ ނިންމާފައި. މިއީ އަޅުގަނޑަކަށް ހަގީގަތުގައި ދެއްކެން އޮތް ބާވަތުގެ ވާހަކައެއް ނޫން. އެހެން ނަމަވެސް އަޅުގަނޑަކަށް ނުވިސްނޭ ކޮން ކަމަކާ ކަމެއް މި ކުޑަފަރީ ބޭފުޅުން ރައްޔިތުން މިކަމެއް އޮޅުންފިލުވާން މި އުޅެނީ. ދެން އަޅުގަނޑު އީސަ އަށް ދަންނަވައިފިން އީސާއޭ ކަލޭ [ވޯޓު] ލާށޭ އޭނަޔަށް، އަދީބަށް. ދީގެން އޭނާ ވަޒީރަކަށް ހަދާށޭ. އަދީބަށް ވަޒީރުކަން ލިބުނީ އީސަގެ ވޯޓުން. އެންމެ ވޯޓަކުން،" ނަޝީދު ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ނ. ކުޑަފަރީއަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވަނީ

ނަޝީދު ވިދާޅުވި ގޮތުގައި، އަދީބަށް ރުހުން ދެއްވަން ވިދާޅުވުމުން އީސަ އެކަމަށް އިންކާރު ކުރައްވައި ޝަކުވާ ވެސް ކުރެއްވި އެވެ. އަދީބަށް ވޯޓު ދެއްވަން ވިދާޅުވެ އީސަ އަށް ދެއްވި ނަސޭހަތް ގަބޫލު ނުކުރައްވަން އަނބިކަނބަލުން ލައިލާ އަލީ ވެސް އީސައާ ވާހަކަ ދެއްކެވި ކަމަށް ނަޝީދު ވިދާޅުވި އެވެ. ދެން ވިދާޅުވީ އީސަ އަކީ އެމަނިކުފާނު ދައްކަވާ ވާހަކަފުޅު ގަބޫލުކުރައްވާ ބޭފުޅެއް ކަމަށެވެ.

"ދެން އީސަ ނުކުމެގެން ދަނިކޮށް އަޅުގަނޑުގެ އަންހެނުން ވެސް ބުނެފި އީސާއޭ އޭނަ ދައްކާ ވާހަކަ ގަބޫލުކުރާކަށް ނުވާނެއޭ،" ނަޝީދު ވިދާޅުވި އެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ހިނގައިދިޔަ އެންމެ ބޮޑު ހިޔާނާތުގެ މައްސަލަ ކަމަށްވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ އަދީބެވެ. އަދި ރައީސް ޔާމީންގެ ވެރިކަން އެންމެ ބޮޑަށް ބަލިކަށިވީ ހިޔާނާތުގެ އެ މައްސަލަ ފަޅާ އެރުމުންނެވެ.