ތަފާތު އެކި މައްސަލަތަކުގައި ފުލުހުން އަތުލައިގެންފައި ހުރި 419 ކިލޯގެ މަސްތުވާތަކެތި މިއަދު ނައްތާލައިފި އެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ދުވަހާ ގުޅުވައިގެން ފުލުހުން މި ތަކެތި ނައްތާލީ ދޫނިދޫގަ އެވެ. އެއީ 2014 ވަނަ އަހަރުގެ ޖެނުއަރީން ފެށިގެން މި މަހުގެ ނިޔަލަށް ތަފާތު 3،165 މައްސަލައެއްގައި އަތުލައިގެންފައި ހުރި ތަކެއްޗެވެ. އޭގެ އަގު 414 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި ބޮޑެތި މައްސަލަތަކުގައި އަތުލައިގެން މަސްތުވާތަކެތި ވެސް މިއަދު ނައްތާލާފައިވެ އެވެ. އޭގެ ތެރޭގައި ގދ. ހުޅުވާރުލު ނަމަކަށް ކިޔާ ފަޅުރަށުން ހޯދި 149 ކިލޯގެ މަސްތުވާތަކެއްޗާއި އީރާނުގެ ބޯޓަކުން މިދިޔަ މެއި މަހު ފެނުނު 50 ކިލޯގެ މަސްތުވާތަކެތި ހިމެނެ އެވެ.
މިއީ މިހާ ގިނަ އަދަދެއްގެ މަސްތުވާތަކެތި އެއްފަހަރާ ނައްތާލި ފުރަތަމަ ފަހަރެވެ. އެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މަސްތުވާތަކެތި ނައްތާލަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އެކުލަވާލާ ފަސް މެމްބަރުންގެ ކޮމެޓީއަކުންނެވެ.
ފުލުހުން ބުނީ މިއަދު ނައްތާލި މަސްތުވާތަކެއްޗަކީ ޝަރީއަތުގެ އެކި މަރުހަލާތައް ނިމިފައިވާ ތަކެތި ކަމަށެވެ. އެކަމަކު ނައްތާލާފައިވަނީ ބަރުދަނަށް ބަލައި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާކުރެވޭ މިންވަރުގެ ދެ ގުނަ ބެހެއްޓުމަށްފަހު ބާކީ ބައެވެ.