މަސްތުވާތަކެތި ސަޕްލައިކުރުން މަދުކުރުމުގެ މަސައްކަތް ކާމިޔާބުކުރެވެނީ އެ ތަކެތީގެ ވިޔަފާރިކުރާ މީހުންނަށް މި ސަރުކާރުން ސިޔާސީ ހިމާޔަތްނުދޭތީ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވިއިރު، ދިވެހި ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުގެ އަލީގައި އައްޑޫގައި އިއްޔެ ހިންގި އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފައި ވެ އެވެ. އެ މައްސަލައާ ގުޅިގެން އައްޑޫގެ ބޮޑު ޑްރަގް ޑީލަރެއް ކަމަށްވާ ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) ހައްޔަރުކޮށްފައި ވެ އެވެ. އޭނައާއެކު ގައުމީ ޓީމުގެ ކުރީގެ ފުޓްބޯޅަކުޅުންތެރިޔާ، ޝަމްވީލް ގާސިމް (ބޮންޑާ) ވެސް ހައްޔަރުކުރި އެވެ. އެކަމަކު މި މައްސަލާގައި ބޮންޑާ ހައްޔަރުކުރީ އަތުލައިގަތް މަސްތުވާތަކެއްޗާ ސީދާ ގުޅުން އޮވެގެން ކަމެއް އަދި ޔަގީނެއް ނޫނެވެ.
އެ އޮޕަރޭޝަނާ ގުޅިގެން މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަސްތުވާތަކެތީގެ ސަޕްލައި މަދުކުރުން ކާމިޔާބުކުރެވޭނީ ސިޔާސީ ހިމާޔަތްނުދޭތީ ކަމަށެވެ. އެއާއެކު 88 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތީ ފުލުހުންގެ އެކި ފަންނުގެ، ހާއްސަކޮށް ޑްރަޑް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހުނަރާއި ގާބިލްކަން ބޭނުންކޮށްގެން ކަމަށް ވިދާޅުވި އެވެ.
"މަސްތުވާތަކެތީގެ ސަޕްލައި މަދުކުރުމުގެ މަސައްކަތް ކާމިޔާބުކުރެވެނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް މި ސަރުކާރުން ސިޔާސީ ހިމާޔަތް ނުދޭތީ،" އިމްރާންގެ ޓްވީޓުގައި ވިދާޅުވި އެވެ.
މި އޮޕަރޭޝަންގައި ފުލުހުން، މަސްތުވާތަކެތި އުފުލި ޑިންޑީއެއް ހުއްޓުވަން އުޅުމުން އޭގައި ތިބި މީހުން ވަނީ މަސްތުވާތަކެތި ހުރި ގޯނިތައް ކަނޑަށް އުކާލައިފަ އެވެ. ނަމަވެސް ފުލުހުން އެ ތަކެތި ވަނީ ނަގައިފަ އެވެ.
ޑްރަގްގެ ބޮޑު އޮޕަރޭޝަނާ ބެހޭ އިތުރު ތަފްސީލްތައް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
އެނގިފައިވާ ގޮތުގައި، މި ކޭސްއާ ގުޅިގެން ހުޅުމާލޭގައި ވެސް ފުލުހުން އަންނަނީ އޮޕަރޭޝަނެއް ހިންގައި ބައެއް ތަންތަން ފާސްކުރަމުންނެވެ.