ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޮދާން ޑިވިޜަންސްގެ ހެޑް ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ޝަރީފް (މ)، ހެޑް އޮފް މާލެ ޕޮލިސް މޫސާ އަލީ އަދި ފުލުހުންގެ ތަރުޖަމާނު އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
03 ޖޫން 2019 - 12:22
ފިތުރު އީދަށް ރަށުން ބޭރަށް ދާނަމަ ވަގުންނަށް ސަމާލުވުމަށް ފުލުހުން މިއަދު އިލްތިމާސްކޮށްފި އެވެ.
ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެޑް އޮފް ނޮދަން ޑިވިޒަންސް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ އީދުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މަސައްކަތްތައް މިހާރު މުޅި ރާއްޖޭގައި ފަށާފައިވާ ކަމަށެވެ. އެގޮތުން ފުލުހުން ގާއިމްވެފައި ނެތް ރަށްރަށުގައި ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި އީދު ޝޯ ދިނުމަށް މިއުޒިކް ގްރޫޕުތައް އެކި ރަށްރަށަށް ދަތުރުކުރަން ހަމަޖައްސާފައިވާ ކަމަށެވެ. އީދަށް މޫސުން ރަނގަޅުވާނެ ކަމަށް ލަފާނުކުރެވޭތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދިނުމަށް ފުލުހުން އެދެ އެވެ.
"ކަނޑުމަތީގައި އަދި ދަތުރުކުރަން ހަމަޖެހިފައިވާ އުޅަނދުތަކަށް ފުލުހުން އަރާނެ އަދި ޗެކް ވެސް ކުރާނެ ގަވާއިދާ އެއްގޮތަށްތޯ ދަތުރުފަތުރުކުރުން ކުރިއަށް ގެންދަނީ. ހަމައެއާއެކު އަޅުގަނޑުމެން ބަލާނަން އެ އުޅަނދަކަށް އެކަށީގެންވާ ވަރަކަށް މީހުން އަރުވައިގެންތޯ ދަނީ،" އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަަވަމުން ޝަރީފް ވިދާޅުވި އެވެ.
"އާއްމު ރައްޔިތުން ވެސް މިކަންކަމަށް ހާއްސަ ސަމާލުކަމެއްދީގެން ދަތުރުފަތުރުގެ ކަންކަން ކުރުމަކީ އަޅުގަނޑުމެން އިލްތިމާސްކުރާ ކަމެއް."
ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެޑް އޮފް ނޮދަން ޑިވިޜަންސް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވާހަކަދައްކަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އޭނާ ވިދާޅުވިގޮތުގައި ފާއިތުވި ތިން އަހަރު ރަށްރަށުން ހުށަހެޅި މައްސަލަތަކަށް ބަލާއިރު، ގިނައީ ވައްކަމާއި މަސްތުވާތަކެއްޗާ ގުޅުން ހުރި މައްސަލަތަކެވެ.
ހެޑް އޮފް މާލެ ޕޮލިސް ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މޫސާ އަލީ ވިދާޅުވީ 2016 ވަނަ އަހަރު އީދު ދުވަހު މާލެއިން އެންމެ ގިނައިން ހުށަހެޅީ ވައްކަމުގެ މައްސަލަތައް ކަމަށެވެ. ޖެހިގެން އައި އަހަރު ޓްރެފިކްގެ ގިނަ މައްސަލަތަކެއް ހުށަހެޅިއިރު މިދިޔަ އަހަރު ވެސް ފިތުރު އީދު ދުވަހު އެންމެ ގިނައިން ހުށަހެޅި ވައްކަމުގެ މައްސަލަތައް ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި އީދާ ގުޅުވައިގެން ވައްކަމުގެ މައްސަލަތައް އިތުރުވާތީ އެކަމަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ކުރިއަށް އޮތް ފިތުރު އީދާއި ފިތުރު އީދުގެ ބަންދުގައި މާލެ ސިޓީ އަށް ޒިޔާރަތްކުރާ ބޭފުޅުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މާލެ ސިޓީ އޭރިޔާގައި ހާއްސަ އޮޕަރޭޝަންތަކެއް ހިންގައި ޕެޓްރޯލްކުރުން ވަރުގަދަކޮށް އިތުރުކުރަން ރޭވިފައިވޭ،" މޫސަ ވިދާޅުވި އެވެ.
ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެޑް އޮފް މާލެ ޕޮލިސް ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މޫސާ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އޭނާ ވިދާޅުވީ މާލެ ހަތަރު ނެއިބަހުޑަކަށް ބަހާލުުމަށްފަހު ޕެޓްރޯލް ކުރަމުން ދިޔަ ގޮތަށް ބަދަލުތަކެއް ގެނެސް ސަރަހައްދުތައް ބަލާނެ ކަމަށެވެ.
ފުލުހުން ވަނީ އަތުގައި ގިނަ އަދަދެއްގެ ފައިސާ ގެންގުޅުމުގެ ބަދަލުގައި ކޭޝް ކާޑު ގެންގުޅުމާއި ގެސްޓްހައުސްތަކުގެ ސެކިއުރިޓީ ވަރުގަދަކުރުމާއި ސައިކަލުތައް ރަނގަޅަށް ތަޅުލުމާއި ގެއިން ބޭރަށް ދާނަމަ ރަނގަޅަށް ތަޅުލުން ފަދަ ކަންތައްތައް ކުރުމަށް އިލްތިމާސްކޮށްފައި ވެ އެވެ.
މިފަހުން ހިނގި ވައްކަމުގެ ގިނަ މައްސަލަތަކަކީ ވެސް، ދުރާލައި ރާވައިގެން ހިންގި މައްސަލަތަކުގެ ބަދަލުގައި ފުރުސަތު ލިބިގެން ހިިންގި ވައްކަންތައް އޭނާ ފާހަގަކުރެއްވި އެވެ.
"ރާވައިގެން ހިންގާ ބޮޑެތި ވައްކަމަށް ވުރެ ބޮޑަށް އިތުރުވެެފައި ހުރީ މިފަދަ ފުރުސަތުތައް ހޯދައިގެން ނޫނީ ފުރުސަތުތައް ލިބިގެން ހިންގާފައި ހުރި ވައްކަންތައް،" މޫސަ ވިދާޅުވި އެވެ.
ފުލުހުން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު 2016 ވަނަ އަހަރުގެ ފިތުރު އީދު ދުވަހު ތަފާތު އެކި 468 މައްސަލައެއް ހުށަހަޅާފައި ވެ އެވެ. އެ އަދަދު 2017 ވަނަ އަހަރުގެ ފިތުރު އީދު ދުވަހު 385 އަށް މަދުވެފައިވާއިރު މިދިޔަ އަހަރުގެ ފިތުރު އީދު ދުވަހު ފުލުހުންނަށް ހުށަހެޅި މައްސަލަތައް ވަނީ 361 އަށް މަދުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮލުރޮދި
04 June 2019
އިސްލާމުންނޭ ކިޔައިގެން ތިބޭއިރު ނުކެރޭ އިސްލާމް ދީނުގައި ވަގުންނަށް ދޭން އަންގަވާފައި އޮންނަ އަދަބު ދޭކަށް. ދެން ކޮން ވަގެކޭ ދީނޭ އީދޭ ކިޔާކަށް.
އެފް އެމް
04 June 2019
ވަގުންނަށް އީދަކަށް ވިޔަނުދިނުމަށް ފުލުހުން އެދޭއިރު ވަގުންނާއި ފޭރޭ މީހުންގެ ކިބައިން ރައްޔިތުން ސަލާމަތްކުރުމުގެ ޒިންމާ ފުލުހުންނަށް އުފުލޭތަން ނުފެނޭ މި ރޯދަމަހު އެކަނިވެސް ކިތަށް ފޭރުމުގެ މައްސަލަހިނގައި ރައްޔިތުންނަށް ކިހާބޮޑެތި ގެއްލުންތައްވެއްޖެ؟ އަމަން ގާއިމުކުރަން ފުލުހުން ނުކުޅެދުމުގެ ނަތީޖާ އެބަފެނޭ ފުލުހުންނަށް ނުވީމަ އެކަން ކުރަން އޮންނަ ޖެހޭ ގޮތް ނޫން ގޮތްގޮތަށް ރައްޔިތުން ނުކުމެ އެބަހުއްޓުވާ ތިޔަ މުއައްސަސާ އިން ކުރާކަމެއް ނުފެނޭ
ނެޑް
03 June 2019
އަދީބަށް އީދު.
