ފުލުހުން އަތުލައިގެންފައިވާ މަސްތުވާއެއްޗެހިތަކެއް: ރާއްޖެއަށް އެތެރެކުރި 1.9 ކިލޯގެ ޑްރަގް މައްސަލައެއްގައި މީހަކު 18 އަހަރަށް ޖަލަށްލާން ވަނީ ހުކުމް ކޮށްފައި --- ފޮޓޯ/ޕޮލިސް
17 ޑިސެމްބަރ 2025 - 11:30
ރާއްޖެއަށް އެތެރެކުރި 1.9 ކިލޯގެ ޑްރަގްގެ މައްސަލައެއްގައި، އެ ތަކެއްޗާ ހަވާލުވާން ދިޔަ އަންހެނަކު 18 އަހަރަށް ޖަލަށްލުމާ އެކު 75،000.ރ އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައިވާ ގޮތުން ގއ.ކަނޑުހުޅުދޫ ކަށިކެޔޮމާގެ، އަޒްމާ ޝަރީފް 18 އަހަރަށް ޖަލަށްލާން ހުކުމްކުރީ އެހެން މީހެއްގެ ނަމުގައި ސެޕްޓެމްބަރު، 2023 ގައި ފެޑެކްސް މެދުވެރިކޮށް ގެނައި މަސްތުވާތަކެތި ހުރި ފޮށިގަނޑަކާ އޭނާ ހަވާލުވި މައްސަލާގަ އެވެ.
ޝަރީއަތުގައި ހެކިބަސް ދެމުން ފުލުހުން ބުނެފައިވާ ގޮތުގައި އެ ފޮށިގަނޑުގައި މަސްތުވާތަކެތީގެ ބާވަތެއް ކަަމަށްވާ އެމްޑީއެމްއޭ ހުރުމުން އޭގެ ވެރިފަރާތް ހޯދުމަށް ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއް ހިންގަނިކޮށް އެ ފޮށިގަނޑާ ހަވާލުވީ އަޒްމާ އެވެ.
އަޒްމާ ބުނެފައިވާ ގޮތުގައި އެ ފޮށިގަނޑާ ހަވާލުވާން ދިޔައީ ރައްޓެއްސަކު ބުނެގެންނެވެ. އަދި އެ ފޮށިގަނޑު އައިސްފައި އޮތީ ވެސް ފާތިމަތު ޖަމީމާ ނަމަަަކަށް ކިޔާ މީހެއްގެ ނަމުގަ އެވެ. ނަމަވެސް އަޒްމާ މެދުވެރިކޮށް އެ މީހާއާ އެ ފޮށިގަނޑު ހަވާލުކުރަން ކުރި މަސައްކަތަށް އަޒްމާ އެއްބާރުލުން ނުދިން ކަމަށް ފުލުހުން ކޯޓުގައި ދިން ހެކިބަހުގައި ބުނެފައިވެ އެވެ. އަދި ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަން އެ ހިސާބުން ނިންމާލައި އޭނާ ހައްޔަރުކުރީ އެހެންވެ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ކޮންޓްރޯލްޑް ޑެލިވަރީއަށް އެއްބާރުލުން ދޭން އަޒްމާ ފުރަތަމަ އެއްބަސްވި ނަމަވެސް ފޮށިގަނޑުގައި ޖަހާފައި އޮތް ނަމްބަރުން އަޒްމާގެ ފޯނަށް ގުޅުމުން ފުލުހުންގެ ހާޒިރުގައި އެ ކޯލަށް ޖަވާބުދޭން އަޒްމާ ދެކޮޅު ހެދި ކަމަށް ހުކުމުގައިވެ އެވެ. އަދި އޭނާގެ ފޯނުގެ ކޯޑް އެވަގުތު ފުލުހުންނަށް ދޭން އޭނާ އިންކާރު ކޮށްފައިވާކަން ހެކިންގެ ބަހުން އެނގޭ ކަމަށް ހުކުމުގައިވެ އެވެ. އެހެންވެ، އެ ފޮށިގަނޑާ ހަވާލުވިއިރު އޭގައި މަސްތުވާތަކެތި ހުރިކަން އޭނާއަށް އެނގޭ ކަމަށް ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން އެއީ އޭނާއާ ގުޅުމެއް ނެތް ފޮށިގަނޑެއް ނަމަ ފުލުހުންނަށް އޭގެ ވެރިފަރާތް ބުނެދީ އަދި އެ މީހެއްގެ އަމިއްލަ މައުސޫމްކަން ސާބިތުކުރަން މަސައްކަތް ކުރާނެ އެވެ. ނަމަވެސް ފުލުހުންނަށް އެއްބާރުލުން ނުދިނުމާއި އަދި ޝަރީއަތުގައި ވެސް އެ ފޮށިގަނޑުގެ ވެރިފަރާތް ސާބިތުކުރަން އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާތީ އެ ފޮށިގަނޑުގައި މަސްތުވާތަކެތި ހުރިކަން އަޒްމާއަށް އެނގޭ ކަމަށް ހުކުމުގައިވެ އެވެ.
އެހެންވެ، އަޒްމާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައި، އޭނާ 18 އަހަރަށް ޖަލަށްލުމާއެކު 75،000ރ. އިން ޖޫރިމަނާއިން ޖޫރިމަނާ ކުރަން ހުކުމްކުރި އެވެ. ނަމަވެސް އޭނާ ތަހުގީގާއި ޝަރީއަތުގެ މަރުހަލާގައި ބަންދުގައި ހޭދަކުރި މުއްދަތު އުނި ކުރުމުން އޭނާ ދެން ތަންފީޒު ކުރަންޖެހޭނީ 15 އަހަރާއި ނުވަ މަހުގެ ޖަލު ހުކުމެއް ކަމަށް ގާޒީ އަލީ އާދަމް ކުރެއްވި އެ ހުކުމުގައިވެ އެވެ. އަދި ޖޫރިމަނާ ފައިސާ އެއް އަހަރު ތެރޭގައި ދައުލަތަށް ދައްކަން އަންގާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮރަލް
17 December 2025
އިތުރަށް ބުނާނެ ވާހަކަ އެއް ނެތެވެ. އިއުތިރާފް ގެ އެއްބަސް ވުމެއް ހެދިނަމަ ވ ބޮޑު ލުޔެއް ލިބޭނެ ހެއްނ ހީވެ އެވެ.
މިސސ
17 December 2025
އޮންލައިންކޮށް ގަނެގެން ރާޢްޖެ ގެންނަ މުދާ މީހުންނާ ހަވާލުކުރުން ތަންކޮޅެއް ހަރުދަނާ ކުރަންޖެހޭހެން ހީވަނީ، މިހާރު ކޮންމެ ނަމެއްގައިވެސް އެއްޗެހި ގެނެވޭ، އެންމެ ކުޑަމިނުން އެއާ ހަވާލުވަނީ ކާކުކަންވެސް ކޫރިއަރ ސަރވިސްތަކުން ބަލައެއްނުލާ، މިކަން ނޭޝަނަލް ސެކިއުރިޓީ ތުރެޓަކަށްވެސް ވެދާނެ
1828
17 December 2025
1.9 ކިލޯވީމައި މާމަދީ. 100+ ނަމަ ސާބިތެެއް ނުވާނެ.
ބައްޕި
17 December 2025
ނުކުމެ ރަނގަޅު ދިރިއުޅުމެއް އުޅެވޭތޯ ބަލާތި.