އެންމެ ބޮޑު ޑްރަގް މައްސަލައިގެ އަޑުއެހުންތައް ނިމިއްޖެ، ދެން އޮތީ ހުކުމް

ރާއްޖޭގައި ފަހުގެ ތާރީޚެއްގައި އެއްފަހަރާ ފަޅާ އެރި ޑްރަގްގެ އެންމެ ބޮޑު މައްސަލަ ކަމަށްވާ 24 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ދައުލަތުން ދައުވާކުރާ ދެ މީހުންގެ ޝަރީއަތުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން މިއަދު ނިންމާލައިފި އެވެ.


މަގުމަތީ އަގު 100 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފުލުހުން ބުނެފައިވާ 24 ކިލޯގެ އެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރީ މާޗް، 2014 ގައި ރާއްޖެ އައި އީރާނުގެ މަސް ބޯޓަކުން ގެނައި ޑިންގީއެއްގައި ފޮރުވައިގެންނެވެ. އެ މައްސަލާގައި ދައުލަތުން ދައުވާކުރަނީ ގ. ޓްރަސްޓްހޯމް އިސްމާއިލް މޫސާ އާއި ހ. އެވާޕީސް އަބްދުﷲ ސޮއްފަތުގެ މައްޗަށެވެ.

ދެ ފަރާތުން ވެސް މިއަދުގެ އަޑުއެހުމުގައި ޚުލާސާ ބަޔާން ހުށަހަޅާފައިވާތީ، ދެން އޮންނާނީ ހުކުމް ކުރުން ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ އަބްދުލްބާރީ ޔޫސުފް އިއުލާން ކުރެއްވި އެވެ. އެކަމަކު ހުކުމް ކުރާނެ ދުވަހެއް ގާޒީ ވިދާޅެއް ނުވެއެވެ.

ޚުލާސާ ބަޔާން ހުށަހަޅަމުން ދައުލަތުން ބުނީ މަސްތުވާތަކެތި ހުރި ޑިންގީ އަކީ އިސްމާއިލް އާއި ސޮއްފަތުގެ އެއްޗެއް ކަން ހެކިންގެ ބަހުން އެނގޭ ކަމަށާއި އެ ޑިންގީ ގެނައި އީރާނުގެ މަސް ބޯޓާ ހަމައަށް ދޯންޏެއްގައި އެ ދެ މީހުން ދަތުރުކުރި ކަން ހެކިންގެ ބަހުން އެނގޭ ކަމަށެވެ. އަދި އިސްމާއިލްގެ ފޯން ކޯލް ރިކޯޑިންތަކަށް ބަލާއިރު ވެސް އެ ޑިންގީ ރާއްޖެ ގެނައުމުގައި އޭނާ ބައިވެރިވިކަން އެނގޭ ކަމަށް ދައުލަތުން ބުންޏެވެ.

މީގެ އިތުރުން އެ މަސްތުވާތަކެއްޗަކީ ދަރަނިތަކެއް އަދާކުރަން ރާއްޖެ ގެނައި އެއްޗެއް ކަމަށް ދައުވާ ލިބޭ ސޮއްފަތު ފުލުހެއްގެ ގާތު ބުނި ކަމަށް ހެކިބަސް ދީފައިވާއިރު، އޭނާ ހައްޔަރުކޮށްފައިވަނީ ވެސް ހުޅުމާލޭ ފަޅުގައި ޑިންގީ އަޅާފައި އޮތް ހިިސާބުން ކަމަށް ދައުލަތުން ބުންޏެވެ. އަދި ސޮއްފަތު ހައްޔަރުކުރި ވަގުތު އޭނާގެ ޖީބުން ފެނުނު ކަރުދާސް ގަނޑެއްގައި، ޖީޕީއެސް ޕޮއިންޓްތަކެއް ފާހަގަކޮށްފައި އޮތުމުންނާއި ދައުވާލިބޭ އިސްމާއިލްގެ އަންހެނުންގެ ފޯނު ނަމްބަރު އެ ގަނޑުގައި ލިޔެފައި އޮތުމުން ދައުވާ ލިބޭ އިސްމާއިލް އާއި ސޮއްފަތާއި ގުޅުން އޮތްކަން އެނގޭ ކަމަށް ވެސް ދައުލަތުން ބުންޏެވެ.

