ހިމޮފީލިއާގެ ފަރުވާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނަން: މިނިސްޓަރު

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު އެކުލަވާލާއިރު ހިމޮފީލިއާ އަށް ބޭނުންވާ ފަރުވާ ހިމަނަން މަސައްކަތްކުރާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.


ދުނިޔޭގެ ހިމޮފީލިއާ ދުވަސް ފާހަގަކުރަން ރާއްޖޭގެ ހިމޮފީލިއާ ސޮސައިޓީން ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، މި ބަލި ޖެހިފައިވާ މީހުންގެ އަދަދު މަދު ނަމަވެސް، މި ބަލި ތަހައްމަލުކުރާ މީހުންނަށް އެކަށީގެންވާ ފަރުވާ ލިބެންޖެހޭނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ 2020 ވަނަ އަހަރުގެ ބަޖެޓު ފާސްކުރާ ހިސާބުން ފެށިގެން ތިބޭފުޅުން ބޭނުންވާ ވަސީލަތްތައް ހޯދުމަށް އެއްވެސް ގޮންޖެހުމެއް ނެތް މިންވަރަށް މަސައްކަތް ކުރުމަށް އަޅުގަނޑުމެން ސަރުކާރުގެ ތެރޭގެ އިންތިޒާމުތައް ހަމަޖައްސާނަން،" މިނިސްޓަރު އަމީން ވިދާޅުވި އެވެ.

މިނިސްޓަރު އަމީން މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހިމޮފީލިއާ އަކީ އާއިލީ ގޮތުން ވާރުތުވާ ލޭގެ ބައްޔެކެވެ. މި ބަލި ޖެހޭ މީހުންގެ ލޭ މަނާވުމުގައި ނުވަތަ ކްލޮޓު ވުމުގައި މައްސަލަތަކެއް ދިމާވެ އެވެ. އެއީ ހަށިގަނޑަށް ބޭނުންވާ ބައެއް މާއްދާތައް އެ މީހުންގެ ގައިގައި މަދުވުމުންނެވެ. ލޭ އައުމުން ނުވަތަ ތަނެއްގައި ޖެހުމުން މި ބަލި ހުންނަ މީހުން އުޅެން ޖެހެނީ ވަރަށް ވޭނުގަ އެވެ. އެއީ ލޭ މަނާނުވާތީ އާއި ޖެހިތަދުވާ ތަނަކަށް ހަށިގަނޑުގެ ތެރޭގައި ލޭ އެޅޭތީ އެވެ. އެ ފަދަ ކަމެއް ދިމާވާ އިރު އަވަހަށް ފަރުވާ ނުދެވިއްޖެ ނަމަ، ހުޅުތައް ދުޅަވެ ދާއިމީކޮށް ނުކުޅެދުން އެކަށީގެން ވެ އެވެ. އަދި ބައެއް ފަހަރު ފައި ކަހަލަ ގުނަވަނެއް ބުރިކޮށްލަން ޖެހޭ ހާލަތު ވެސް އާދެ އެވެ.

ރާއްޖޭގައި 2011 ވަނަ ހިމޮފީލިއާ ސޮސައިޓީ އުފެއްދި، އެތަނުގެ ރައީސް އަދި ފައުންޑަރު އަހުމަދު ނަސީރު ވިދާޅުވީ މި ބަލި ތަހައްމަލުކުރާ 18 މީހަކު ރާއްޖޭގައި އުޅޭ ކަމަށެވެ. އަދި މި ބަލި މިހާރު ފެންނަ ވަރު އިތުރުކަމަށް ވިދާޅުވެ، މި ބައްޔަށް ފަރުވާ ހޯދާ މީހުންނަށް މި ސަރުކާރުން އަޅާލާތީ ޝުކުރު ދެންނެވި އެވެ.

