ހައި ކޯޓުގެ ފަނޑިޔާރަކާއި ކްރިމިނަލް ކޯޓުގެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ނިންމައި، ކޮމެޓީއެއް އެކުލަވާލައިފި އެވެ.

ޖޭއެސްސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކާ ގުޅޭ ގިނަ ޝަކުވާތަކެއް އެ ކޮމިޝަނަށް ލިބިފައި އެބަހުރި ކަމަށާއި އަދި ހައި ކޯޓުގެ ފަނޑިޔާރަކާ ގުޅޭ ޝަކުވާއެއް ވެސް ލިިބިފައި އެބައޮތް ކަމަށެވެ. އެހެންވެ، އެ ދެ ފަނޑިޔާރުންގެ މައްސަލަތައް ބަލަން ޚާއްސަ ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށް ޒަހީން ވިދާޅުވި އެވެ.

"ކްރިމިނަލް ކޯޓުގެ މި ގާޒީއާ ބެހޭގޮތުން ގިނަ މައްސަލަތަކެއް ހުރި މިއަދުގެ އެޖެންޑާގައި. އެހެންވީމަ އެ ހުރިހާ މައްސަލަތަކެއް ވެސް އެއްކޮށްލާފައި އެއް ކޮމެޓީއަށް ފޮނުވައިގެން އެ ކޮމެޓީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާނީ. ހައި ކޯޓުގެ ފަނޑިޔާރަކާ ބެހޭގޮތުން ވެސް ވަނީ ޝަކުވާއެއް ހުށަހެޅިފައި. އެ ޝަކުވާ ވެސް މިދެންނެވި ކޮމެޓީން ބަލާ މައްސަލައެއްގެ ގޮތުގައި ކޮމެޓީގެ ތެރޭގައި ހިމެނިގެން ކުރިއަށް ދާ ގޮތަށް ނިންމީ." ޒަހީން ވިދާޅުވި އެވެ.

ޒަހީން ވިދާޅުވީ ޝަކުވާ ހުށަހެޅިފައި ހުރީ ކޮން ފަނޑިޔާރުންތަކެއްގެ މައްސަލާގައި ކަން މިވަގުތު ކޮމިޝަނުން ހާމަ ނުކުރާނެ ކަމަށެވެ. އަދި ތަހުގީގު މަރުހަލާ ކުރިއަށް ދާ ގޮތުން ހާމަކުރަންޖެހޭ މައުލޫމާތުތައް ފަހުން ހާމަ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރާއި ހައި ކޯޓުގެ ފަނޑިޔާރުގެ މައްސަލަ ބަލަން އެކުލަވާލި ކޮމެޓީގައި ތިއްބަވަނީ ޖޭއެސްސީގެ މެމްބަރު މަސްތޫރު ހުސްނީ އާއި މެމްބަރު މުހައްމަދު އީސާފުޅާއި މެމްބަރު އަބްދުލްހަންނާން އަހުމަދެވެ.