މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ވަކިކުރުމުގެ މައްސަލަ ކޮމިޓީ އަށް

ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ފަނޑިޔާރުކަމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީ އަށް ފޮނުވައިފި އެވެ.


މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ފަނޑިޔާރުކަމުން ވަކިކުރަން ޖޭއެސްސީ އިން ނިންމައި ރައްޔިތުންގެ މަޖިލިހަށް އިއްޔެ ފޮނުވި ތަހުގީގު ރިޕޯޓުގައިވާ ގޮތުން އެ ކޮމިޝަނުން އެގޮތަށް ނިންމީ އިބްރާހިމް ރަޝީދު އަންހެނަކާ ދިމާލަށް ބޭއަދަބީ ބަސްތަކުން މުޚާތަބުކޮށް ގަޒްފުކުރި މައްސަލައެއްގަ އެވެ.

އެ މައްސަލަ ޖުޑިޝަރީ ކޮމިޓީ އަށް ފޮނުވީ 73 މެމްބަރުންގެ އިއްތިފާގުންނެވެ.

ޖޭއެސްސީ އަށް އަމިއްލަ މީހަކު ހުށަހެޅި މައްސަލައިގައި ވަނީ އިބްރާހިމް ރަޝީދު ދިރިއުޅުއްވާ ގޭގެ ކުރިމަތީގައި ހުންނަވައިގެން އަންހެނަކާ ދިމާލަށް ހަޑިހުތުރު އެއްޗެތި ގޮވައި އެ ހިސާބުގަނޑު މީހުންގެ ކުރިމަތީގައި ހަޅޭއްލަވާފައިވާ ކަމަށެވެ.

ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު އޮތް ޖޭއެސްސީން މި މައްސަލައިގައި ނިންމި ނިންމުމުގައި ވަނީ އެ ކޮމިޝަނަށް ހުށަހެޅި ޝަކުވާ އަށް އިބްރާހިމް ރަޝީދު އިންކާރުކޮށްފައިވީ ނަމަވެސް ޝަކުވާއާ މެދު ގޮތެއް ނިންމުމުގައި ރިއާޔަތްކޮށްފައި ވަނީ ޝަރުއީ މިންގަނޑަށް ކަމަށެވެ.

އެގޮތުން ޝަކުވާގެ މައުޟޫއުގެ ދެ ފަރާތަކުން އެކަމަށް ހެކި ބަސް ދީފައިވާ ކަމާއި ފަނޑިޔާރުންގެ ސުލޫކަކީ ވަކި ޚުދޫދެއްގެ ތެރޭގައި ވަކި ގޮތަކަށް ބައްޓަން ކުރަން ޖެހޭ އެއްޗެއް ކަމަށް ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައި ލާޒިމްކޮށްފައިވާ ކަމަށް ވެސް ޖޭއެސްސީގެ ރިޕޯޓުގައިވެ އެވެ.

މި މައްސަލަ އަށް މަޖިލިހުގައި ބަހުސް ކުރެއްވި ގިނަ މެމްބަރުން ވަނީ އިބްރާހިމް ރަޝީދުގެ ފަނޑިޔާރު ކަމުގެ ޝަރުތު ހަމަނުވާ ކަމަށް ވިދާޅުވެފަ އެވެ. އެއީ ފަނޑިޔާރު ކަމުން ވަގުތުން ވަކި ކުރަން ޖެހޭ ބޭފުޅެއް ކަމަށް ވެސް އެމްޑީޕީގެ މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.

އެކަމަކު، އެ މެމްބަރުންގެ ދެއްކެވި ވާހަކައާ ހިޔާލު ތަފާތުވީ ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ސަނީފް އެކަންޏެވެ. އެގޮތުން އިބްރާހިމް ރަޝީދު ހަޑިހުތުރުކޮށް މުޚާތަބު ކުރިކަމުގެ ހެއްކެއް ދެއްކިފައި ނުވާ ކަމަށް ވެސް ސަނީފް ވިދާޅުވި އެވެ.

އިބްރާހިމް ރަޝީދުގެ މައްސަލަ ޖޭއެސްސީ އަށް 2013 ގައި ހުށަހެޅި އިރު، އޭނާގެ ސުލޫކީ މައްސަލަ ބަލަން އެ ކޮމިޝަނުން މާ ކުރިން އޮތީ ނިންމައިފަ އެވެ. އެކަމަކު އެ މައްސަލައިގައި ޖޭއެސްސީ އިން ގޮތެއް ނިންމައި މަޖިލިހަށް ފޮނުވާފައި ވަނީ އިއްޔެ އެވެ.

އިބްރާހިމް ރަޝީދު ވަކި ކުރަން ޖޭއެސްސީ އިން ނިންމި އިރު، މަސްތުވާތަކެތީގެ މައްސަލައެއްގައި އޭނާ މެއި 28، 2016 ގައި ހައްޔަރު ކުރި އެވެ. އަދި އެ މައްސަލައިގައި ޖޭއެސްސީން އޭނާ ސަސްޕެންޑް ވެސް ކުރި އެވެ.