ދުނިޔޭގެ ހިމޮފީލިއާ ދުވަސް ފާހަގަކުރަން ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ބައެއް މީހުން -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިނިސްޓަރު އަމީން ވިދާޅުވީ ބަލި ތަހައްމަލު ކުރާ މީހުންގެ އަދަދު މަދު ނަމަވެސް ބައްޔަށް ލިބެންވާ އެކަށީގެންވާ ފަރުވާ ގާނޫނާއި ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ލިބެން ޖެހޭނެ ކަމަށެވެ.

"މި ފުރުސަތުގައި [ދަންނަވަން] މިހާތަނަށް މިހާ މަދު އަދަދެއްގެ މީހުން ފަރުވާ ހޯދަން ޖެހޭ ބޭފުޅުންނަށް ވީމަ، [ސަރުކާރުގެ] ސަމާލުކަމަށް ނައިސް އޮންނަން ޖެހޭނެ ކަމަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި، މި ބަލި ތަހައްމަލުު ކުރާ މީހުންނަށް ބަލީގެ މައުލޫމާތު ކާޑެއް ހަވާލު ކުރި އެވެ. އެއީ ބައްޔަށް އެންމެ އެކަށީގެންވާ ފަރުވާ ތަފްސީލު ކޮށްދީފައިވާ ކާޑެކެވެ. މި ކާޑު ދިނީ ސިއްހީ ފަރުވާ ބޭނުންވާ ވަގުތު، ފަރުވާ ދޭ ފަރާތްތަކަށް އެކަށީގެންވާ ވަރަށް މައުލޫމާތު ލިބިފައި ނުވުމުން ދިން ލިއުމެއް ކަމަށް އެ ސޮސައިޓީގެ ރައީސް ވިދާޅުވި އެވެ.

ދުނިޔޭގެ ހިމޮފީލިއާ ދުވަސް ފާހަގަކުރަން ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ބައެއް މީހުން -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި ބައްދަލުވުމުގައި، އައިޖީއެމްއެޗުގައި މަސައްކަތް ކުރައްވާ ޑރ. މުހައްމަދު އަލީ ވިދާޅުވީ، ހިމޮފީލިއާ އަށް ކުރިން ފަރުވާ ދެމުން އަންނަނީ މީހަކަށް އަނިޔާއެއް ލިބުމުން، އެ އަށް ކަމަށެވެ. ނަމަވެސް، އެހެން ފަރުވާ ދޭ ނަމަ، އަނިިޔާވާ ކޮންމެ ފަހަރަކު 400 ޑޮލަރާއި 4،000 ޑޮލަރުގެ އަދަދު ހޭދަވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ޒަމާނީ ދިރާސާތަކާ އެކު، އަދި ދުނިޔޭގެ ހިމޮފީލިއާ ފެޑަރޭޝަންގެ ލަފައާ އެކު މިހާރު އެ ބައްޔަށް ފަރުދާ ދެނީ، ބޭނުންވާ މާއްދާ ކުޑައިރުން ފެށިގެން ގަވައިދުން ދީގެންނެވެ. ނަމަވެސް، އެއީ އަގޮބޮޑު މާއްދާއެއް ކަމަށް ވުމުން، އެ ފަރުވާ ހޯދަން އާއިލާތަކަށް މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކަށް ކުރިމަތިލާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ހިމޮފީލިއާ ސޮސައިޓީ އަންނަނީ ދުނިޔޭގެ ހިމޮފީލިއާ ފެޑަރޭޝަނާ އެކު ގާތުން މަސައްކަތް ކުރަމުންނެވެ. މިދިޔަ ދެ އަހަރު އައިޖީއެމްއެޗްގެ އެކި ސިއްހީ މަސައްކަތްތެރިންނަށް ހިމޮފީލިއާއާ ގުޅޭ އެކި ތަމްރީން ޕްރޮގްރާމް ހަދަން ރާއްޖޭގެ ސޮސައިޓީން ވަނީ ބޭރަށް ފޮނުވައިފަ އެވެ.