އޮއްތޮގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގެ ޝަރީއަތް އެއް އަހަރު ފަހުން ފަށަނީ

މީގެ އެއް އަހަރު ކުރިން މޭ 29 ވަނަ ދުވަހު ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި، ނުކުޅެދޭ ހާލަތެއް މިހާރު މެދުވެރިވެފައިވާ އުމަރު ސަލީމް (އޮއްތޮ) ގެ ގައިގައި ސައިކަލުން ޖެއްސި މީހާގެ ޝަރީއަތް ހުޅުމާލޭ ކޯޓުގައި މާދަމާ ފެށުމަށް ތައްޔާރުވެއްޖެ އެވެ.


ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އުމުރުން 33 އަހަރުގެ އޮއްތޮގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން މާދަމާ ބޭއްވުމަށް ތާވަލް ކޮށްފައިވާ ކަަމެވެ. އެ ޓުވީޓުގައި ޕޮލިސް ކޮމިޝަނަރު ވެސް ވަނީ އެކްސިޑެންޓުގެ ޝަރީއަތް ފަށަނީ އެއް އަހަރަށް ފަހުން ކަން ފާހަގަކުރައްވައިފަ އެވެ.

ޕޮލިސް ކޮމިޝަނަރު ހަމީދުގެ ޓުވީޓު

ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން އޮއްތޮގެ ސައިކަލުގައި ޖެހި ހިނގި އެ ހިތާމަވެރި އެކްސިޑެންޓަށް އެއް އަހަރު ފުރުމާ ދިމާކޮށް، އޭނާގެ އާއިލާ އާއި "މިހާރު" ން ގުޅިގެން ލޮނުޒިޔާރަތްކޮޅު ސަރަހައްދުގައި މިއަދު ވަނީ ހޭލުންތެރި ކުރުވުމުގެ ޕޯސްޓަރެއް ބަަހައްޓައިފަ އެވެ. އެ ޕޯސްޓަރު ކައިރީގައި ފުރުޅޮލީ ގޮނޑިއެއްގައި އޭނާ މިއަދު މަޑުކޮށްލައިގެން އިނެވެ.

އެކްސިޑެންޓާ އެކު، އޮއްތޮ ވަނީ އަމިއްލަ އަށް ހިނގައިބިނގާވެ އުޅުމާއި ވާހަކަ ދެއްކުމުން ވެސް މަހްރޫމްވެފަ އެވެ. އެ ހިތްދަތިކަން އެހެން މީހަކަށް ލިބޭކަށް އޭނާ ނޭދެ އެވެ. މަގުމަތީގެ ގަވާއިދުތަކަށް ބެލުމެއް ނެތި ބާރު ސްޕީޑުގައި ދުއްވުމާ ދެކޮޅަށް އޭނާ މަގުމައްޗަށް މިއަދު ނުކުތީ އާއްމުންގެ ސަލާމަތަށްޓަކަ އެވެ.

މަޝްހޫރު ކޯޗު އަދި މިހާރުގެ ސްޕޯޓްސް ކޮމިޝަނަރު ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ) ގެ ހުރި ހަމައެކަނި ދަރިފުޅު އޮއްތޮ އެކްސިޑެންޓްވި ދުވަހު ވެސް ދުއްވާފައި ދިޔައީ ގަވާއިދު ފަޅިން، މަޑު ދުވެއްޔެއްގަ އެވެ. ކޮންޓްރޯލެއް ނެތި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލުން ޖެއްސުމާ އެކު އޮއްތޮ ވެއްޓުނީ އެވެ.

ބޮޑެތި ޒަހަމްތަކެއް ލިބި ސިކުނޑި އަށް ލޭ އެޅުނު އޮއްތޮގެ ފުރާނަ ސަލާމަތްވީ ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލްގައި ދިން ފަރުވާ އަށް ފަހު ކިރިޔާ އެވެ. އާއިލާ އިން ބުނިގޮތުގައި، ޑޮކްޓަރުން އުއްމީދު ވެސް ކަނޑާލި އެވެ. ސީރިއަސް އޮޕަރޭޝަންތަކެއް ކޮށް، ތިން ހަފުތާ ވަންދެން ކޯމާގައި ވެސް އޮންނަން ޖެހުނެވެ.