އެމްޑީޕީގެ ލީޑަޝިޕުން ވަކި ބޭފުޅަކަށް ހާއްސަ ކަމެއް ނުދޭ: އަފީފް

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ސަރުކާރު ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ ލީޑަޝިޕުން ވަކި ބޭފުޅަކަށް ހާއްސަ ކަމެއް ނުދެއްވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި ވިލުފުށީ ދާއިރާގެ އިންތިޚާބީ މެމްބަރު ހަސަން އަފީފް މިރޭ ރާއްޖެ ޓީވީގައި ވިދާޅުވެއްޖެ އެވެ.


މަޖިލީހުގެ ރައީސް ކަމުގެ ވާދަވެރިކަން އެމްޑީޕީގެ ތެރޭގައި ބޮޑުވެފައިވާ އިރު، ގިނަ ބައެއްގެ ސަމާލު ކަން މިވަގުތު ހުއްޓިފައި ވަނީ އެމްޑީޕީގެ ތެރެއިން މަޖިލިހުގެ ރައީސް ކަމަށް ކަނޑައަޅާނެ ބޭފުޅަކާ މެދުގަ އެވެ. މަޖިލިހުގެ ރައީސް އާއި ނައިބު ރައީސް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މެމްބަރުން ކަނޑައަޅާނީ 19 މަޖިލިހަށް އިންތިޚާބުވެވަޑައިގެންނެވި މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

އެމްޑީޕީގެ ތެރެއިން މަޖިލިހުގެ ރައީސް ކަމަށް ވާދަކުރައްވަނީ އަފީފްގެ އިތުރުން އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމާއި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ.

އެ ޕާޓީގެ ބައެއް މެމްބަރުން ގަބޫލު ކުރައްވާ ގޮތުގައި މަޖިލިހުގެ ރައީސް ކަމަށް ގެނައުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޭނުންފުޅު ވަނީ އަފީފެވެ. ކުރީގެ ރައީސް، އަދި މައްޗަންގޮޅި މެދު ދާއިރާގެ އިންތިޚާބީ މެމްބަރު މުހައްމަދު ނަޝީދު ބޭނުންފުޅު ވަނީ އަސްލަމް މަޖިލިހުގެ ރައީސް ކަމަށް ގެނައުމަށެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި އަފީފް ވިދާޅުވީ މަޖިލިހުގެ ރައީސް ކަމަށް ގެންނާނެ ބޭފުޅަކު ކަނޑައެޅުމުގެ އުސޫލުތަކެއް އެމްޑީޕީގެ ތެރޭގައި އެބައޮތް ކަމަށެވެ. އަދި ރައީސް އާއި ނަޝީދު ވެސް ތާއީދު ކުރައްވާނީ ޕާޓީގެ ގަވައިދުގެ ތެރެއިން އަންނަ ބޭފުޅަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ އެ ދެ ބޭފުޅުންގެ ނަން މީގެ ތެރެއަށް ވެއްދުމަކީ އެހާ ރަނގަޅު ކަމެއް ކަމަށް. ކޮންމެ ގޮތެއް ވިޔަސް، އެމްޑީޕީގެ މެމްބަރަކު ހޮވަން މިއުޅެނީ،" އަފީފް ވިދާޅުވި އެވެ.

"އެމްޑީޕީގެ ކޮންމެ މެމްބަރަކީ އެ ބޭފުޅުންގެ ކުރިމަތީގައި އެއްވަރެއްގެ ބޭފުޅުން. ވަކި ބޭފުޅަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން އެ ދެ ބޭފުޅުން ކުރެ އެއްވެސް ބޭފުޅަކު، ހާއްސަ ކަމެއް ދެއްވާނެ ކަމަށް."

މަޖިލިހުގެ ރައީސް ކަމަށް ޝައުގުވެރިވެވަޑައިގެންނެވި އެމްޑީޕީގެ ބޭފުޅުން. (ކ-ވ) މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް، އިންތިޚާބީ މެމްބަރު މުހައްމަދު އަސްލަމް އަދި އައްޑޫ މިދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް. --- ފޮޓޯ: މިހާރު

މަޖިލީހުގެ ރައީސް ކަމަށް އަސްލަމް ގެނައުމަށް ނަޝީދު ތާއީދު ކުރައްވާ ކަމަށް ވިދާޅުވެ، ކުރެއްވި ޓުވީޓާ ގުޅިގެން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަފީފް ވިދާޅުވީ އެއީ ނަޝީދު އަމިއްލަ ހައިސިއްޔަތުން، އޭރު ކުރެވުނު ސުވާލެއްގެ ޖަވާބުގައި ވިދާޅުވި ވާހަކަފުޅެއް ކަމަށެވެ.

