މަސްވެރިންގެ ޕާކު ކައިރީގައި ހުންނަ ޕޭ ޓޮއިލެޓް ތެރޭގައި މަރުވެފައި އޮތް މީހަކު މިއަދު ފެނިއްޖެ އެވެ.

ފުލުހުން ބުނީ ޕޭ ޓޮއިލެޓްގައި ގޮނޑިއަކަށް ގޮނޑިއެއްގެ މައްޗަށް މީހަކު ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އޭނާ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އެކަމަކު، އޭނާ އޭރު މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މަރުވީ އުމުރުން 54 އަހަރުގެ ފިރިހެނެކެވެ. ނަމަވެސް އެއީ ދިވެއްސެއް ކަމެއް ނުވަތަ އެހެން ގައުމެއްގެ މީހެއް ކަމެއް ފުލުހުން އަދި ނުބުނެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މަރުވި މީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.