ޝާހިދުގެ ޗައިނާގެ ފުރަތަމަ ދަތުރު އަންނަ މަހު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، އެމަނިކުފާނުގެ ސަރުކާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާ އަށް ކުރައްވާ ފުރަތަމަ ދަތުރުގައި އަންނަ މަހު އެ ގައުމަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.


"މިހާރު" އަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ، އަންނަ ހޯމަ ދުވަހު ފަށާ މި އަހަރުގެ ރޯދަ މަސް ނިމުމުން، ޝައްވާލު މަހުގެ ތެރޭގައި ޗައިނާ އަށް ވަޑައިގަންނަވާނެ ކަމަށެވެ.

ޗައިނާ އަކީ މިހާތަނަށް ރާއްޖެ އަށް ބޮޑެތި އެހީތަކެއް ވެ ދީފައިވާ އަދި ބޮޑެތި ލޯނުތަކެއް ވެސް ފޯރުކޮށްދީފައިވާ ގައުމަކަށް ވާއިރު، މިދިޔަ އަހަރުގެ ނޮވެމްވަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފޮރިން މިނިސްޓަރު ޗައިނާ އަށް ވަޑައިގަތުން ލަސްވީ ކީއްވެތޯ ދެންނެވުމުން ޝާހިދު ވިދާޅުވީ، އެންމެ ފުރަތަމަ ވެސް އެގައުމަށް ދަތުރެއް ކުރައްވަން ފަސޭހަ ތާރީޚެއް ދިނުމަށް ޗައިނާ ސަރުކާރުގައި އެދިވަޑައިގެންނެވި ކަމަށެވެ. އެކަމަކު، އެއީ އެ ގައުމުގެ ވެރިކަން ކުރާ ޕާޓީ، ކޮމިއުނިސްޓު ޕާޓީގެ އެތެރޭގެ ޖަލްސާތަކެއް ބާއްވަމުން އައި އަދި ޗައިނާގެ ސްޕްރިންގް ފެސްޓިވަލްގެ ދުވަސްވަރަކަށް ވާތީ ދަތުރު ލަސްވީ ކަމަށް ވިދާޅުވި އެވެ.

"ކުރީގެ ސަރުކާރުން ރާއްޖޭގެ ރައްޔިތުންނަށް އެންމެ ފައިދާ ނުވާނެ ގޮތަށް ކޮށްފައިވާ ކަންކަން ހަމަ މަގަށް އެޅުވުމުގައި ޗައިނާ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން އަޅުގަނޑުމެންނަށް ލިބޭނެ،" ޝާހިދު

"ޗައިނާ އިން އަދި ކިރިޔާ ބޭރު ގައުމުތަކާ އެކު އަލުން ބައްދަލުވުންތައް ފެށީ. ބައްދަލުވުންތައް ފެށިއިރު މި އޮތީ ރަމަޟާން މަސް އައިސް. ރަމަޟާން މަހުގެ ތެރޭގައި އަޅުގަނޑުގެ އެހެން ދަތުރުތައް އެބަހުރި. އެހެންވީމާ އެކޮޅަށް ވެސް [ޗައިނާ އަށް] އަދި އަޅުގަނޑަށް ވެސް ފަސޭހަ ތާރީޚެއް ގައި ދާނަން ޗައިނާ އަށް،" ޝާހިދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖެ އާއި ޗައިނާގެ ގުޅުން ވަރަށް ރަނަގަޅެވެ. އަދި ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެސް ވަރަށް ފަހުން އެ ގައުމަށް ވަޑައިގެންނެވިކަން ޝާހިދު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ޝާހިދު "މިހާރު" އާ އިއްޔެ ވާހަކަ ދައްކަވަނީ: ޗައިނާއާ އެކު ރާއްޖެ އިން ދައްކާ ވާހަކަތަކުން ކުރިއެރުން ލިބޭނެ ކަމަށް ވިދާޅުވި.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޗައިނާއާ އެކު ރާއްޖެ އިން ގާތްގުޅުމެއް ބާއްވައި ބޮޑެތި ލޯނުތަކެއް ނަގާފައިވާއިރު، އެ ލޯނުތަކުގެ ދަރަނި ކުޑަކޮށް، ފައިސާ އަނބުރާ ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖައްސަން ޗައިނާ ސަރުކާރާ މަޝްވަރާ ކުރާނެ ކަމަށް ރާއްޖޭގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފަ އެވެ. އެކަމަކު، ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޒަން ލިޒޮން މިދިޔަ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ، ރާއްޖެ އަށް ޗައިނާ އިން ދޫކޮށްފައި ވަނީ އަނބުރާ ދައްކަން ފަސޭހަ ލޯނުތަކެއް ކަމަށެވެ.