"ނަޝީދު ވިދާޅުވީ މަޖިލީހުގެ ރައީސްކަމަށް އަސްލަމް ވެސް ވަރަށް ރަނގަޅުވާނެއޭ. ދެން ތިއްބެވި ހުރިހާ ބޭފުޅުންގެ ވާހަކައެއް ވިދާޅެއް ނުވެވޭނެ ދެއްތޯ؟ އެއީ އޭރު ކުރި ސުވާލަކަށް ނަޝީދު އަމިއްލަފުޅު ހައިސިއްޔަތުން ދެއްވި ޖަވާބެއް ހަގީގަތުގައި،" އަފީފް ވިދާޅުވި އެވެ.

މަޖިލިހުގެ ރައީސާއި ނައިބު ރައީސަކު ހޮވުމުގެ ވޯޓު ނަގާނެ ގޮތަކާ މެދު އެމްޑީޕީގެ ތެރޭގައި ވަނީ ޚިޔާލު ތަފާތުވުން އުފެދިފަ އެވެ. ބައެއް މެމްބަރުން ގަބޫލު ކުރައްވާ ގޮތުގައި މަޖިލިހުގެ ރައީސާއި ނައިބު ރައީސަކު ކަނޑައަޅަން ވާނީ ސިއްރު ވޯޓެއް ނަގައިގެންނެވެ. އެކަމަކު، އެކަމާ ދެކޮޅު ހައްދަވާ މެމްބަރުން ވިދާޅުވީ ޑިމޮކްރަސީގެ ރިވެތި އުސޫލަކީ ހާމަކަން ބޮޑު ވޯޓަކަށް ދިއުން ކަމަށެވެ.

"އެމްޑީޕީގެ ކޮންމެ މެމްބަރަކީ އެ ބޭފުޅުންގެ ކުރިމަތީގައި އެއްވަރެއްގެ ބޭފުޅުން. ވަކި ބޭފުޅަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން އެ ދެ ބޭފުޅުން ކުރެ އެއްވެސް ބޭފުޅަކު، ހާއްސަ ކަމެއް ދެއްވާނެ ކަމަށް،" --- އަފީފް

އަފީފް ވިދާޅުވީ ކޮންމެ ގޮތަކަށް ވޯޓު ނެގިއަސް، އެ ވޯޓުގެ ނަތީޖާ އަށް ހުރިހާ މެމްބަރުން އިހްތިރާމް ކުރަން ޖެހޭނެ ކަމަށެވެ. އަދި އެ ވޯޓުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ކަމުގައިވިޔަސް، އެމްޑީޕީގެ ތެރޭގައި އެއްވެސް ކަހަލަ ރުޅިވެރިކަމެއް އޮވެގެން ނުވާނެ ކަމަށް އަފީފް ވިދާޅުވި އެވެ.

އަފީފް ވިދާޅުވި ގޮތުގައި، އެމްޑީޕީން ދަނީ ޑިމޮކްރަޓިކް އާދަކާދަތައް ދަމަހައްޓަމުންނެވެ. އެހެންކަމުން ޕާޓީގެ ތެރޭގައި ނުތަނަވަސްކަމެއް އޮވެގެން ނުވާނެ ކަމަށް އަފީފް ވިދާޅުވި އެވެ. ސިޔާސީ ވާދަވެރިކަން އޮންނާނެ ކަމަށާއި އެކަމަކީ ބޭރަށް ގެންދަން ޖެހޭ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސްކަން ލިބިވަޑައިގެންފި ނަމަ، ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް ބަލައިގެން މަޖިލިސް ހިންގަވާނެ ކަމަށާއި މަޖިލިސް ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އަފީފް ވިދާޅުވި އެވެ. އަދި މަޖިލިހުގެ ރައީސް ކަމުގައި އިންނަވާ އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދުގެ ނުފޫޒެއް އަތުވެދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު، ރައްޔިތުންގެ މަސްލަހަތާ ގުޅުން ހުރި ކަމަކަށްވެއްޖެ ނަމަ، ވީއެންމެ އަވަހަކަށް މަޖިލިހުގައި އެކަމެއް ނިންމެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އަފީފް ވިދާޅުވި އެވެ.