އަމިއްލަ ފަރާތަކުން އަލުން އިމާރާތްކުރި މުހައްމަދު ޖަމީލް މިސްކިތް (ފައި ފުހޭ މިސްކިތް) މިއަދު ހުޅުވައިފި އެވެ.

މާފަންނު ލައިނޫފަރު މަގުގައި ހުރި ކުޑަ މި މިސްކިތް 2017 ވަނަ އަހަރު އަލުން އިމާރާތްކުރަން ފަށައި މިއަދު ހުޅުވާފައި ވަނީ ހަތަރު ބުރިއަށް ހަދައި 1،300 މީހުންގެ ޖާގަ އޮންނަ ގޮތަށެވެ. މިއަދުގެ އަސުރު ނަމާދަށް މި މިސްކިތް ހުޅުއްވައިދެއްވީ އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ. އިސްލާމިކް މިނިސްޓްރީގެ އިސް ބައެއް ބޭފުޅުން ވެސް ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތެވެ.

މުހައްމަދު ޖަމީލް މިސްކިތް. -- ފޮޓޯ: ނިޝާން އަލީ/މިހާރު
މުހައްމަދު ޖަމީލް މިސްކިތް. -- ފޮޓޯ: ނިޝާން އަލީ/މިހާރު

ރާއްޖޭގެ ދީނީ އިލްމުވެރިޔާ އަދި އަދީބު މުހައްމަދު ޖަމީލްދީދީގެ ނަންފުޅަށް ނިސްބަތްވާ މިސްކިތް ހަދާފައި ވަނީ ހުރިހާ ފްލޯއެގައި ވެސް މާބުލް ޖަހައި، ޒީނަތްތެރިކޮށްފަ އެވެ.

އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިސްކިތް ހުޅުއްވައިދެއްވަނީ. ފޮޓޯ: ނިޝާން އަލީ/މިހާރު
އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިސްކިތް ހުޅުއްވައިދެއްވަނީ. ފޮޓޯ: ނިޝާން އަލީ/މިހާރު

ނަމާދު ކުރާ ޖާގައިގެ އިތުރުން ދީނީ ނަސޭހަތް ދިނުމާއި ގުރުއާން ކިޔަވައި ދިނުން ފަދަ ކަންކަމަށް ހާއްސަ މަލްޓިޕާޕާސް ހޯލެއް ވެސް ހުރެ އެވެ.

މުހައްމަދު ޖަމީލް މިސްކިތް. -- ފޮޓޯ: ނިޝާން އަލީ/މިހާރު
މުހައްމަދު ޖަމީލް މިސްކިތް. -- ފޮޓޯ: ނިޝާން އަލީ/މިހާރު

މިސްކިތް ނިސްބަތްވާ ޖަމީލް ދީދީ

މި މިސްކިތުގެ ނަން ނިސްބަތްވާ ޖަމީލް ދީދީ އަކީ ރާއްޖޭގެ ދީނީ ކަންކަމަށް ވެސް އަގު ނުކުރެވެ ފަދަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ކުޑަކުދިން ދިވެހި ބަހަށް އަހުލުވެރިވީ "ކުޑަކުދިންގެ ބަގީޗާ" ގެ ނަމުގައި ފޮތެއް ނެރުއްވި އެވެ. ދީނުގެ އެންމެ އަސާސީ ކަންކަން ވެސް މި ޖީލު ދަސްކުރީ އެމަނިކުފާނުގެ "ތައުލީމުއްދިޔާނާ" ފޮތުންނެވެ. އަހުލާގު ދަސްކޮށްދެއްވުމަށް "ދުރޫސުލް އަހުލާގު" ނަމުގައި ފޮތެއް ލިޔުއްވި އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ދީނީ ދިރާސާތައް ކުރެވި ޝާއިއުކުރީ އެމަނިކުފާނު ނެރުއްވި މަޖައްލާތަކުގަ އެވެ. ހުކުރު ދުވަހު ނެރުނު "ދީނުގެ މަގު" މަޖައްލާ އަކީ އެމަނިކުފާނުގެ ހިޔާލުފުޅެކެވެ.

އެ މަނިކުފާނުގެ އަޑުފުޅުން ދިވެހިރާއްޖޭގެ އަޑުން 1960ގެ އަހަރުތަކުން ފެށިގެން 2007 އާ ހަމައަށް ގެނެސްދިން ގުރުއާނުގެ ދިވެހި ތަރުޖަމާ އަކީ އެފަދަ ދެވަނައެއް ނެތް ހަދިޔާއެކެވެ. އެ މަނިކުފާނު މާޗު 15، 1989 ގައި އަވަހާރަވި އިރު ދައުލަތަށް 45 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވެ އެވެ. މިނިސްޓްރީތަކުގެ ވަޒީރުކަން ކުރެއްވި އަބްދުﷲ ޖަމީލާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި އެހެން އިސް މަގާމުތައް ފުރުއްވި ފާތިމަތު ޖަމީލާއި އިސް މަގާމުތަކެއް ފުރުއްވި ޖާދުﷲ ޖަމީލާއި ރާއްޖޭގެ ފޮރިން މިނިސްޓަރުކަން އެންމެ ގިނަ ދުވަހު ކުރެއްވި މަރުހޫމް ފަތުހުﷲ ޖަމީލާއި ކުރީގެ ހެލްތު މިނިސްޓަރު އައިމިނަތު ޖަމީލަކީ އެ މަނިކިފާނުގެ ބޭފުޅުންނެވެ.