އެކްސިޑެންޓުތައް ގިނަވެ އައިޖީއެމްއެޗަށް ނާރުގެ އޮޕަރޭޝަން ޑޮކްޓަރަކު ގެންނަނީ

މާލެ އާއި އަތޮޅުތަކުގައި މަގުމަތީގެ އެކްސިޑެންޓްތައް ގިނަވެ، ބޮލަށް ލިބޭ އަނިޔާތައް އިތުރުވެފައިވާތީ އައިޖީއެމްއެޗަށް ނާރުގެ އޮޕަރޭޝަން ޑޮކްޓަރަކު ހޯދަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުގެ ސީއީއޯ އިބްރާހިމް ސަލީމް (ކުޑަ ބަންދޭ) މިއަދު ވިދާޅުވެއްޖެ އެވެ.


ސަރުކާރުގެ މައި ހޮސްޕިޓަލުގެ މައުލޫމާތު ހިއްސާކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަލީމް ވިދާޅުވީ އައިޖީއެމްއެޗަށް ނާރުގެ އޮޕަރޭޝަންތަކަށް ޚާއްސަ ޑޮކްޓަރަކު ގެންނަނީ އިންޑިއާގެ މިއޮޓް ހޮސްޕިޓަލުން ކަމަށެވެ. އެ ޑޮކްޓަރު ފުރަތަމަ ގެންނަނީ އެއް މަސް ދުވަހަށެވެ.

"ފުރަތަމަ ޓްރައަލް ޕީރިއަޑަކަށް ގެނެސް ބަލާފައި، އަޅުގަނޑުމެން މިއޮޓް ހޮސްޕިޓަލާ އެކު ދާއިމީ އެއްބަސްވުމަކަށް ދާނީ. އޭރުން މިތާ ހުންނަވާނެ ދާއިމީކޮށް ނާރުގެ އޮޕަރޭޝަންތަކަށް ޚާއްސަ ޑޮކްޓަރެއް،" ސަލީމް ވިދާޅުވި އެވެ.

މަގުމަތީގެ އެކްސިޑެންޓްތަކާ ގުޅޭ ގޮތުން ޓްރެފިކް ފުލުހުން މިދިޔަ ހަފުތާގައި އާއްމު ކުރި ތަފާސްހިސާބު.

ފުލުހުން މިދިޔަ ހަފުތާގައި އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުން މާލޭގައި އެކަނި ވެސް މިދިޔަ ހަފުތާގައި 64 އެކްސިޑެންޓް ހިނގާފައިވެ އެވެ. އޭގެތެރެއިން 17 މީހަކަށް އަނިޔާވެފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

މިއުޓް ހޮސްޕިޓަލުގެ ޑޮކްޓަރު ވަޑައިގެން ޚިދުމަތް ފެށުމުގެ ކުރިން ވެސް މައްސަލަ އަށް ހައްލު ހޯދަން އޭޑީކޭއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަން ސަލީމް ފާހަގަކުރެއްވި އެވެ.

އޭޑީކޭ ހޮސްޕިޓަލުން ނާރުގެ އޮޕަރޭޝަންތައް ކުރެވެ އެވެ.

ސަލީމް ވިދާޅުވި ގޮތުގައި އޭޑީކޭއާ އެކު އެއްބަސްވީ އެކްސިޑެންޓުތަކުގައި، ނާރުގެ އޮޕަރޭޝަންތައް ކުރަން ޖެހޭ މީހުން އެ ހޮސްޕިޓަލުން ފަރުވާ ދިނުމަށެވެ. އެ އުސޫލުގެ ދަށުން، ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދޭން ފަސޭހަވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

"ޕޭޝަންޓުން މިތަނަށް ގެނައީމަ، އޭޑީކޭ އަށް ޓްރާންސްފަ ކުރުމުގެ އުސޫލެއް މި ކަނޑައެޅީ. ކުރިން ގުޅާލާފައި ބުނާ އުސޫލު ބަދަލުކޮށް، ދެ ފަރާތުން އެއްބަސް މިވީ މިތަނުގައި އަދި އެ ކަހަލަ ޑޮކްޓަރެއް ނެތަސް އެ ކަަހަލަ ކޭސްއެއް އަތުވެއްޖިއްޔާ ޓްރާންސްފަކުރަން،" އޭނާ ވިދާޅުވި އެވެ.

އޭޑީކޭ އިން އެ ޚިދުމަތް ދޭނީ އާސަންދައާ އެކު އެ ހޮސްޕިޓަލުން އެއްބަސްވެފައިވާ އަގުގަ އެވެ. އައިޖީއެމްއެޗުގައި އޮންނަ ގޮތަށް ހިލޭ ފަރުވާއެއް ނުލިބޭނެ އެވެ.