ރޮމޭނިއާގެ ބޮޑުވަޒީރުގެ ނައިބާ ޝާހިދު ބައްދަލުކުރައްވައިފި

ރޮމޭނިއާގެ ވައިސް ޕްރައިމް މިނިސްޓަރު އަނާ ބަޗޯލްއާ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ބައްދަލުކުރައްވައިފި އެވެ.


ދެ ގައުމު ދެމެދުގައި އޮންނަ ގުޅުން ބަދަހި ކުރަން މިނިސްޓަރު ރަސްމީ ދަތުރުފުޅެއްގައި އިއްޔެ އެ ގައުމަށް ވަޑައިގަތީ ރޮމޭނިއާގެ ފޮރިން މިނިސްޓަރު ތިއޮޑޯ މެލެސްކާނޯގެ ދައުވަތުގަ އެވެ.

ފޮރިން މިނިސްޓްރީން ކުރި ޓްވީޓެއް

އެ ގައުމުގެ ބޮޑުވަޒީރުގެ ޕެލަހުގައި މިއަދު ހެނދުނު ބޭއްވި މި ބައްދަލުވުމުގައި ދެ ގައުމު ދެމެދުގައި އޮންނަ ގުޅުންތައް އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ މަހުގެ ބާވައްތައް ޔޫރަޕުގެ މާކެޓުގައި މިހާރަށް ވުރެ ބޮޑަށް ޕްރޮމޯޓްކުރަން ބޭނުންވާކަން ޝާހިދު ހިއްސާކުރެއްވި އެވެ. އަދި ދެ ގައުމު ގުޅިގެން ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާ އާއި ވިިޔަފާރި އާއި އިންފޮމޭޝަން ޓެކްނޮލޮޖީ އިތުރަށް ތަރައްގީކުރެވޭނެ ގޮތްތައް ވެސް މަޝްވަރާކުރި ކަމަށް އެ މިނިސްޓްރީން ބުންޏެވެ. މީގެ އިތުރުން، ގުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރާނެ ގޮތްތަކާއި ޓެރަރިޒަމާއި ހައްދުފަހަނައަޅައިދިއުމާ ދެކޮޅަށް ކުރެވޭނެ ކަންތައްތަކާ ބެހޭ ގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށްފައި ވެ އެވެ.

ރާއްޖޭގެބ ވަފުދު ރޮމޭނިއާގެ ބިޒްނަސް އެންވަޔަރަމެންޓް ޑިޕާޓްމެންޓްގެ އިސްވެރިންނާ އެކު ބައްދަލުވުމެއްގައި -- ފޮޓޯ: ފޮރިން މިނިސްޓްރީ

ޔޫރަޕިއަން ކައުންސިލްގެ ރިޔާސަތު ބެލެހެއްޓެވުމުގައި ރޮމޭނިއާއިން އަދާކުރަމުންދާ ދައުރަށް ވައިސް ޕްރައިމް މިނިސްޓަރަށް މި ބައްދަލުވުމުގައި ޝާހިދު މަރުހަބާ ވިދާޅުވި އެވެ.

މި ދަތުރުގައި ޝާހިދު ވަނީ އެ ގައުމުގެ ބިޒްނަސް އެންވަޔަރަމެންޓް ސެކެޓަރީ ގެބްރިއެލާ މިހޭލާ ވޮއިސިލާ އަށް ވެސް ބައްދަލުކުރައްވާފަ އެވެ. ކާބޯތަކެތީގެ ދާއިރާ އާއި ޓޫރިޒަމްގެ ދާއިރާ ދެ ގައުމުގައި މިހާރަށް ވުރެ ފުޅާކުރެވޭނެ ގޮތްތަކާ މެދު މި ބައްދަލުވުމުގައި މަޝްވަރާކުރެއްވި އެވެ.

މިނިސްޓަރު ޝާހިދު (ކ) ރޮމޭނިއާގެ ބިޒްނަސް އެންވަޔަރަމެންޓް ސެކެޓަރީ ގެބްރިއެލާ މިހޭލާ ވޮއިސިލާ އާ އެކު -- ފޮޓޯ: ފޮރިން މިނިސްޓްރީ

އީޔޫ ކައުންސިލްގެ ރިޔާސަތު ބަލަހައްޓަމުންދާ ރުމޭނިއާ ސަރުކާރުގެ އިސް އޮފިޝަލުންނާ އެކު ބާއްވާ ބައްދަލުވުންތަކުގައި އީޔޫ އާ ގުޅުން ހުރި އެހެން މަޝްވަރާތައް މިނިސްޓަރު ކުރައްވާނެ އެވެ. އެގޮތުން އީޔޫއިން ރާއްޖެ އަށް އިންވެސްޓްމަންޓްތައް ގެނައުމާއި، ދިވެހި މަސްވެރިކަމުގެ ބާވަތްތަކުން ނަގާ 24 ޕަސެންޓް ޑިއުޓީ ކުޑަކުރުމުގެ އިތުރުން ޔޫރަޕަށް ދާން ނަގަން ޖެހޭ ވިސާއާ ގުޅޭ ގޮތުން މަޝްވަރާކުރައްވައި، އެކަންކަމުގައި ރާއްޖެއަށް ފަސޭހަތަކެއް ލިބޭތޯ ވެސް މަޝްވަރާކުރައްވާނެ އެވެ.

ދެ ގައުމު ދެމެދުގައި އޮންނަ ގުޅުން ކުރިއަށް ވުރެ ބަދަހި ކުރަން މިއަަހަރު ފެށި އިރު، މިއަހަރަކީ ރޮމޭނިއާ އާ އެކު ރާއްޖެއިން ޑިޕްލޮމެޓިކް ގުޅުން ފުރަތަމަ ފެށިތާ 40 އަހަރުވާ އަހަރެވެ.