ރާއްޖޭގެ އެއްވެސް ތަނެއް ބޭރުގެ އަސްކަރީ މަރުކަޒަކަށް ނުދޭނެ: ޝަމާލް

ރާއްޖޭގެ އެއްވެސް ތަނެއް ބޭރު ގައުމެއްގެ އަސްކަރީ މަރުކަޒަކަށް ދޫކުރުމުގެ ވިސްނުމެއް ނެތް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް މިއަދު ވިދާޅުވެއްޖެ އެވެ.


އިންޑިއާ ސިފައިންގެ އަސްކަރީ މަރުކަޒެއް ހަދަން ރާއްޖޭގެ ސަރަހައްދެއް ދޭން އުޅޭ ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި އެއީ ރާއްޖެ އިންޑިއާގެ ދަށަށް ގެންދަން އެ ގައުމުން ކުރާ މަސައްކަތުގެ ފުރަތަމަ ފިޔަވައްސެވެ.

އެމްއެމްޑީއެފްގެ ހެޑްކުއާޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމާލް، މި މައްސަލައިގައި ވިދާޅުވީ ރާއްޖޭގައި އަސްކަރީ ބޭސްއެއް ހަދަން ބޭރުގެ އެއްވެސް ބަޔަކަށް ދިނުމަށް ދިވެހި ސަރުކާރުން ނުވަތަ ދިވެހި އަސްކަރިއްޔާ އިން ވެސް ބޭނުން ނުވާ ކަމަށެވެ. އެކަމަކު، ގައުމުތަކާ ގުޅިގެން މިލިޓަރީ ކެޕޭސިޓީ ހޯދުމުގެ ވިސްނުން އެބަހުރި ކަމަށާއި އެއްވެސް ތަނެއް ބޭރުގެ އަސްކަރީ ބޭސްއަކަށް ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އުތުރު ތިލަފަޅު އިންޑިއާގެ ސިފައިންގެ އަސްކަރީ މަރުކަޒެއް ހަދަން ދޭން އުޅޭ ކަމުގެ އަޑުތައް ފެތުރިފައިވާތީ އެ ތުހުމަތުތައް ދޮގު ކުރައްވައި ޝަމާލް ވިދާޅުވީ، އެ ތަނުން ބައެއްގައި ކޯސްޓް ގާޑުގެ އުޅަނދުތައް އަޅާފައި ބޭއްވުމަށާއި މެއިންޓަނަންސް މަސައްކަތް ކުރެވޭ ގޮތަށް ހެދުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.

އެގޮތުން އެމްއެންޑީއެފްގެ އަމިއްލަ ރިޕެއާ ވަސީލަތްތަކެއް ހުރުން މުހިންމު ކަމަށް ވިދާޅުވި އެވެ. އުތުރު ތިލަފަޅުގައި އެފަދަ ތަނެއް ގާއިމު ކޮށްފި ނަމަ، ކޯސްޓް ގާޑުގެ ކެޕޭސިޓީ އެތައް ގުނައެއް އިތުރުވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ޝަމާލް ވިދާޅުވި އެވެ.

އިސްކަންދަރު ޝިޕް ގްރައުންޑްވެފައި ހަތް އަހަރު!

ކޯސްޓް ގާޑުގެ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހައިރު ވިދާޅުވީ، އެމްއެންޑީއެފްގެ އުޅަނދުތައް އަޅާފައި ބާއްވާނެ ތަނެއް ނެތުމުން ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށެވެ. އޭގެ ތެރެއިން ބައެއް އުޅަނދުތައް ހުޅުމާލޭގައި އަޅާފައި އޮންނަން ޖެހޭ ކަން ޒުހައިރު ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެންގެ ކޯސްޓް ގާޑުގެ އުޅަނދުތައް އަޅާފައި ބާއްވާނެ ބަނދަރެއް ނެތް ކަން. އަޅުގަނޑުމެންގެ ބޮޑެތި އުޅަނދު މެއިންޓެއިންކޮށް ބަލަހައްޓަނީ އެންމެ އެކަށީގެންވާ ގޮތެއްގައި ނޫން،" ޒުހައިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އުޅަނދުތައް މެއިންޓެއިންކޮށް ބަލަހައްޓަން އަރުވާ ޑޮކެއް ވެސް ނެތެވެ. ބައެއް އުޅަނދުތަކަކީ ރާއްޖޭގައި ހުރި ބައެއް ޑޮކްތަކަށް އެރުވޭނެ ކެޕޭސިޓީ ނެތް އުޅަނދުތަކަކަށް ވާތީ މެއިންޓެއިންކޮށް ދޭން ޖެހޭ ހިދުމަތްތައް ނުދެވުމުގެ ދަތިތައް ދިމާވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއެންޑީއެފްގެ ލީޑަޝިޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. --- ފޮޓޯ: ނިޝާން އަލީ/ މިހާރ

އެގޮތުން ޒުހައިރު މިސާލެއްގެ ގޮތުގައި ނެންގެވީ ކޯސްޓް ގާޑު ޝިޕް ގާޒީ އެވެ. އެ އުޅަނދު އޮޕަރޭޓް ނުކުރެވޭތާ ތިން އަހަރުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޒުހައިރުގެ ވާހަކަތަކަށް ބާރު ދެއްވައި ޝަމާލް ވިދާޅުވީ އިސްކަންދަރު ޝިޕް އޮޕަރޭޓް ނުކުރާތާ ވެސް ހަތް އަހަރު ވެފައިވާ ކަމަށެވެ.

"އިންޝުއަ ލޯންޗެއް. ދެ ވަނަ އަށް އެންމެ ބޮޑު ލޯންޗު މެއިންޓެއިން ނުކުރެވި އޮތީ،" ޝަމާލް ވިދާޅުވި އެވެ.

ޒުހައިރު ވިދާޅުވީ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ މެކޭނިޒަމެއް ހަމަޖެހިގެން ގޮސްފި ނަމަ، މަސް ކަނޑުތައް ބެލެހެއްޓުން އިތުރަށް ވަރުގަދަ ވާނެ ކަމަށެވެ. އަދި ހުރިހާ އުޅަނދުތަކެއްގައި ޓްރެކިން ޑިވައިސް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ޒުހައިރު ވިދާޅުވި ގޮތުގައި ޓްރެކިން ޑިވައިސް އުޅަނދުތަކުގައި ގާއިމު ކުރަނީ، އެއްވެސް އުޅަނދެއް ހާލުގައި ޖެހިއްޖެ ނަމަ، ވީހާވެސް އަވަހަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގަ އެވެ. އަދި އަލަށް ބަހައްޓާ ރާޑަރުތަކާ އެކު 18 ޕަސަންޓު ކަނޑުގެ ސަރަހައްދު ފެނިގެންދާނެ ކަމަށް ވިދާޅުވި އެވެ.