ދަރުމަވަންތަ ހޮސްޕިޓަލުގެ ރޭޑިއޮލޮޖީ ޑިޕާޓްމަންޓުން ލީކުވަނީ، ތިން ފްލޯ ބޭނުމެއް ނުކުރެވޭ!

ދަރުމަވަންތަ ހޮސްޕިޓަލުގެ ރޭޑިއޮލޮޖީ ޑިޕާޓްމެންޓުން ލީކުވުމާއި ޑެންޓަލް ޑިޕާޓްމެންޓަށް ހޯދި ސާމާނު އެތަނަށް ނުވެއްދުމުގެ އިތުރުން ތިން ފްލޯއެއް ބޭކާރުވެ، ބޭނުން ނުކުރެވުމުގެ މައްސަލަތަކެއް ކުރިމަތިވެއްޖެ އެވެ.


ދަރުމަވަންތަ ހޮސްޕިޓަލް 25 ބުރި އަށް އިމާރާތްކުރީ އައިޖީއެމްއެޗަށް ކުރިމަތިވި ޖާގައިގެ ދަތިކަން ހައްލުކުރާށެވެ. ރާއްޖޭގައި މިހާތަނަށް ހެދި އެންމެ އުސް އަދި އެންމެ އަގުބޮޑު އިމާރާތަށް މިހާރު ވަނީ ބައެއް ޚިދުމަތްތައް ބަދަލުކޮށްފަ އެވެ. ދެން ހުރި ޚިދުމަތްތައް ބަދަލުކުރުމުގައި ދަތިތަކެއް ކުރިމަތިވެފައި ވަނީ އިމާރާތް ޑިޒައިންކޮށްފައި ހުރި ގޮތުން ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

އައިޖީއެމްއެޗުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެތަނުގެ ސީއީއޯ އިބްރާހިމް ސަލީމް (ކުޑަ ބަންދޭ) އިއްޔެ ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލަށް ޚިދުމަތްތައް ބަދަލުކުރަމުން އައި ނަމަވެސް ހުރިހާ ފްލޯތަކެއް އޮޕަރޭޝަނަށް ގެންނަން ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. ފުރަތަމަ މައްސަލައެއްގެ ގޮތުގައި ދެއްކެވީ ރޭޑިއޮލޮޖީ ޑިޕާޓްމެންޓުގެ ޚިދުމަތް ފަށަން ކުރިމަތިވެފައި ހުރި ދަތިތަކެވެ.

ރޭޑިއޮލޮޖީ އަށް ޚައްސަކޮށްފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 1 ވަނަ ފްލޯ އެވެ.

ސަލީމް ވިދާޅުވީ އެތަނުގައި ޚިދުމަތް ފަށަން ބެލިއިރު، އެތަނުން ރޭޑިއޭޝަން ލީކުވާ ކަމަށެވެ. ކޮންސަލްޓަންޓަކު ގެނެސް ރަނގަޅަށް ބަލައި، ޚިދުމަތް ފެށުން މިހާރު މަޑުޖައްސާލައި އެ މައްސަލަ ހައްލުކުރަން އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝެންހުއާ ކުންފުނިން ވަނީ ރޭޑިއޮލޮޖީ ޑިޕާޓްމެންޓްގެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ފަށައިފަ އެވެ. އެ ފްލޯގައި ޚިދުމަތް ފެށޭނެ ދުވަހެއް ނޭނގެނީ، އައިޖީއެމްއެޗުން ބުނިގޮތުގައި، އެކަމަށް ވަގުތު ނަގާނެތީ އެވެ.

ދެން މައްސަލަ ދިމާވީ، ސަލީމް ވިދާޅުވި ގޮތުގައި، ދަތުގެ ފަރުވާ އަށް ޚާއްސަކުރި ފްލޯގަ އެވެ. ޒަމާނީ ވަސީލަތްތައް ގެނަޔަސް ކޮޓަރިތައް ކުޑަވެގެން އެ ސާމާނުތައް ނުވެއްދުމުން ދެން ޖެހުނީ ދޮރުތައް ބަދަލުކުރާށެވެ. ހުރިހާ ކޮޓަރިތަކެއް މިހާރު ވަނީ ސްލައިޑިން ދޮރަށް ބަދަލުކޮށްފަ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލަށް ބޭނުންވާ ސާމާނުތައް ވެސް ހޯދަން ހަވާލުކުރީ ޝެންހުއާއާ އެވެ. އެކަމަކު ފަހުން، އެ އެއްބަސްވުން ބަދަލުކޮށް ސާމާނު ހޯދުން ހަވާލުކުރީ އެހެން ކުންފުންޏަކާ އެވެ.

"ދިމާވި މައްސަލައަކީ ކޮންޓްރެކްޓަރު ބަދަލުވުމުން، އެ މީހުން ގެނައި ސާމާނުތައް ކޮޓަރިތަކަށް ނުވަތް. ޑެންޓަލް ރޫމްތަކަށް ގެނައި ބޮޑެތި ޗެއާތައް ވެސް ނުވެއްދުނު. ދޮރު ހުޅުވާލީމަ ގޮސް ޖެހެނީ ދޮރުގައި. އެހެންވެ ޖެހުނީ އަލުން މޮޑިފައިކޮށްފައި ދޮރުތައް ވެސް ބަދަލުކުރަން،" ސަލީމް ވިދާޅުވި އެވެ.

