މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތާ ގުޅޭ މައުލޫމާތުތަކެއް ލީކުކުރި މައްސަލާގައި ބީއެމްއެލްގެ ކުރީގެ މުވައްޒަފު ގާސިމް އަބްދުލްކަރީމްގެ މައްޗަށް ކުރާ ދައުވާގެ ހުކުމް މި މަހުގެ 26 ގައި އިއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.
ބީއެމްއެލްގެ ފ. ނިލަންދޫ ބްރާންޗްގެ ކުރީގެ އެސިސްޓެންޓް މެނޭޖަރަކަށް ކުރި ގާސިމްގެ މައްޗަށް ކުރާ ދެ ދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން އިއްޔެ ނިންމާލިކަން އޭނާގެ ވަކީލް ވަނީ ކަށަވަރުކޮށް ދެއްވައިފަ އެވެ. އެ މައްސަލާގައި އޮންނާނީ ހުކުމް ކުރަން ހަމަޖައްސާފައި ވަނީ މިމަހުގެ 26 ވަނަ ދުވަހު އެވެ.
އާންމުކޮށް ހުޅުވާ ނުލައި ކުރިއަށް ގެންދާ އެ ޝަރީއަތުގެ އިއްޔެ ބޭއްވި އަޑުއެހުމުގައި ދެ ފަރާތުން ވެސް ވަނީ ގާސިމަށް ކުށް ސާބިތުވެއްޖެ ނަމަ ކަނޑައަޅާނެ އަދަބާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ.
ގާސިމްގެ މައްޗަށް ދައުވާކުރަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބީއެމްއެލްގެ އެކައުންޓެއްގައި ބަހައްޓައިގެން، އެ ފައިސާ ދައުރު ކުރިގޮތުގެ މައުލޫމާތު ލީކުކުރި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ގާސިމްގެ މައްޗަށް ކުރަނީ ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ދައުވާ އާއި ހުއްދަ ނޫން ގޮތުގައި މައުލޫމާތު އާންމު ކުރުމުގެ ދައުވާ އެވެ.
ދައުލަތުގެ އެދުމުގެ މަތިން އެ މައްސަލައިގެ އަޑުއެހުންތައް ކޯޓުން ކުރިއަށް ގެންދިޔައީ އާންމުކޮށް ހުޅުވާ ނުލައި، ސިއްރުކޮށްގެންނެވެ.
ޝަރީއަތް ނިމެންދެން ގޭ ބަންދުގައި ބަހައްޓާފައި ހުރި ގާސިމްގެ މައްޗަށް ކުރާ ދައުވާތައް އަނބުރާ ގެންދަން ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް އިން ވަނީ ގޮވާލައިފަ އެވެ. ޓްރާންސްޕޭރެންސީން ބުނި ގޮތުގައި ގާސިމްގެ އަމަލުތަކަކީ ހިތްވަރު ދޭންޖެހޭ ކަމަށާއި ބޮޑު ޚިޔާނާތެއްގެ މައުލޫމާތު އާންމު ކުރުމަކީ އެކަމުގެ ރައްކާތެރިކަން އެ މީހަކަށް ދޭންޖެހޭ ކަމެއް ކަމަށެވެ.