މަތިވެރީގައި ރޯވި ގެސްޓްހައުސް އިން ރާފުޅިތަކެއް ފެނުނު

އއ. މަތިވެރީގައި އާދިއްތަ ދުވަހުގެ ރޭ ރޯވި ގެސްޓްހައުސް ތެރެއިން ތިން ފުޅި ރާ ފެނުނުކަމަށް ފުލުހުން މިއަދު ބުނެފި އެވެ.


"ކާޒާ މިއާ" ގެސްޓްހައުސް އަކީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާއަށް ހޮނިހިރު ދުވަހު އިންތިހާބުވެވަޑައިގަތް އަބްދުﷲ ޖާބިރުގެ ތަނެކެވެ.

ފުލުހުން ބުނި ގޮތުގައި އެ ގެސްޓްހައުސްގެ ކޮޓަރިއެއްގައި ރާ ފުޅިތަކެއް ހުރި ކަމުގެ މައުލޫމާތު ލިބުނީ، އަލިފާން ރޯވުމުން ކޮޓަރިތައް ހުސްކުރަން އުޅެނިކޮށެވެ. އެކަމާ ގުޅޭ ތަފްސީލެއް ފުލުހުން ނުދެ އެވެ.

ގެސްޓްހައުސްގައި ރޯވި މައްސަލަ އިތުރަށް ތަހުގީގުކުރަން ފުލުހުންގެ ޓީމެއް އިއްޔެ އެ ރަށަށް ދިޔަ އެވެ.

މަތިވެރީގެ ގެސްޓު ހައުސްގައި ރޯވެފައި -- ފޮޓޯ: މިހާރު

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުން ނެވެ.

މަތިވެރި ކައުންސިލުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ރޯވި ގެސްޓްހައުސްގައި އެ ރަށު ބަޔަކު ރޯކޮށްލީ ކަމަށް ޚަބަރު ފަތުރާފައި ވިޔަސް އެއީ ދޮގެއް ކަމަށެވެ. އަދި 2017 ވަނަ އަހަރު އެ ގެސްޓްހައުސް ހުރި ބިން ކުއްޔަށް ދިން ނަމަވެސް ކައުންސިލަށް ލިބެންޖެހޭ ކުލި ނުލިބޭ ކަމަށެވެ. މިދިޔަ ދެ އަހަރުގެ ކުއްޔަށްވާ ދެ މިލިއަން ރުފިޔާ ވެސް އޮތީ ނުލިބި އެވެ.