ހައި ކޯޓާއި ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލާން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުޅުވާލައިފި އެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީއަކަށް ހުންނެވި އަހުމަދު ހައިލަމް އާއި ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް ހުންނެވި ޝުޖާއު އުސްމާނު ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވުމުން އެ ދެ ކޯޓުގެ އިސް ފަނޑިޔާރު ކަމުގެ މަގާމު އޮތީ ހުސްކޮށެވެ.

ޖޭއެސްސީން ކުރި އިއުލާނެއްގައި ބުނީ އެ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ހަ ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށެވެ. އެ ދެ މަގާމަށް ވެސް ކުރިމަތިލެވޭނީ އެ ދެ ކޯޓުގެ ފަނޑިޔާރުންނަށް އެކަންޏެވެ.

ޖޭއެސްސީން އަލަށް އެކުލަވާލި ގަވާއިދު ބުނާގޮތުން އިސް ފަނޑިޔާރު ކަމަށް ބޭފުޅުން އައްޔަން ކުރާނީ އެ މަގާމަށް ކުރިމަތިލާން ހުޅުވާލުމަށް ފަހު، ކުރިމަތިލާ ބޭފުޅުންނާ އެ ކޮމިޝަނުން އިންޓަވިއުކޮށް، އަދި މާކްސް ދިނުމަށް ފަހު އެވެ.

ހައި ކޯޓުގެ އިސް ފަނޑިޔާރަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 56،000ރ. ލިބިވަޑައިގަންނަވާއިރު، ކްރިމިނަލް ކޯޓުގެ އިސް ގާޒީއަށް ލިބިވަޑައިގަންނަވާނީ މަހަކު 49،000ރ. އެވެ.

ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމު ހުސްވުމުން އެ ކޯޓު ހިންގުމާ މިވަގުތު ހަވާލުވެ ހުންނެވީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ. އަދި ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވީ ގާޒީ އާދަމް މުހައްމަދެވެ.