ކުނި ނަގާ ވެހިކަލެއްގައި ރޯވުމުން ފުލުހުން ގޮސް ނިއްވާލައިފި

ވެމްކޯ އިން ކުނި އުފުލަން ގެންގުޅޭ ވެހިކަލެއްގައި ހުރި ކުނިތަކެއްގައި ރޯވެފައި ވަނިކޮށް ފުލުހުންނަށް ފެނި، އަލިފާން ނިއްވާލައިފި އެވެ.


ފުލުހުން ބުނީ ކުނިތަކުގައި ރޯވެފައި ހުއްޓާ ފެނުނީ ފުލުހުންގެ ސީސީޓީވީ ފުޓޭޖް މޮނިޓަކުރުމުގެ ތެރޭގައި، މިރޭ 9:56 ގައި ކަމަށެވެ. އަދި އެ މަންޒަރު ފެނުމާ އެކު ފުލުހުން ގޮސް 10:10 ގައި އަލިފާން ނިއްވާލި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ރޯވީ، ފުލުހުން ބުނި ގޮތުގައި އޯކިޑް މަގާއި ޗާންދަނީ މަގު ގުޅޭ ކަންމަތީގައި އޮތް ވެހިކަލެއްގައި ހުރި ކުނިތަކެއްގަ އެވެ.

ރޯވި ވެހިކަލުން ކުނި ހުސްކޮށްފައި. -- ފޮޓޯ: ޕޮލިސް

އަލިފާން ރޯވާން ދިމާވި ސަބަބާ ބެހޭ ގޮތުން ފުލުހުން ވަކި އެއްޗެއް ނުބުނެ އެވެ.

މި ހާދިސާގައި މީހަކަށް އަދި ވެހިކަލަށް ވެސް ގެއްލުމެއް ނުވެ އެވެ.