ދޮނާބެ
03 June 2019
އެވާހަކަ މިބުނަނީ ހުސް ވަގުން....
ހަންސަން
03 June 2019
ނޫސްކޮންފަރެންސް ނުބޭއްވިޔަކަސް ހެޔޮ. މާގިނައަނގަ ނުތަޅާ ސަރވް އެންޑް ޕްރޮޓެކްޓް އިނގޭތޯ.
ރިޕޯޓް
03 June 2019
ވައްކަން ރިޕޯޓް ކުރެވޭނެ ފަސޭހަ ނިޒާމެއް ގާއިމުކުރަން ޖެހޭ. ރާއްޖޭގަ ހިނގާ ވައްކަމުގެ ނިސްބަތުން ކުޑަ އަދަދެއް ނޫނީ މީހުން ރިޕޯޓެއް ނުކުރޭ. ކުރިޔަސް އެއްޗެއް އަނބުރާ ނުލިބޭތާ ރިޕޯޓް ކުރަން އިތުރު ބޭކާރު ވަގުތާ މަސައްކަތް ކުރަން ޖެހޭތީ އެކަން ނުކޮށް މީހުން ތިބެނީ.
މިއަދު
03 June 2019
ރާއްޖޭގެ މިއަދުގެ ގާނޫނުތައްހުރީ ވަގުންނަށް އެމަގު ފަހިވާގޮތަށް ވެރިފަރާތް ކުއްވެރިވާގޮތަށް އެހާލަތުގައި ވައްކަން މަދުވާނީ ބުނީމަ ވައްކަމެއް ވައްކަމަކަށްވުމަށް ހުރިޝަރުތުތަކަށްބަލާއިރު ފޮށިތަޅުލާހުއްޓަ ފޮށިންނެގުން ވައްކަމަކަށްނުވެ ކޮޓަރި ދޮރުލައްޕާފައިހުރިނަމަވެސް ތަޅުނުލާހުއްޓަ އެއްޗެއްގެންދިއުން ވައްކަމަކަށްނުވެ އަތްތިލަމަތީގައި އޮންނައެތި މުއްބާރުނުކޮށް އޮއްވަ ނަގައިފިނަމަ ވައްކަމަކަށް ނުވެ ދެން ވައްކަމަކީކޮބާ
ދިވެހިރ
03 June 2019
އެއްކަލަ ހުރިހާކަމެއް 'އިތުރަށް ތަހުޤީގު' ކުރާ ގުރޫޕް
ޢަލިދީދީއައްޑޫސިޓީ
03 June 2019
އަހަރުމެން ނިދަން ތިބެނީވެސް އަހަރުމެންގެ ފެންވަރުން ގެދޮރު ތަޅުލައި ފޮށިތައް ބާރަށް ބަނދެގެން. ޖެހިގެން ހުންނަ ގެއަކީ މުއްސަނދި ގެއަކަށްވާތީ އެގޭގަ ހުރޭ އަލާރމް ހަރުކޮށްފަ. އެކަމަކު ވެސް ވައްކަންކުރާ ކުދިންނަށް މިހުރިހާ އެއްޗަކީ ހަމަ މެޓާ. މުޅި އަހަރަކީ އެމީހުނަށް އީދު. ރައްޔަތުންގެ މުދަލާއި ގެދޮރު "ޕްރެޓްކްޓް" ކޮށް "ސާރވް" ކުރަން ނުވަތަ ރައްޔަތުންގެ ޚިދުމަތުގައި ރައްޔަތުންގެ ޚަޒާނާއިން ވަރަށް ބޮޑު އެއްޗެއް ހޭދައެބަކުރޭ. ވާޖިބު އަދާކުރައްވާ!
Naseem
03 June 2019
%100%މުސްލިމްގައުމެއް ދެންކިހިނެއްވައްކަންކުރާނީ ވީމާ ތިވީގޮތުން ސްމޯޓޯ މައްސަލައެއްގެގޮތުގައި ބަލާނީ