އަދީބަށް ހިމާޔަތް ނުދީ ފޮނުވާލުމުން ކަންބޮޑުވޭ: އެމްޓީޑީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް އިންޑިއާ އިން ހިމާޔަތް ނުދީ ފޮނުވާލި މައްސަލައިގައި ކަންބޮޑުވާ ކަމަށް މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓިކްސް (އެމްޓީޑީ) އިން މިއަދު ބުނެފި އެވެ.


ސުޕްރީމް ކޯޓުގެ އަމުރަކަށް ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް، ޓަގް ބޯޓުގެ ފަޅުވެރިއަކަށް ވެގެން ފިއްލަވަން އުޅުއްވި އަދީބު އިންޑިއާގެ ސަލާމަތީ ބާރުތަކުން ހިފެހެއްޓީ މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރެވެ. އިންޑިއާގެ ކަނޑުމަތީ ސިފައިން، އަދީބު ހިފެހެއްޓުމާ އެކު އެމަނިކުފާނުގެ ބައިނަލްއަގްވާމީ ވަކީލުން ވަނީ އަދީބަށް ނުރައްކަލާ ކުރިމަތިވެފައިވާ ކަމަށް ވިދާޅުވެ، އެ ގައުމުން ހިމާޔަތް ދިނުމަށް އެދިވަޑައިގެންފަ އެވެ. އެކަމަކު، އަދީބުގެ ވަކީލުންގެ އެދިވަޑައިގަތުމާ އެއްގޮތަށް އިންޑިއާ އިން އެމަނިކުފާނަށް ހިމާޔަތެއް ނުދިނެވެ.

ފިއްލަވައިގެން ޓަގް ބޯޓެއްގައި އިންޑިއާ އަށް އެތެރެވުމުގެ ފުރުސަތު ނުދީ، އަދީބު ރާއްޖެއާ ހަވާލު ކުރީ ބޯޓުގައި ރާއްޖެ ސަރަހައްދަށް ގެންގޮސްފައި ކަމަށް އެ ގައުމުގެ ނޫހަކުން ވަނީ ބުނެފަ އެވެ.

އަދީބު އިސްވެ އުފެއްދެވި ޕާޓީ އެމްޓީޑީގެ ނައިބު ރައީސް އަދި ވެލިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދު ވިދާޅުވީ އަދީބު ފިއްލަވައިގެން އިންޑިއާ އަށް ވަޑައިގެންނެވީ ކީއްވެގެން ކަން އަދި ސާފުވެވަޑައިނުގަންނަވާ ކަމަށެވެ.

އެކަމަކު، އަދީބުގެ ބައިނަލްއަގުވާމީ ވަކީލުން ފާހަގަ ކުރެއްވީ ސީރިއަސް ކަންތައްތަކެއް ކަމަށާއި އެކަންކަމަށް ރިއާޔަތްކޮށް އެމަނިކުފާނަށް ހިމާޔަތް ލިބިވަޑައިގަންނަވަން ޖެހޭ ކަމަށް ޔާމީން ވިދާޅުވި އެވެ.

އެމްޓީޑީގެ ނައިބު ރައީސް ޔާމީން ކުރެއްވި ޓުވީޓު.

"މީހަކަށް ހިމާޔަތް ދޭން ޖެހޭނީ ދެ ގައުމެއްގެ ދެމެދުގައި އޮންނަ ގާތް ގުޅުމަކަށް ބަލައިފައެއް ނޫން. އެ މީހެއް ނުވަތަ އެ މީހެއްގެ ވަކީލުން ދައްކާ ހުއްޖަތްތަކަށް ބަލާފައި ހިމާޔަތް ދޭން ވާނީ،" އެމްޓީޑީގެ ރައީސް ކަން ވެސް ކުރައްވާ އަދީބަށް ހިމާޔަތް ނުދެއްވައި ފޮނުވާލި މައްސަލައިގައި ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އަދީބުގެ އިންސާނީ ހައްގުތައް ކަށަވަރުކޮށް ދިނުމަށްޓަކައި ކުރިއަށް އޮތް ތަނުގައި އެމްޓީޑީން ގާނޫނީ އިމުގެ ތެރެއިން ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.

އަދީބުގެ ބައިނަލްއަގްވާމީ ވަކީލުންގެ ޓީމުން ނެރުނު ބަޔާނެއްގައި ވަނީ އިންޑިއާގެ ހިމާޔަތަށް އަދީބު އެދިވަޑައިގަތީ، ސިޔާސީ ބޭނުމެއްގައި ދައުވާ އުފުލުމުގެ ބިރު އޮތުމާއި، ދޮގު ބަޔާންތައް ދިނުމަށް ރާއްޖޭގެ ތަހުގީގީ އިދާރާތަކުން އެމަނިކުފާނަށް މަޖުބޫރު ކުރަމުންދާތީ ކަމަށެވެ. އެގޮތުން، އަދީބު ނުކުރާ ކުށްތަކަށް އެއްބަސްވުމަށް އަންގައި، ބަޔާންތަކުގައި ސޮއި ކުރަން ކަމާބެހޭ ފަރާތްތަކުން މަޖުބޫރު ކުރަމުންދާ ކަމަށާއި އެއީ އޭގެ ސަބަބުން އަދީބާއި އާއިލާ އަށް ވެސް ނުރައްކަލަށް ހުށަހެޅިދާނެ ކަމެއް ކަމަށެވެ.

އަދީބު ޓަގް ބޯޓުގައި ފިއްލެވި ކަން އެނގުނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ޓަގް ބޯޓުގައި ހޭދަ ކުރެއްވި ވަގުތުގައި ފޯނުން އެކި މީހުންނާ އަދީބު މުއާލަމާތް ކުރެއްވި ކަމަށް ވެ އެވެ.

އެއް ބަޔަކު ބުނި ގޮތުގައި އަދީބުގެ ޕްލޭންގައި އޮތީ އިންޑިއާއެއް ނޫނެވެ. ކަނޑުގެ ވަކި ހިސާބަކުން ސްރީ ލަންކާގެ އުޅަނދަކަށް ނަގައިގެން އޭނާ ލަންކާ އަށް ގެންގޮސް، އެ ގައުމުން ޔޫރަޕްގެ ކޮންމެވެސް ހިސާބަކަށް ވަޑައިގަތުމަކީ އަސްލު ރޭވުން ކަމަށް، އެއް ބަޔަކު ބުނެ އެވެ. އެކަމަކު ކޮންމެވެސް ކަމެއް ދިމާވެގެން ލަންކާގެ އެ ބޯޓަށް "ވާގޯ 9" އޮތް ހިސާބަށް ދެވޭ ގޮތެއް ނުވީ ކަމަށް ވާހަކަ ދެކެވެ އެވެ.