ރިޔާސީ ކޮމިޝަނާ ދެކޮޅަށް ކުރި ދައުވާ ބީއެމްއެލް އަށް ކާމިޔާބެއް ނުވި

ކޮރަޕްޝަންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނަށް ބައެއް މައުލޫމާތު ދޭން އިންކާރުކޮށް، ކޯޓު އަމުރެއް އޮވެގެން ނޫނީ މައުލޫމާތު ދޭން ނުޖެހޭނެ ކަމަށް ކަނޑައަޅަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރި ދައުވާ ދައުވާގައި ބޭންކާ ދެކޮޅަށް ހުކުމް ކޮށްފި އެވެ.


ސިވިލް ކޯޓުން މިއަދު ހުކުމްކުރީ، ތަހުގީގުކުރުމުގެ ގާނޫނީ ބާރު ދީފައިވާ އިދާރާތަކުން ބޭނުންވާ މައުލޫމާތު އެ ތަނަކުން ލިޔުމުން އެދުމުން، ކޯޓު އަމުރެއް ނެތަސް ދޭންޖެހޭނެ ކަމަށެވެ.

ބީއެމްއެލް އިން ދައުވާކުރީ ތަހުގީގުތަކަށް މައުލޫމާތު ދޭންޖެހެނީ ކޯޓު އަމުރެއް އޮވެގެން ކަމަށް ކަނޑައަޅައި ދިނުމަށެވެ. އަދި މި މައްސަލަ ނިމެންދެން، މައުލޫމާތެއް ނުދީގެން ބޭންކްގެ އެއްވެސް މުވައްޒަފާ ދެކޮޅަށް ފިޔަވަޅު ނޭޅޭނެ ކަމުގެ ވަގުތީ އަމުރަކަށް ވެސް ބޭންކުން އެދުނެވެ. ނަަމަވެސް އެ އަމުރު ވެސް ނެރެދެވެން ނެތް ކަމަށް ކޯޓުން ކުރިން ވަނީ ކަނޑައަޅައިފަ އެވެ.

މި މައްސަލަ އަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ވަނީ ތަދައްޚުލްވި އެވެ.

ތަހުގީގީ އިދާރާތަކަށް ބޭނުންވާ މައުލޫމާތު ކޯޓު އަމުރަކާ ނުލައި ވެސް، މިދިޔަ މަހުގެ ހަތް ވަނަ ދުވަހާ ހަމަޔަށް ބީއެމްއެލުން އައީ ދެމުންނެވެ. ނަމަވެސް އޭގެ ފަހުން މައުލޫމާތު ނުދޭން ނިންމީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ތުހުމަތާ ގުޅިގެން އެމަނިކުފާނުގެ ބޭންކް އެކައުންޓްތައް ފްރީޒްކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލްކޮށް ހައި ކޯޓުން ކުރި ހުކުމުގައި ފާހަގަކޮށްފައިވާ ކަންކަމާ ހަވާލާދީފަ އެވެ. އެ ހުކުމް ކުރީ މާޗު 31 ވަނަ ދުވަހު އެވެ.

ނަމަވެސް ސިވިލް ކޯޓުގެ ހުކުމުގައި ބުނީ ހައި ކޯޓުގެ ހުކުމުގައި ވަނީ ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ 72 ވަނަ މާއްދާގައި، ތަހުގީގީ އިދާރާތަކަށް މައުލޫމާތު ދިނުމާ ބެހޭ ވާހަކަ ނޫން ކަމަށެވެ. އެހެންވެ ބީއެމްއެލް އިން އެދުނު ގޮތަށް ކަނޑައަޅައިދެވެން ނެތް ކަމަށް އިސް ގާޒީ އަބްދުﷲ އަލީ އިއްވެވި ހުކުމުގައިވެ އެވެ.