ސަފީރު ވިދާޅުވި ގޮތުގައި، ރާއްޖެ އަށް ޗައިނާ އިން ލޯނުތައް ދީފައި ވަނީ އާމްދަނީ ލިބޭ މަޝްރޫއުތަކަށެވެ. ނަމަވެސް، ރާއްޖޭގެ ކަންބޮޑުވުމެއް އޮތް ނަމަ ފޮރިން މިނިސްޓަރު ޝާހިދު ޗައިނާ އަށް ކުރައްވާ ދަތުރުގައި މަޝްވަރާ ކުރެވިދާނެ ކަމަށް ސަފީރު ވިދާޅުވެފައި ވެ އެވެ.

ޗައިނާގެ ލޯނުތަކާ ގުޅޭ ގޮތުން ރާއްޖެއިން ބޭނުންވާ ކަންކަމަށް މަރުހަބާ ކިޔާކަން ޗައިނާ ސަފީރުގެ ވާހަކައިން އެހާ ބޮޑަށް ދޭހަނުވާ ކަމަށާއި އެހެންވެ ކުރިއެރުމެއް ލިބިދާނެތޯ ދެންނެވުމުން ޝާހިދު ވިދާޅުވީ، ހައްލެއް ފެންނާނެ ކަމަށެވެ. އަދި ޝާހިދު ވިދާޅުވީ ޗައިނާ އަކީ ރާއްޖެ އަށް ވަރަށް ބޮޑަށް ހެޔޮއެދޭ ގައުމެއް ކަމަށެވެ.

"ކުރީގެ ސަރުކާރުން ރާއްޖޭގެ ރައްޔިތުންނަށް އެންމެ ފައިދާ ނުވާނެ ގޮތަށް ކޮށްފައިވާ ކަންކަން ހަމަ މަގަށް އެޅުވުމުގައި ޗައިނާ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން އަޅުގަނޑުމެންނަށް ލިބޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެން ނިންމާ ކޮންމެ ނިންމުމެއް ވެސް ވާން ޖެހޭނީ ދިވެހިރާއްޖެ އަށް އޭގެ ފައިދާ ކުރާނެ ކަމަކަށް. ޗައިނާ ސަރުކާރު ވިޔަސް އަދި އެހެން ގައުމެއްގެ ސަރުކާރަކުން ވިޔަސް އެ ފަރާތަކުން އަޅުގަނޑުގެ މޭޒުގެ ކުރިމަތީގައި އިންނަވާ ބޭފުޅަކު ވާހަކަ ދައްކަވާނީ އެ ގައުމަކަށް އެންމެ ފައިދާކުރާނެ ގޮތަށް. އަޅުގަނޑު އަބަދުވެސް ވަކާލާތު ކުރާނީ ދިވެހި ރައްޔިތުންނަށް، ދިވެހިރާއްޖެ އަށް އެންމެ ފައިދާ ކުރާނެ ގޮތަކަށް،" ޝާހިދު ވިދާޅުވި އެވެ.

އޭނާ ޗައިނާ އަށް ކުރައްވާ ދަތުރުގައި އެ ގައުމުގެ އިތުރު އެހީތަކާއި އިންވެސްޓުމަންޓުތައް ހޯދުމަށް މަޝްވަރާ ކުރާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.