އައިޖީއެމްއެޗުގެ ސީއީއޯ ސަލީމް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އާއްމުން މަޑުކޮށްލައިގެން ތިބުމަށް އިމާރާތުގެ ގްރައުންޑް ފްލޯގައި ހަދާފައިވާ ލޮބީ އަށް ވެސް މިހާރު އަންނަނީ ބަދަލުތަކެއް ގެންނަމުންނެވެ. އެތަން ފަރުމާކުރީ، އޭނާ ވިދާޅުވި ގޮތުގައި، ހުޅަނގު މޫސުމުގައި ތިބެވޭ ގޮތަކަށް ނޫނެވެ. އެހެންވެ ވާރޭ އިން ހިޔާވެވޭ ގޮތަށް ބިއްލޫރި ޖަހަން ވަނީ ނިންމައިފަ އެވެ.

"މާނައަކީ މިވަރުގެ ބޮޑު ޚަރަދެއް ސަރުކާރުން ކޮށްފައި ހުރި އިމާރާތުގެ ޑިޒައިނިންގެ މައްސަލަތަކެއް އެބަ ހުއްޓޭ،" ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ 17،18،19 ވަނަ ފްލޯގައި ހުރި ކޮޓަރިތަކުގެ ބޭނުމެއް ވެސް މާ ބޮޑަކަށް ނުހިފޭނެ އެވެ. އިމާރާތް ޑިޒައިންކުރި އިރު އެ ތިން ފްލޯ ޚާއްސަކުރީ ރައީސާއި ސަފީރުންގެ އިތުރުން އެ ނޫން ވެސް ވީއައިޕީ ބޭފުޅުންނަށެވެ.

ސަލީމް ވިދާޅުވި ގޮތުގައި އެ ތިން ފްލޯގައި ހުރީ އާއްމުންނަށް އަތްފޯރާ ވަރުގެ ކޮޓަރިތަކަކަށް ނުވާތީ ބަދަލު ގެންނަން މިހާރު ވަނީ ވިސްނައިފަ އެވެ. އެ ބަދަލުތައް ގެންނަން އިތުރު ޚަރަދުތަކެއް ހިނގާނެ އެވެ.

"ބޮޑެތި ކޮޓަރިތަކެއް، ފްލޯ އޭރިއާ ވަރަށް ބޮޑު. ލިވިން ރޫމެއް، ޕޭޝަންޓް ބާއްވާ ރޫމެއް އަދި އިތުރު ރޫމެއް. މިއީ އާއްމުންނަށް އަތްފޯރާ ފަށުގައި ހުރި ތަންތަނެއް ނޫން،" ސަލީމް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މި ހޮސްޕިޓަލް އިމާރާތް ކުރީ ސިއްހީ ޚިދުމަތް ކުރިއަރުވައި ތަރައްގީ ކުރަން ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށެވެ. ޝެންހުއާ ކުންފުންޏާ ޖޫން، 5، 2016 ގައި ހަވާލުކޮށް މަސައްކަތް ފެށީ ދެ އަހަރުން ނިންމުމަށެވެ. އެކަމަކު، އައިޖީއެމްއެޗުގެ އިމާރާތާ ގުޅުވާލާ، ދަރުމަވަންތަ ހޮސްޕިޓަލްގެ ޚިދުމަތް ލަސްވީ ވަސީލަތްތައް ހޯދަން ހަވާލުކުރި ކުންފުނިތަކަށް ދިން ތާރީޚުތަކުގައި އެކަން ނުވެގެން ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ.

ސަރުކާރުން ހޭދަކޮށްގެން މިހާތަނަށް ރާއްޖޭގައި ހެދި އެންމެ އަގު ބޮޑު އިމާރާތް، 143 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) އަށް ސިންގަޕޫރުގެ ޝެންހުއާ ކޮންސްޓްރަކްޝަންއާ ހަވާލުކުރީ ބިޑްކުރުމެއް ނެތި އެެވެ. އެ އަގަކީ، ގިނަ ބަޔަކު ތުހުމަތު ކުރާ ގޮތުގައި، އެފަދަ އިމާރާތަކާ ބަލާއިރު ތިން ގުނަ ބޮޑު އަދަދެކެވެ.

އިމާރާތަށް ހޭދަވާނެ އަގު ދިރާސާކުރި ބައެއް މީހުން ގަބޫލުކުރާ ގޮތުގައި އެންމެ ބޮޑުވިޔަސް 40 މިލިއަން ޑޮލަރު (620 މިލިއަން ރުފިޔާ) އަށް އެފަދަ އިމާރާތެއް ނިންމޭނެ އެވެ. މި އަގުން ބަލާ ނަމަ، ދަރުމަވަންތަ ހޮސްޕިޓަލަށް ގާތްގަނޑަކަށް 1.5 ބިލިއަން ރުފިޔާ އިތުރަށް ހަރަދުކޮށްފައިވާ ކަން "މިހާރު" އަށް ލިބުނު ލިއުންތަކެއްގައިވެ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލަކީ ރައީސް ޔާމީންގެ ތަރައްގީގެ ރަމްޒު ކަމަށް އެމަނިކުފާނުގެ ސަޕޯޓަރުން ސިފަކުރާއިރު، މިހާރު އޮތް ސަރުކާރު ހިންގާ ކޯލިޝަނުން ދެކެނީ އެއީ، ކޮރަޕްޝަންގެ ބިނާއެއްގެ ގޮތުގަ އެވެ. ހަމައެކަނި ތަން އިމާރާތްކުރަން 143 މިލިއަން ޑޮލަރު ހަރަދު ކުރިއިރު މިއީ، މިފަދަ ދެތިން އިމާރާތުގެ އަގު ކަމަށް އިމާރާތްކުރުމުގެ ދާއިރާގެ މީހުން ދެކެ އެވެ. އެއަށް ރައްދުދީ، ޔާމީންގެ ސަރުކާރުން ބުނެފައި ވަނީ، މުހިއްމީ ހޮސްޕިޓަލް އަވަހަށް ނިންމައި ޚިދުމަތް ދިނުން ކަމަށެވެ.