ބޮޑު ޚިޔާނާތުގެ ތަހުގީގުކުރަން ގުޅިފައިވާ ޓީމެއް އެކުލަވާލަނީ

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ މައްސަލަތައް، ރިޔާސީ ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުން ގުޅިގެން ތަހުގީގު ކުރަން ޓީމެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެސިސްޓަންޓް ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ރިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.


ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި އެންމެ ބޮޑު ޚިޔާނާތުގެ މައްސަލައިގެ ތަހުގީގުތައް ކުރިއަށްދާ ގޮތް އޮޅުންފިލުވުމަށް ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީ އަށް ހާޒިރުވެވަޑައިގެން މެމްބަރުން ކުރެއްވި ސުވާލުތަކުގެ ޖަވާބުގައި ރިޔާޒް ވިދާޅުވީ ތަހުގީގު ޓީމެއް އަދި ނެތަސް، ތިން ފަރާތް ގުޅިގެން ލިބޭ މައުލޫމާތުތައް މިހާރު ވެސް ބަދަލު ކުރަމުން އަންނަ ކަމަށެވެ. އަދި އެއްވެސް ބަޔަކު ބޭނުންވެއްޖެ ނަމަ، ޓެކްނިކަލް އެކްސްޕަޓީޒްގެ ބޭނުން ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޖިނާއީ އިޖުރާއާތުގެ ގާނޫނު ވުޖޫދުވުމާ އެކު ތިން ފަރާތް ހިމެނޭ ގޮތަށް ޖޮއިންޓް އިންވެސްޓިގޭޝަންގެ ޓީމެއް ރަސްމީކޮށް އެކުލަވައިލުމަށް ކުރަން ޖެހޭ ލިޔެކިޔުމުގެ މަސައްކަތް ކުރަމުން މި ދަނީ. އުންމީދު ކުރަނީ މި ހަފްތާ ނިމުމާ ހަމައަށް ދާން ވާއިރަށް އެމްއޯޔޫއެއްގައި ސޮއި ކުރެވޭނެ ކަމަށް،" ރިޔާޒް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުން ކުރިއަށް ދަނީ. --- ފޮޓޯ: މަޖިލިސް

ރިޔާޒް ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ޖޮއިންޓް ތަހުގީގެއް ރަސްމީކޮށް ހިންގަމުން ނުދިޔަ ނަމަވެސް، ފުލުހުންނަށް ލިބޭ ބައެއް މައުލޫމާތުތައް ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އުފެއްދެވި ރިޔާސީ ކޮމިޝަނާ ހިއްސާ ކުރަމުންދާ ކަމަށެވެ.

"އެބޭފުޅުން (ރިޔާސީ ކޮމިޝަންގެ) ބައެއް ޓެކްނިކަލް އެސެސްމަންޓްތަކާއި އެ ބޭފުޅުންގެ ބައެއް ހޯދުންތައް އަޅުގަނޑުމެންގެ ތަހުގީގުތަކުގައި ސުވާލު ކުރަންވާ އިރަށް އަޅުގަނޑުމެންނަށް ވެސް ފޯރުކޮށްދޭ،" ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ވެރިޔަކަށް ވެސް ހުންނެވި ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި އިތުރު ބަޔަކު ގުޅިގެން ގަވައިދާ ހިލާފަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކުރަމުންދާ ކަމަށް ފުލުހުންނަށް މައްސަލަ ހުށަހެޅީ އޮކްޓޯބަރު 17، 2015 ގަ އެވެ. މި މައްސަލައިގެ ތަހުގީގު ފަށައި، ބައެއް މީހުން ހައްޔަރުކޮށް ތުހުމަތު ކުރެވޭ ތަންތަން ބަލައި ފާސްކޮށް ހެކިތައް ހޯދި ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ނަމަވެސް ކޮމިޓީގެ އެ ބައްދަލުވުމަކީ މީޑިއާ އަށް ހުޅުވާލެވިފައި އޮތް އާންމު ބައްދަލުވުމަކަށް ވެފައި، މައްސަލައާ ގުޅުން ހުރި ތަހުގީގުތަކާއި ޝަރީއަތްތައް ހިނގަމުންދާތީ އެ މައްސަލައިގެ ތަފްސީލީ ގިނަ މައުލޫމާތުތަކެއް ހާމަކުރައްވަން ރިޔާޒް ވަނީ ދެކޮޅު ހައްދަވައިފަ އެވެ. ހާއްސަކޮށް، ބައެއް ބޭފުޅުންގެ ޒާތީ މަސްލަހަތު ހިމެނޭ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރިޔާޒް އިންކާރު ކުރެއްވި އެވެ.

ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް މަޖިލިހުގެ މިއަދުގެ ބައްދަލުވުމުގައި. --- ފޮޓޯ: މަޖިލިސް

އެކަމަކު، ކޮމިޓީ ބައްދަލުވުން ސިއްރުކޮށްގެން މެމްބަރުން ބޭނުންވާ ބައެއް މައުލޫމާތުތައް ހާމަކުރައްވަން ރިޔާޒް އިއުތިރާޒެއް ނުކުރައްވަ އެވެ. އަދި ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ހުށަހެޅުއްވި އެވެ. އެކަމަކު، ކޮމިޓީ ނިންމާލީ، ފުލުހުންނާ އެކު ސިއްރު ބައްދަލުވުމެއް ފަހުން ބާއްވާނެ ކަން އިއުލާން ކުރުމަށް ފަހު އެވެ.

ފުލުހުން ކޮމިޓީގައި ހާމަކުރި މައުލޫމާތަށް ބަލާ އިރު، އެމްއެމްޕީއާރުސީގެ މައްސަލައިގެ ތަހުގީގަށް ބިނާކޮށް، 2015 ވަނަ އަހަރުގެ ތެރޭގައި 49 ރަށެއްގެ މައްސަލައެއްގެ ތަހުގީގު ނިންމައި، އެ މައްސަލަތައް ޕްރޮސެކިއުޓަ ޖެނެރަލް އޮފީސް (ޕީޖީ) އަށް ވަނީ ފޮނުވައިފަ އެވެ. އަދި 2016 ވަނަ އަހަރުގެ ކުރީކޮޅު 21 މައްސަލައެއްގެ ތަހުގީގު ނިންމައި ފުލުހުން ވަނީ ޕީޖީ އަށް ފޮނުވައިފަ އެވެ.

ފުލުހުންގެ ތަހުގީގު ބިނާވެފައި އޮތީ އެމްއެމްޕީއާރުސީގެ ފައިސާ އަށް ޚިޔާނާތްތެރިވި ބަޔަށް އެކަނި ކަމަށާއި އޭރު ތަހުގީގަށް ފާހަގަވި އެހެން ކަންކަން އޭސީސީ އަށް ހިއްސާ ކުރަމުންދިޔަ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅޭ ގޮތުން އޭސީސީން އާންމު ކުރި ތަފްސީލީ ރިޕޯޓްގައި ބުނެފައިވާ ގޮތުން 57 ރަށެއްގެ މައްސަލަ އެ ކޮމިޝަނުން ވަނީ ބަލައިފަ އެވެ. ރިޕޯޓުން އެނގޭ ގޮތުގައި އެ ރަށްރަށާއި ފަޅުތައް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ އަށް ވަނީ ވަރަށް ބޮޑު ޚިޔާނާތެއްވެފަ އެވެ. އެގޮތުން، އެ ރަށްރަށާއި ފަޅުތަކުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި 77.5 މިލިއަން ޑޮލަރު ލިބެން ޖެހޭ އިރު އެމްއެމްޕީއާރުސީ އަށް ވަދެފައި ވަނީ އެންމެ 12.5 މިލިއަން ޑޮލަރެވެ.