ސައިކަލެއްގެ މަޑިދަށުން ކިލޯއަކަށް ވުރެ ގިނަ ޑްރަގް ފެނުނު މައްސަލައެއްގައި މީހަކު 17 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ޅ. ހިންނަވަރު، ކަފިދޫގޭ، ހާރޫން ޖައިލަމް މިދިޔަ އަހަރުގެ އޮގަސްޓް މަހު ހައްޔަރުކުރީ ސައިކަލެއްގެ މަޑިދަށުގައި މަސްތުވާތަކެތި ފޮރުވައިގެން އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ.

އެ އޮޕަރޭޝަންގައި އޭނާ ހުއްޓުވައި ފާސް ކުރިއިރު، ފެނުނު ތަޅުދަނޑި ބޭނުންކޮށްގެން، އޭނާ ގެންގުޅުނު އެ ސައިކަލް ފާސް ކުރިއިރު ސައިކަލްގެ މަޑިދަށުން ކިލޯއަކަށް ވުރެ ގިނަ ކެނަބިސް ފެނުނެވެ.

އެ މައްސަލާގައި ހާރޫން ޖައިލަމްގެ މައްޗަށް ކުރި ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާއަށް އެއްބަސްވެ، ދައުލަތާއެކު އިއުތިރާފްގެ އެއްބަސްވުމެއް ހެދި އެވެ. އަދި އެ އެއްބަސްވުމުގެ ދަށުން އޭނާގެ އަދަބު 17 އަހަރުގެ ޖަލު ހުކުމަކަށް ކުޑަކުރަން ދައުލަތުން އެއްބަސްވި އެވެ.

އެހެންވެ، އެ އެއްބަސްވުމާ އެއްގޮތަށް ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ހާރޫން ޖައިލަމް 17 އަހަރަށް ޖަލަށްލުމާ އެކު 100،000ރ. އިން ޖޫރިމަނާކުރަން ހުކުމްކުރީ ކަމަށެވެ. ޖޫރިމަނާގެ ފައިސާ އެއް އަހަރު ތެރޭގައި ދައުލަތަށް ދައްކަން ހުކުމުގައި އެންގި އެވެ.

ހާރޫން ޖައިލަމް 17 އަހަރަށް ޖަލަށްލާން ހުކުމްކުރި ނަމަވެސް އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން ދެން ތަންފީޒު ކުރަން ޖެހޭނީ 15 އަހަރާއި 11 މަހުގެ ޖަލު ހުކުމެކެވެ.