އަދީބަކީ ރައީސް ޔާމީންގެ ޝިކާރައަކަށްވި ބޭފުޅެއް: ނަޝީދު

ދައުލަތުގެ ފައިސާ އިން ވައްކަން ކުރެއްވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަކީ ރައީސް އަބްދުﷲ ޔާމީންގެ ޝިކާރައަކަށް ވި ބޭފުޅެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


ދިވެހި ސަރުކާރުން ހިންގާ ކަމަށް ބުނާ ކޮރަޕްޝަނާ ގުޅޭ ގޮތުން އަލް ޖަޒީރާ އިން އިއްޔެ ނެރުނު ޑޮކިއުމެންޓްރީއާ އެކު ޝާއިއުކުރި ރިޕޯޓަކަށް ނަޝީދު ދެއްވި އިންޓަވިއުގައި ވިދާޅުވި ގޮތުގައި ޒުވާން ފުރައިގެ ކޮންމެ މީހަކު ވެސް ގާތްކުރެއްވުމަށް ފަހު "ވާވެއްދުމަކީ" ރައީސް ޔާމީން ކުރައްވާ ކަމެކެވެ. އަދީބަކީ ވެސް، ނަޝީދު ސިފަކުރެއްވި ގޮތުގައި، އޭގެ ތެރެއިން އެއް ބޭފުޅެވެ.

"އެކަމަކު މިވެނި ކަމެއް ކުރީ ކާކުތޯ ބަލައި ތަހުގީގު ކުރަން ޖެހޭނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

އަލް ޖަޒީރާ އިން ނެރުނު ޑޮކިއުމެންޓްރީ، "ސްޓީލިން ޕެރެޑައިސް" އާއި އެއާ އެކު ވެބްސައިޓުގައި ޝާއިއުކުރި ރިޕޯޓުތަކުގައި ދިވެހި ސަރުކާރުން ހިންގި ކަމަށް ބުނާ ކޮރަޕްޝަންގެ އަމަލުތަކުގެ ހެކި ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި އެންމެ ބޮޑު ދައުރެއް އަދާކުރެއްވީ އަދީބުކަން ވަނީ ހާމަވެފަ އެވެ. އޭގެ އިތުރުން ވެސް، ތަންތަނުގައި ހުޅު ޖެހުމާއި އެ ނޫން ވެސް ޓެރަރިޒަމްގެ އަމަލުތަކެއް އަދީބުގެ އޯޑަރަށް ހިންގި ކަމުގެ ހެކި ވެސް އަލް ޖަޒީރާ އިން އާއްމުކުރި އެވެ.

އެ ހެކިތައް ނަޝީދަށް ދެއްކުމަށް ފަހު، އަދީބަކީ ރައީސް ޔާމީންގެ ހިޔާނާތުގެ ޝިކާރައަކަށް ވި ބޭފުޅެއްތޯ އަދިވެސް ގަބޫލުކުރައްވަންތޯ އަލް ޖަޒީރާ އިން އެހުމުން ނަޝީދު ސީދާ ޖަވާބެއް ނުދެއްވި އެވެ. އޭގެ ބަދަލުގައި އެމަނިކުފާނު ވިދާޅުވީ "ތިކަހަލަ ކަންކަމަކީ އެހާ ސާފު، ސީދާކޮށް އޮންނަ ކަންކަމެއް ނޫން" ކަމަށެވެ.

ނަޝީދުގެ މައްޗަށް އިއްވި ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވިއިރު، އެ މަނިކުފާނު ޖަލުން ސަލާމަތްކުރަން އެމްޑީޕީން ސީދާ އަދީބާ މަޝްވަރާކުރި އެވެ. އެ ވާހަކަތަކުގެ ތެރެއިން ނަޝީދު ގޭބަންދަށް ބަދަލުކުރި އެވެ. އަދި ޖުލައި 26، 2015 ގައި ނަޝީދު ޖަލުން ދޫކޮށްލަން އެއްބަސްވެ، ކަރެކްޝަނަލް ސާވިސް އިން ނަޝީދަށް ލިޔުމެއް ވެސް ދިން ކަމަށް ބުނެފައިވެ އެވެ. އެކަމަކު އެ ލިޔުމުގެ ސައްހަކަމާ މެދު ސުވާލު އުފައްދައި ފުލުހުން ދަނީ އެ މައްސަލަ ބަލަމުންނެވެ.

މީގެ އިތުރުން، ނަޝީދު އިސް ދައުރެއް އަދާކުރައްވާ އިދިކޮޅު އިއްތިހާދުގައި ވެސް އަދީބު ހިމެނިވަޑައިގަންނަވަ އެވެ. މިހާރު ޖަލަށް ލާފައިވާ އަދީބު ތަމްސީލުކުރައްވަނީ އޭނާގެ ދޮށީ އަނބިކަނބަލުން މަރިޔަމް ލިއުޝާ އެވެ.

އަދީބަށް އެކި މައްސަލަތަކުގައި ޖުމްލަ 33 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވެ އެވެ.

އަދީބުގެ ތިން ފޯނުގައި ހުރި މެސެޖުތަކާއި ސިއްރުން ނަގާފައިވާ އިންޓަވިއުތަކާއި އެ ނޫން ވެސް ބައެއް ލިޔެކިއުންތަކުގެ މައްޗަށް ބިނާކޮށް ހެދި ޑޮކިއުމެންޓްރީގައި ސަރުކާރާއި ރައީސް ޔާމީނަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެ އެވެ. އެ ގޮތުން، ނަޝީދަށް ހުކުމް އިއްވީ ރައީސް ޔާމީން އެންގެވި ގޮތަށް ކަމަަށާއި އޮޑިޓް އޮފީސް ރޯކޮށްލަން އަދީބު އުޅުއްވި ކަމަށާއި ރާއްޖެ ޓީވީގައި ރޯކޮށްލީ އަދީބު އަންގަވައިގެން ކަމަށާއި ވަގަށް ނެގި ފައިސާ ސީދާ ރައީސަށް ލިބިވަޑައިގެންނެވި ކަމަށް ބުނެފައިވެ އެވެ. އަދި އަދީބު އިސްކޮށް ހުންނަވައި 1.5 ބިލިއަން ޑޮލަރު (23 ބިލިއަން ރުފިޔާ)ގެ މަނީ ލޯންޑްރިން ސްކީމެއް ބޭރުގެ ވިޔަފާރިވެރިންތަކަކާ ގުޅިވަޑައިގެން ހިންގަވަން އުޅުއްވި ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.

އެކަމަކު ރައީސަށް އަމާޒުވާ ހުރިހާ ތުހުމަތުތަކެއް ސަރުކާރުން ވަނީ ދޮގުކޮށްފަ އެވެ.