އެ ދެ މީހުން ހައްޔަރުކޮށް، ޑިންގީ އޮތް ސަރަހައްދަށް އެ ދެ މީހުން ގެނައުމަށް ފަހު ޑިންގީީން މަސްތުވާތަކެތި ހޯދުމާ ދެމެދު އެއްވެސް ވަގުތެއްގައި އެ ދެ މީހުންގެެ ލޯމަތިން ޑިންގީ ގެއްލިފައި ނުވާ ކަން ވެސް ދައުލަތުން ބުންޏެވެ.

ދައުލަތުގެ ވާހަކަތަކަށް ރައްދު ދެއްވައި، އިސްމާއިލްގެ ވަކީލް އަލީ ޝާހު ވިދާޅުވީ ހެކިންގެ ހެކިބަހުގައި ބޮޑެތި ފުށުއެރުންތަކެއް އެބަހުރި ކަމަށާއި ބައެއް ހެކިން ކަނޑައެޅިިގެން ދޮގު ހަދާފައިވާ ކަމަށެވެ. އަދި އިސްމާއިލްގެ ފޯން ކޯލް ރިކޯޑިންތަކެއް ދައުލަތުން ހުށަހެޅިއިރު އެ ކޯލްތައް އަޑުއަހާފައިވަނީ ގާނޫނާ ޚިލާފަށް، ކޯޓު އަމުރެއް ނެތި ކަމަށާއި އެފަދަ އަމުރެއް އޮތްކަން ދައުލަތަށް ނުދެއްކޭ ކަމަށެވެ.

މީގެ އިތުރުން އެ މަސްތުވާތަކެތި ތަހުލީލު ކުރުމުގައި އަމަލުކޮށްފައިވާ ގޮތާ މެދު ވެސް ޝާހު ސުވާލު އުފެއްދެވި އެވެ. އެހެންވެ އިސްމާއިލްގެ މައްޗަށް ކުށް ސާބިތުނުވާނެ ކަމަށް ޝާހު ވިދާޅުވި އެވެ.

މަސްތުވާތަކެތި ފޮރުވާފައި ހުރި ޑިންގީ: އެ ތަކެތި ހުރީ ފެނުނީ ޑިންގީ ކަފާލައިގެން ބެލުމުން --ފޮޓޯ/ޕޮލިސް

ސޮއްފަތުގެ ވަކީލް އިސްމާއިލް މުހައްމަދު އެދިވަޑައިގަތީ ޚުލާސާ ބަޔާން ހުށަހަޅަން ތައްޔާރު ނުވެވޭތީ އިތުރު ފުރުސަތެއް ދިނުމަށެވެ. އެކަމަކު ދައުލަތުން އެކަމަށް ދެކޮޅު ހަދަން ފެށުމުން ގާޒީ ވަނީ ސޮއްފަތުގެ ވަކީލަށް އިތުރު ފުރުސަތެއް ނުދެވޭނެ ކަމަށް ވިދާޅުވެ، އަޑުއެހުންތައް ނިންމާލައްވައިފަ އެވެ.

ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ ބާރީ މިހާރު އެ މައްސަލަ ބެއްލެވިޔަސް އެންމެ ފުރަތަމަ މައްސަލަ ބެއްލެވީ ގާޒީ އަހުމަދު ސަމީރު އަބްދުލްއަޒީޒެވެ. އޭގެފަހުން އެ ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު ވެސް އެ މައްސަލަ ބެއްލެވި އެވެ.

އެ މައްސަލާގައި ގިނަ ބަޔަކު އެންމެ ފުރަތަމަ ހައްޔަރު ކުރިޔަސް ހެކި ނެތުމުން ސަބަބުން އެ މީހުން ދޫކޮށްލުމަށް ފަހު ދައުވާކުރީ އިސްމާއިލާއި ސޮއްފަތުގެ މައްޗަށް އެކަންޏެވެ. ކުށް ސާބިތުވެއްޖެ ނަމަ އެ މީހުންގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމާ އެކު 100،000ރ. އިން ފެށިގެން 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއްގެ ޖޫރިމަނާ އަންނާނެ އެވެ.