އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖައާ ބެހުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެ ކުއްޖާގެ މަންމަގެ ކުރީގެ ލޯބިވެރިޔާ ތަހުގީގަށް 15 ދުވަސް ވަންދެން ބަންދުގައި ބަހައްޓަން ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާލެ އިން ދެކުނުގެ ރަށެއްގައި ހިންގި އެ އަމަލާ ގުޅިގެން ހައްޔަރުކުރި އުމުރުން 71 އަހަރުގެ މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެމީހާއާ ގުޅޭ އިތުރު މައުލޫމާތެއް ނުދެ އެވެ.

އުމުރުން ނުވަ އަހަރުގެ ކުއްޖާ އަށް ޖިންސީ ގޯނާކުރި މައްސަލަ ފުލުހުންނަށް ހުށަހެޅީ މި މަހުގެ 10 ވަނަ ދުވަހު އެވެ. ޖިންސީ އަނިޔާ ލިބުނު ކުޑަ އަންހެން ކުއްޖާ މިހާރު ހުރީ، މަންމަގެ ބެލުމުގެ ދަށުން ވެސް ގެންގޮސް އެ ރަށުގެ އެހެން ބަޔަކާ ހަވާލުކޮށްފަ އެވެ.

ނުވަ އަހަރުގެ ކުއްޖާ އަށް މަންމަގެ ކުރީގެ ލޯބިވެރިޔާގެ އިތުރުން އެ ކުއްޖާގެ 13 އަހަރާއި 16 އަހަރުގެ ދެ ބޭބެ ވެސް ޖިންސީ އަނިޔާކުރިކަމުގެ ތުހުމަތުކުރެ އެވެ.

ކުޑަކުދިންތަކެއް ހިމެނޭ މައްސަލައަކަށް ވާތީ އެ ކުދިންނާ ގުޅުން ހުރި އެއްވެސް މައުލޫމާތެއް ފުލުހުން ވެސް އަދި ޖެންޑާ މިނިސްޓްރީން ވެސް ހާމައެއް ނުކުރެ އެވެ. އޭގެ ތެރޭގައި ރަށުގެ ނަން ވެސް ހިމެނެ އެވެ.