ގޯޅިގަނޑުގައި ނިދާ މީހާ އަށް އެހީވާން ޖެންޑާ އިން ހޯދަނީ

މާލޭގެ ގޯޅިގަނޑެއްގެ ތެރޭ ގޮދަޑި އަޅައިގެން ނިދާ މީހާއަށް އެހީތެރިވެ އެ މައްސަލަ ބެލުމަށް އޭނާ ހޯދުމުގެ މަސައްކަތް ޖެންޑާ މިނިސްޓްރީން ފަށައިފި އެވެ.


ޒުވާން ފިރިހެން މީހާ ނިދާފައި އޮއްވައި ނަގާފައިވާ ފޮޓޯއެއް މިހާރު ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެއިން ފެންނަ ގޮތުގައި ހުސް ގަޔާ އޭނާ ނިދާފައި އޮންނައިރު އޭނާގެ ދަބަހާއި އެހެން ބައެއް ތަކެތި ވެސް ކައިރީގައި ބަހައްޓާފައި ހުރެ އެވެ.

އެނގިފައިވާ ގޮތުގައި އެ މީހާ ނިދާފައި އޮތީ ރަށްދެބައިމަގުގައި ހުންނަ ގޯޅިއެއްގަ އެވެ. ނަމަވެސް އަދި އެމީހާ ޖެންޑާ މިނިސްޓްރީ އަށް ނުހޯދޭ ކަމަށް ވެ އެވެ.

ގޯޅިގަނޑުގައި އޭނާ ނިދާ މައްސަލަ މީގެ ކުރިން ވެސް އެ މިނިސްޓްރީގެ ސަމާލު ކަމަށް އާއްމުން ގެނެސްފައިވާ ކަމަށް އެނގިފައި ވެ އެވެ. އެކަން ހައްލު ކުރެވިފައި ނުވަނީ އެއީ ކާކުކަން އަދި ހޯދިފައި ނުވާތީ ކަމަށް ވެ އެވެ.

ސަލާން ޖަހަށް ބާޒާރު މަތީގައި އުޅޭ މީހުން ވެސް މަގުމަތީގައި ނިދާ އުޅެ އެވެ. އެކަން ހައްލު ކުރުމަށް ޖެންޑާ މިނިސްޓްރީ އާއި ފުލުހުން މީގެ ކުރިން ވެސް ވަނީ މަސައްކަތްތަކެއް ކޮށްފަ އެވެ. ނަމަވެސް އެކަން މައްސަލަ އަށް ހައްލެއް ނާދެ އެވެ. މަސްވެރިންގެ ޕާކާއި ބައެއް މިސްކިތްތަކުގައި ވެސް ބައެއް އާންމުކޮށް ނިދަ އެވެ.