ދ. އަތޮޅު ހޮސްޕިޓަލުގެ ރަންޔޫބީލް ފާހަގަކުރަން ފަސްޓްއެއިޑް ދަސްކޮށްދިނުމުގެ ބޮޑު ހަރަކާތެއް

ދ. ކުޑަހުވަދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލްގެ ރަން ޔޫބީލް ފާހަގަކުރަން ފަސްޓް އެއިޑް ދަސްކޮށްދިނުމުގެ ބޮޑު ހަރަކާތެއް ހިންގަން ނިންމައިފި އެވެ.


އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފަސްޓްއެއިޑް ޓްރެއިނިންގައި ރަށުގެ ކޮންމެ ގެއަކުންނާއި ކޮންމެ މަސް ދޯންޏަކުން ވެސް މީހަކު ބައިވެރިވާނެ ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި އެއް ދުވަހަށް ކުރިއަށްގެންދާ ޓްރެއިނިންގައި 460 އަށްވުރެ ގިނަ މީހުން ބައިވެރިވާނެ އެވެ. ޓްރެއިނިން ނިންމުމަށް ފަހު ކޮންމެ ގެއަކަށާއި ދޯންޏަކަށް، ގްރޭޓާ މާލެ ކޯޕަރޭޝަން ކުންފުނީގެ އެހީއާއެކު ފަސްޓްއެއިޑް ކިޓެއް ދޭން ވެސް ވަނީ ނިންމައިފަ އެވެ.

އެ ޓްރެއިނިންގައި 19-45 އަހަރާ ދެމެދުގެ މީހުން ބައިވެރިވާނެ އެވެ. އެކި އުމުރުގެ މީހުން ތިބުމުން ފަސްޓްއެއިޑް ދަސްކޮށްދޭން ނިންމާފައިވަނީ ވެސް 25 ގްރޫޕަކަށް ބަހާލައިގެންނެވެ.

"އުމުރަށް ބަލައިގެން ޓްރެއިނިން ދޭން ނިންމާފައިވަނީ. ދަސްކޮށްދޭނެ، ހޭނެތިފައި ތިބޭ މީހުންނަށް ކަންތައްކޮށްދޭން ޖެހޭ ގޮތާއި ގެނބިއްޖެއްޔާ ކަންތައް ކުރާނެ ގޮތާއި ހާޓް އެޓޭކެއް ޖެހިފައިވާ ނަމަ ކަންތައް ކުރާނެ ގޮތް،" އޮފިޝަލް ވިދާޅުވި އެވެ.

ކޮންމެ ހޮނިހިރު ދުވަހެއްގައި ތަމްރީނުތައް ކުރިއަށްގެންދާއިރު އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން އެ ތަމްރީނުތައް ނިންމުމެވެ.

ޖުލައި 21، 1969 ގައި ހުޅުވި ކުޑަހުވަދޫ ހޮސްޕިޓަލުގައި ސްޕެޝަލިސްޓް ފަސް ޑޮކްޓަރުން މަސައްކަތްކުރެ އެވެ. އެއީ ކުޑަކުދިންގެ ބަލިތަކާއި އަންހެނުންގެ ބަލިތަކާއި އެތެރެހަށީގެ ބަލިތަކާއި އޮޕަރޭޝަން ޑޮކްޓަރާއި ހޭނައްތާ ޑޮކްޓަރެވެ. ކޮންމެ ދުވަހަކު ވެސް 80 އަށްވުރެ ގިނަ މީހުން އެތަނުން ފަރުވާ ހޯދާއިރު މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި އާ ހޮސްޕިޓަލެއް އެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ.

ދ. އަތޮޅު ހޮސްޕިޓަލަށް 50 އަހަރު ފުރުން އެ އަތޮޅު އެކި ރަށްރަށުގައި ވެސް ފާހަގަކުރަން ވަނީ ނިންމައިފަ އެވެ.