ޕާކިން މައްސަލައިގައި އައިޝާއާ ސުވާލުކުރުން ބުދަ ދުވަހު

މާލޭގައި ޕާކިން މައްސަލަ އަށް ހައްލު ނުހޯދައި ފުލުހުން ސްޓިކާ ޖަހަމުން އަންނަ ކަމަށް ބުނެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ (އައިޝާ) އާ ސުވާލުކުރުން އަންނަ ބުދަ ދުވަހުގެ ޖަލްސާގައި އޮންނާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އިދާރާ އިން މިއަދު ބުނެފި އެވެ.


ތިން ވަޒީރަކު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް، އެ ބޭފުޅުންގެ ބައެއް ދާއިރާތަކުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ސުވާލުކުރުމަށް މަޖިލީހުގެ އިދާރާ އިން ފޮނުވި 14 ދުވަހުގެ ނޯޓިހުގެ މުއްދަތު ވަނީ ހަމަވެފަ އެވެ. އެ ތިން ވަޒީރުންގެ ތެރޭގައި މިނިސްޓަރު އައިޝާ ވެސް ހިމެނިވަޑައިގަންނަވަ އެވެ.

މިނިސްޓަރު އައިޝާއާ ސުވާލު ކުރެއްވުމަށް މަޖިލިހަށް މިއަދު ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ އަމިއްލަ މެމްބަރު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރެވެ.

އޭގެ ތެރެއިން ރާއްޖެ އާއި ގަތަރުގެ ގުޅުން އަލުން އިޔާދަކުރުމާ ގުޅޭ ގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ މިދިޔަ ބުދަ ދުވަހު ވަނީ ސުވާލުކޮށްފަ އެވެ. ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ ސުވާލުކުރަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ހާދިސާ އާއި އެ ދުވަހަށް ފަހު ހިނގި ހަމަނުޖެހުންތައް ތަކުރާރުވިޔަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭ ގޮތުންނެވެ.

ރައްޔިތުންގެ މަޖިލިހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން އާންމު ފާތުމަތު ނިއުޝާ ވިދާޅުވީ މި ހަފްތާގައި ދެ ވަޒީރެއް މަޖިލިހުގެ ތަޅުމަށް ހާޒިރު ކުރަން ނިންމާފައިވާ ކަމަށެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި މިނިސްޓަރު އައިޝާގެ އިތުރުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ.

އަމީން ހާޒިރު ކުރަނީ ރ. މަޑުއްވަރީ އާއި ރ. މީދޫގެ ސިއްހީ މަރުކަޒާ ބެހޭ ގޮތުން މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް ކުރެއްވި ދެ ސުވާލަކާ ގުޅިގެން ކަމަށް ނިއުޝާ ވިދާޅުވި އެވެ.

ޖާބިރު ކުރިން "މިހާރު" އަށް ވިދާޅުވީ ޕާކް ކުރާނެ އިންތިޒާމުތައް ހަމަނުޖައްސައި ޕާކިން ސްޓިކާ ނުޖަހާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވައުދުވެފައިވާ ކަމަށާއި އިންތިޒާމުތައް ހަމަނުޖައްސާ ސްޓިކާ ޖަހާތީ އާންމުންނަށް އުނދަގޫވާ ކަމަށެވެ.

މިިދިޔަ އަހަރުގެ ސެޕްޓެމްބަރު 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޕާކިން މައްސަލައަށް ހައްލު ނުހޯދައި ސްޓިކާ ނުޖަހާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތަކުގައި ސްޓިކާ ޖެހުން ޖެނުއަރީ މަހު ވަނީ ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ.

އެކަމަކު، ހަމައެއް ލަމައެއް ނެތި، ގަވައިދާ ހިލާފަށް ޕާކްކުރުން އާންމުވުމާ ގުޅިގެން ފުލުހުން އަލުން ޕާކިން ސްޓިކާ ޖަހަން ފެށީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. ސްޓިކާ ޖެހުމުގެ ބަދަލުގައި މި ސަރުކާރުން ފެށި ކަމަކީ، މީހުންނަށް ދަތިވާ ގޮތަށް ޕާކްކޮށްފައި ހުންނަ ވެހިކަލްތައް ޓޯ ކުރުމެވެ. އެކަމަކު، އެކަމުން މާ ބޮޑު ހައްލެއް އައި ތަނެއް ނުފެނުނެވެ.