މި ހޮސްޕިޓަލާ ގުޅޭގޮތުން ދައްކާފައިވަނީ ދޮގު ވާހަކައެއް: އައިޖީއެމްއެޗް

ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން މުހައްމަދު ޝާފިއީ އިސްތިއުފާ ދެއްވަމުން އައިޖީއެމްއެޗަށް ރައްދުވާ ގޮތަށް ދައްކާފައިވަނީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަަކަތަކެއް ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.


އައިޖީއެމްއެޗުން ނެރުނު ބަޔާނުގައި ބުނީ އެތަނަށް ބޭނުންވާ ހޮސްޕިޓަލް މެނޭޖްމަންޓް ސިސްޓަމް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ބިޑިން ޕްރޮސެސްގެ ތެރެއިން ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ކަމަށެވެ.

ޝާފިއީ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮރަޕްޝަންގެ މައްސަލައަކަށް މި ސަރުކާރުގައި ވެސް ހައްލެއް ނުލިބޭ ކަމަށެވެ. ކަންބޮޑުވުންތަކަށް އަޅާނުލާ ނަމަ މުސާރައެއް ހޯއްދެވުމަށް މަގާމެއްގައި ހުންނަވަން ބޭނުން ނުވާ ކަމަށް ވިދާޅުވި އެވެ.

އޭނާގެ މައިގަނޑު ކަންބޮޑުވުމަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އައިޖީއެމްއެޗަށް ބޭނުންވާ ސޮފްޓްވެއާއެއް، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހަވާލުކޮށްފައިވަނިކޮށް، މި ސަރުކާރުން ވެސް ކުރިއަށް ގެންދަން ނިންމާފައިވާތީ އެވެ. ނަމަވެސް އެކަން ދޮގުކޮށް އައިޖީއެމްއެޗުން ބުނީ ސޮފްޓްވެއާއާ ގުޅޭ މަސައްކަތްތައް އޮތީ މަޝްވަރާ މަރުހަލާގައި ކަމަށެވެ.

ކަމާގުޅުންހުރި އިދާރާތަކާއެކު އެ ބައްދަލުވުންތައް ފަށާފައިވާކަން ފާހަގަކުރި އެވެ.

ސިއްހީ ހިދުމަތް ދިނުމަށް ބޭނުންވާ ސޮފްޓްވެއާ ހޯދާނީ ހޮސްޕިޓަލްގެ މެނޭޖްމަންޓާއި ޑޮކްޓަރުންގެ އިތުރުން ގުޅުންހުރި ފަރާތްތަކުގެ މަޝްވަރާތަކަށްފަހު ކަމަށް ވެސް ބުންޏެވެ. ބޭރުގެ އެކި ހޮސްޕިޓަލްތަކުގައި ބޭނުންކުރަމުން އަންނަ އެފަދަ ސޮފްޓްވެއާތައް ބެލުމަށްފަހު، ރާއްޖޭގެ މާހައުލަށް އެކަށީގެންވާ ސިސްޓަމެއް ހޯދަން މަސައްކަތްކުރަމުން އަންނަކަމަށް ވެސް ބުންޏެވެ.