ޕިއްޒާ ޑެލިވާކުރާ މުވައްޒަފަކަށް ހަމަލާދީ ފޭރިގެންފި

ކާ އެއްޗެހި ޑެލިވާކޮށްދެން ދިޔަ ޕިއްޒާ ބޯނާގެ މުވައްޒަފަކަށް ހަމަލާދީ ރޭ ފޭރިގެންފި އެވެ.


ޕިއްޒާ ބޯނާ އިން ބުނީ އެތަނުގެ މުވައްޒަފަކަށް ހަމަލަދިނީ މައްޗަންގޮޅި ސަހަރާ ކައިރިން ކަމަށެވެ. އެ މީހާ އަށް ހަމަލާ ދިނުމަށް ފަހު އަތުގައި ހުރިހާ ފައިސާއެއް ފޭރިގެންފައިވާ ކަމަށް އެތަނުން ބުންޏެވެ.

ޕިއްޒާ ބޯނާގެ މުވައްޒަފަށް ހަމަލާ ދިނީ ތިން ތަނަކަށް ޕިއްޒާތަކެއް ޑެލިވަރީކޮށްދޭން އުޅެނިކޮށެވެ. އެހެންވެ، އޭނާ އަތުގައި ކޮންމެވެސް ވަރަކަށް ފައިސާ ހުންނާނެ ކަމަށް ބެލެވެ އެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވެސް ޕިއްޒާ ބޯނާ އިން ބުންޏެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ޕިއްޒާ ބޯނާ އިން ބުނީ މާލެ އަކީ ރައްޔިތުންނަށް އަމާން ކަމާއެކު ދިރިއުޅެވޭނެ ތަނަކަށް ހެދުމަށް ކަމާބެހޭ ފަރާތްތަކާ އެކު މަސައްކަތް ކުރާނެ ކަމަށް ކަމަށް ބުނެފަ އެވެ.

ޕިއްޒާ ބޯނާގެ މުވައްޒަފަކަށް ހަމަލަ ދިން އިރު، މިދިޔަ އަހަރުގެ އޭޕްރީލް މަހު ކާ އެއްޗެހި ޑެލިވާކޮށްދެން ދިޔަ ސީ ހައުސް ކެފޭގެ މުވައްޒަފަކަށް ހަމަލާދީ އޭނާގެ އަތުގައި ހުރި އެއްޗެހި ވަނީ ފޭރިގެންފި އެވެ. ކާ އެއްޗެހި ޑެލިވާ ކޮށްދޭން ދާ މީހުންނަށް މީގެ ކުރިން ވެސް ބައެއް ފަހަރު ހަމަލާދީ ފޭރިގެންފައިވެ އެވެ.