އަދީބުު ބަންދު ކުރަން ދައުލަތުން އެދުމުން ކޯޓަށް ހާޒިރުކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް ދައުލަތުން އެދުމުން އެމަނިކުފާނު މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފި އެވެ.


ރިޔާސީ ލޯންޗްކޮޅު ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބު 15 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އޮތީ އަމުރުކޮށްފަ އެވެ. އަދި އަދީބު 15 ދުވަހަށް އެ މައްސަލައާ ގުޅިގެން ބަންދުކުރަން އަމުރުކޮށް، އެ މުއްދަތުގައި ބަންދުގައި ބަހައްޓަން އެދޭ ނަމަ އެކަމަށް ދަށު ކޯޓުގައި އެދެވިދާނެ ކަމަށް ހައި ކޯޓުގެ ހުކުމުގައި އޮތީ ކަނޑައަޅައިފަ އެވެ.

ކްރިމިނަލް ކޯޓުން މިދިޔަ ހަފުތާގައި ވަނީ ލޯންޗުކޮޅުގެ މައްސަލަ ވެސް ހިމެނޭ ގޮތުން އަދީބަށް ދައުވާކުރާ އެހެން ބައެއް މައްސަލަތައް ވެސް އަނބުރާ ފޮނުވާލަން ނިންމައިފަ އެވެ. އެކަމަކު، އެ މައްސަލަ އަނބުރާ އަދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް އަދި ނުފޮނުވުވާ ކަމަށް ވެ އެވެ.

އަދީބު، ކަރެކްޝަނަލް ސާވިސްގެ އޮފިސަރަކާ އެކު ވަޑައިގަންނަވަނީ.

ޕްރޮސެކިއުޓާ ޖެނެރަލް އާއިޝަތު ބިޝާމް ވިދާޅުވީ، އިސްތިއުނާފް ކޯޓަކުން ނިންމާ ނިންމުންތަކަށް ދަށު ކޯޓުތަކަށް ގޮތް ނިންމޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ލޯންޗުކޮޅުގެ މައްސަލާގައި އަދީބުގެ ބަންދާ މެދު ދަށު ކޯޓުން ގޮތެއް ނިންމަން ޖެހޭނެ ކަމަށް ހައި ކޯޓުން ކަނޑައަޅާފައި އޮތުމުން އެގޮތަށް އަމަލު ކުރައްވާނެ ކަމަށާއި އެހެންވެ، އެ މައްސަލާގައި ބަންދުގައި ބަހައްޓަން އެދިވަޑައިގަންނަވާނެ ކަމަށް ބިޝާމް ވިދާޅުވި އެވެ.

ބިޝާމް ވިދާޅުވީ އަދީބުގެ އެހެން ބައެއް މައްސަލަތަކެއް ވެސް ކޯޓުން އަނބުރާ ފޮނުވާލިޔަސް، އެ މައްސަލަތަކާ މެދު އަމަލު ކުރާނެ ގޮތެއް އަދި ނުނިންމަ އެވެ. މިވަގުތު މަސައްކަަތް ކުރަމުންދަނީ ހައި ކޯޓުން ނިންމި މައްސަލަތަކާއި ބަންދުގެ މައްސަލައާ ގުޅިގެން ކަމަށް ބިޝާމް ވިދާޅުވި އެވެ.

އަދީބުގެ މައްޗަށް ތިން މައްސަލައެއްގައި އިއްވި 33 އަހަރުގެ ޖަލު ހުކުމްތަކުގެ ތެރެއިން ފިސްތޯލައެއް ގެންގުޅުނު ކަމަށް ބުނެ އިއްވި 10 އަހަރުގެ ޖަލު ހުކުމް މިދިޔަ ހަފުތާގައި ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. އަދި ލޯންޗް މައްސަލާގައި އިއްވި 15 އަހަރުގެ ހުކުމާއި ޚިޔާނާތުގެ ކުށުގައި އިއްވި އަށް އަހަރުގެ ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އޮތީ އަމުރުކޮށްފަ އެވެ.