ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރަން ސުޕްރީމް ކޯޓުން އެންގިޔަސް، އެ ކޮމިޝަންގެ ނިންމުމާ އެއްގޮތަށް ފަނޑިޔާރު ޑީޑީގެ ސަސްޕެންޝަން ދެމި އޮންނާނެ ކަމަށް ޖޭއެސްސީން މިރޭ ބުނެފި އެވެ.
ޖޭއެސްސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ފަނޑިޔާރު އަބްދުﷲ ސަސްޕެންޑް ކުރަން ޖޭއެސްސީން އިއްޔެ ނިންމާފައި ވަނިކޮށް، އެ ނިންމުމަށް އަމަލު ކުރުން ފަސް ކުރުމަށާއި އިތުރު ފިޔަވަޅެއް ފަނޑިޔާރު އަބްދުﷲ އާ މެދު ނާޅަން ސުޕްރީމް ކޯޓުން މިއަދު ވަނީ އަމުރުކޮށްފަ އެވެ. އެގޮތަށް އަމުރު ނެރުނީ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރީ އުސޫލުތަކާ ޚިލާފަށް ކަމަށް ވިދާޅުވެ، އެ ސަސްޕެންޝަން ބާތިލްކުރަން އޭނާ ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމުން އެ މައްސަލަ ބަލައި ނިމެންދެންނެވެ.
އެކަމަކު ޖޭއެސްސީން މިރޭ ބޭއްވި ކުއްލި ބައްދަލުވުމުގައި އެ ކޮމިޝަންގެ މެމްބަރުންގެ އަޣުލަބިއްޔަތުން ނިންމީ ސުޕްރީމް ކޯޓުގެ އެ އަމުރަކީ ގާނޫނު އަސާސީއާ ޖޭއެސްސީގެ ގާނޫނުން އެ ކޮމިޝަނަށް ލިބިދޭ ބާރުތަކަށް ހުރަސް އަޅާ އަމުރެއް ކަމަށެވެ. އަދި ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން އެ ކޮމިޝަނުން ނިންމި ނިންމުމަކީ ތަންފީޒުވަމުންދާ ދެމި އޮތް ނިންމުމެއް ކަމަށް ވެސް އެ ކޮމިޝަނުން މިރޭ ނިންމި އެވެ.
ޖޭއެސްސީން ބުނިގޮތުގައި އެގޮތަށް ކޮމިޝަނުން ނިންމީ މިރޭގެ ޖަލްސާގައި ބައިވެރިވި އަށް މެމްބަރުންގެ ތެރެއިން ފަސް މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އަދި އެ މައްސަލާގައި ކޮމިޝަންގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފްގެ މަސްލަހަތު ފުށުއަރާ ކަމަށް އެ ކޮމިޝަންގެ މެމްބަރުން ނިންމުމުން، އެ ޖަލްސާ ދޫކުރައްވައި، އަރީފް ވަޑައިގަތް ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.
ޖޭއެސްސީން ބުނީ އެ ކުއްލި ބައްދަލުވުން މިރޭ ބޭއްވީ އެ ކޮމިޝަންގެ ހަ މެމްބަރަކު ހުށަހެޅުއްވި ހުށަހެޅުއްވުމަކާ ގުޅިގެންނެވެ.
ޖޭއެސްސީގެ މައްސަލާގައި ޖުޑީޝަލް ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ވެސް މިރޭ ދަނީ ބާއްވަމުންނެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ހައި ކޯޓާއި ދަށު ކޯޓުތަކުގެ އިސް ފަނޑިޔާރުން ތިއްބަވާ އެ ކައުންސިލުން މިރޭ ބައްދަލުވުމެއް ބާއްވަނީ ޖޭއެސްސީން އަދުލު އިންސާފުގެ ދާއިރާގެ މަސައްކަތަށް ހުރަސް އަޅަމުންދާތީ އެވެ. އެކަމަކު އެ ކައުންސިލުން އަދި އެއްވެސް ނިންމުމެއް ނިންމިކަން ސާފެއް ނުވެ އެވެ.
ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމީ އެމަނިކުފާނުގެ އަނބިކަނބަލުންގެ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާވި ކަމަށް ބުނެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖޭއެސްސީއަށް ހުށަހެޅުއްވި މައްސަލައަކާ ގުޅިގެންނެވެ. އެކަމަކު އެ ތުހުމަތު ދޮގު ކުރައްވައި، އަބްދުﷲ ދީދީ ކުރިން ވިދާޅުވެފައިވަނީ ނުހައްގު އެއްވެސް ފައިސާއެއް އެމަނިކުފާނު އަދި އެމަނިކުފާނާ ގުޅުންހުރި އެކައުންޓެއްގައި ނުހުންނާނެ ކަމަށެވެ.