ފަޅުރަށުން ހޯދި ޑްރަގްސްގެ މައްސަލާގައި ހައްޔަރުކުރި މީހުން ބަންދަށް

ގދ. ހުޅުވާރުލުގައި ވަޅުލާފައި ހުރި 150 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ފަސް މީހުންގެ ބަންދުގެ މުއްދަތު ރޭ އިތުރުކޮށްފި އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފަޅު ރަށުގައި ވަޅުލާފައި ހުރި މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ފަސް ފިރިހެނުންގެ ތެރެއިން އެކެއްގެ ބަންދަށް 10 ދުވަސް އިތުރުކޮށްފައިވާއިރު ބާކީ ތިބި ހަތަރު މީހުން، ޝަރީއަތް ނިމެންދެން ބަންދުކުރަން އެ އަތޮޅު ގައްދޫ ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުން ރާއްޖެ އަށް ޓްރެފިކް ކުރި އެ އެއްޗެހީގެ މަގުމަތީ އަގު އުޅެނީ ގާތްގަނޑަކަށް 260 މިލިއަން ރުފިޔާގައި ކަމަށް ފުލުހުން ބުންޏެވެ. އެ ތަކެތި ފަޅުރަށަށް ގެންދިޔައީ ލޯންޗެއްގަ އެވެ.

ފުލުހުން ރޭ ބުނީ ވަޅުލާފައި ހުރި މަސްތުވާތަކެތި އަތުލައިގަންނަން 72 ގަޑިއިރު ވަންދެން ގދ. އަތޮޅުގެ ކަނޑުގެ ސަރަހައްދުތަކާއި ފަޅުގެ ސަރަހައްދުތައް އޮޕަރޭޝަން ހިންގާފައިވާ ކަމަށެވެ. އެ އޮޕަރޭޝަން ހިންގާފައިވަނީ ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑާއި ޑިވިޝަން ޕޮލިސީ ކޮމާންޑްގެ އިތުރުން ޑްރަގް އިންޓެލިޖެންސް ގުޅިގެންނެވެ.