މެޖިސްޓްރޭޓް ވަކިކުރަނީ ހަޑިހުތުރުކޮށް މުޚާތަބު ކުރީމަ!

ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ފަނޑިޔާރުކަމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ނިންމީ ބޭއަދަބީ ބަސްތަކުން މުޚާތަބުކުރި މައްސަލައެއްގައި ކަން ޖޭއެސްސީން ރައްޔިތުންގެ މަޖިލިހަށް ފޮނުވި ތަހުގީގު ރިޕޯޓުގައި ބުނެފި އެވެ.


އިބްރާހިމް ރަޝީދުގެ މައްސަލަ ޖޭއެސްސީ އަށް 2013 ގައި ހުށަހެޅި އިރު، އޭނާގެ ސުލޫކީ މައްސަލަތައް ބަލަން އެ ކޮމިޝަނުން މާ ކުރިން އޮތީ ނިންމައިފަ އެވެ. އެކަމަކު އެ މައްސަލައިގައި ޖޭއެސްސީ އިން ގޮތެއް ނިންމައި މަޖިލިހަށް ފޮނުވާފައި ވަނީ އިއްޔެ އެވެ.

ޖޭއެސްސީ އަށް އަމިއްލަ މީހަކު ހުށަހެޅި މައްސަލައިގައި ވަނީ އިބްރާހިމް ރަޝީދު ދިރިއުޅުއްވާ ގޭގެ ކުރިމަތީގައި ހުންނަވައިގެން އަންހެނަކާ ދިމާލަށް ހަޑިހުތުރު އެއްޗެތި ގޮވައި އެ ހިސާބުގަނޑު މީހުންގެ ކުރިމަތީގައި ހަޅޭއްލަވާފައިވާ ކަމަށެވެ.

ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު އޮތް ޖޭއެސްސީން މި މައްސަލައިގައި ނިންމި ނިންމުމުގައި ވަނީ އެ ކޮމިޝަނަށް ހުށަހެޅި ޝަކުވާ އަށް އިބްރާހިމް ރަޝީދު އިންކާރުކޮށްފައިވީ ނަމަވެސް ޝަކުވާއާ މެދު ގޮތެއް ނިންމުމުގައި ރިއާޔަތްކޮށްފައި ވަނީ ޝަރުއީ މިންގަނޑަށް ކަމަށެވެ.

އެގޮތުން ޝަކުވާގެ މައުޟޫއުގެ ދެ ފަރާތަކުން އެކަމަށް ހެކި ބަސް ދީފައިވާ ކަމާއި ފަނޑިޔާރުންގެ ސުލޫކަކީ ވަކި ޚުދޫދެއްގެ ތެރޭގައި ވަކި ގޮތަކަށް ބައްޓަން ކުރަން ޖެހޭ އެއްޗެއް ކަމަށް ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައި ލާޒިމްކޮށްފައިވާ ކަމަށް ވެސް ޖޭއެސްސީގެ ރިޕޯޓުގައިވެ އެވެ.

މުޚާތަބްކޮށްގެން ނުވާނެ ގޮތަކަށް މެޖިސްޓްރޭޓަކު އާންމު ފަރުދަކާ ދިމާލަށް އެއްޗެއް ކިޔައިފި ނަމަ، އެއީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށް ބެލެވޭނެ ކަމަށް ޖޭއެސްސީގެ ނިންމުމުގައިވެ އެވެ.

މިއީ ސުލޫކީ މައްސަލައަކާ ގުޅިގެން ފަނޑިޔާރަކު ވަކިކުރަން މަޖިލީހަށް ހުށަހެޅި ފުރަތަމަ ފަހަރެވެ.

ފަނޑިޔާރުންގެ މައްސަލަތައް ބެލުމަކީ ޖޭއެސްސީގެ ޒިންމާއެއް ކަމަށް ވިޔަސް، ގާނޫނު އަސާސީ އޮންނަ ގޮތުން ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ޖޭއެސްސީން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް މަޖިލީހަށެވެ. އެގޮތުން މަޖިލިހުގެ ޖަލްސާގައި ބައިވެރިވާ މެމްބަރުންގެ ތެރެއިން ތިން ބައި ކުޅަ ދެ ބައި މެމްބަރުންގެ ވޯޓު ލިބެން ޖެހެ އެވެ.

މިއީ ފަނޑިޔާރެއްގެ އަހުލާގީ މައްސަލައެއްގައި، މަޖިލިހުން ވަކިކުރަން ހުށައެޅި ފުރަތަމަ ފަހަރެވެ.

މީގެ ކުރިން އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު ވަނީ ވަކިކޮށްފަ އެވެ. އެކަމަކު އެ ދެ ބޭފުޅުން ވަކިކުރަން ޖޭއެސްސީން މަޖިލީހަށް ހުށައެޅީ ކޯޓުތަކުގެ ގާނޫނަށް 2014 ގައި ގެނައި އިސްލާހެއްގެ ދަށުން ސުޕްރީމް ކޯޓުގެ ބެންޗް ހަތް ފަނޑިޔާރުންގެ ބަދަލުގައި ފަސް ފަނޑިޔާރުންނަށް ކުޑަކުރުމުންނެވެ.

އޭގެ ފަހުން އުއްތަމަ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މަގާމު ގެއްލުނީ އެ ބޭފުޅުންގެ މައްޗަށް ކުށެއް ސާބިތުވެ، އިސްތިއުނާފް މަރުހަލާ ނިމުމުން އޮޓަމެޓިކުންނެވެ.