ހޫނު ގަދަ ދުވަސްކޮޅަކަށް ފަހު ވިއްސާރައިގެ އަސަރުތައް

ހޫނު ގަދަ ދުވަަސްކޮޅަކަށް ފަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރައިގެ އަސަރުކުރަން ފަށައިފި ކަމަށް، މޫސުމާ ބެހޭ ގައުމީ މަރުކަޒު، މެޓުން މިއަދު ބުނެފި އެވެ.


މެޓްގެ އޮފިޝަލަކު "މިހާރު"އަށް ވިދާޅުވީ މި ދުވަސްވަރު ރާއްޖެއަށް ދިމާވެފައިވާ ހޫނު ގަދަވުމުގެ މައްސަލަ އަންނަ އަންގާރަދުވަހުން ފެށިގެން ރަނގަޅުވާން ފަށާނެ ކަމަށް، ލަފާކުރެވޭ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މިދިޔަ މާޗު މަހަކީ މި ފަހުން މުޅި ދުނިޔޭގައި ވެސް ދެ ވަނައަށް އެންމެ ހޫނު ގަދަވި މަހެވެ. އަދި މި މަހު ރާއްޖެއަށް ހޫނުގެ އަސަރު ބޮޑުވީ މިދިއަ މަސް އެހާ ހޫނު ވުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މެޓުން ބުނި ގޮތުގައި ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކެރީގެ އަސަރުކުރަން ވަނީ ފަށައިފަ އެވެ. އެހެންކަމުން މިހާރަށް ވުރެ ހޫނުމިން ދަށްވާން ފަށާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"ރާއްޖޭގެ އެކި ހިސާބުތަކަށް މަޑުމަޑުން ވިއްސާރަކުރަން ފަށައިފި. ދެކުނުގެ ހިސާބުތަކަށް މިރޭ ވިއްސާރަވާނެ ކަމަށް ދައްކަނީ. ރޭގައި ވެސް ގާފަރު ހިސާބަށް ކެރީގެ އަސަރުކޮށްފައިވޭ،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވައި ވެސް އަންނަނީ ހުޅަނގަށް ބަދަލުވަމުންނެވެ.

މިހާރު ހިނގަމުން މި ދަނީ ހުޅަނގު މޫސުމުގެ ފުރަތަމަ ނަަކަތް ކަމަށް ވާ އައްސިދަ އެވެ. އައްސިދަ ނަކަތް ދެމިގެންދާނީ އޭޕްރީލް 9 އިން 21 އަށެވެ.

އައްސިދަ ނަކަތުގައި އާންމުކޮށް ރާއްޖޭގެ ދެކުނާއި މެދު ރާއްޖެތެރެއަށް ބޯކޮށް ވާރޭވެހެ އެވެ.

މި ދުވަސްވަރު މާލެ ސަރަހައްދުގެ ފިނިހޫނުމިންގެ އެވްރެޖްކޮށް އުޅެނީ 32-33 ޑިގްރީގަ އެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، މިއަދު މެންދުރުފަހު ދެކުނުގެ އެކި ހިސާބަށް ވިއްސާރަކުރާނެ އެވެ. އަދި އޭގެ ތެރެއިން ބައެއް ރަށްތަކަށް ގުގުރުމާ އެކު ވިއްސާރަކުރުން ވެސް އެކަށީގެންވެ އެވެ. އެހެން ހިސާބުތަކަށް މެންދުރުފަހު ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާކުރެވެ އެވެ.