ނައިފަރުގެ ބައެއް ގޭގެއަށް ފެން ވަދެ ގެއްލުން ވެއްޖެ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ޅ. ނައިފަރަށް ރޭ ފަތިހު ބޯކޮށް ވާރޭވެހި ފެން ބޮޑުވުމުގެ ސަބަބުން ބައެއް ގޭގެއަށް ފެން ވަދެ، ފަރުނީޗަރާއި ހިފާގެންގުޅޭ ތަކެއްޗަށް ގެއްލުން ވެއްޖެ އެވެ.


ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ކާރިމް "މިހާރު"އަށް ވިދާޅުވީ މެދު ނުކެނޑި ދެ ގަޑިއެއްހާ އިރު ބޯކޮށް ވާރޭ ވެހުނު ކަމަށެވެ. އޭގެ ސަބަބުން ފެންބޮޑުވެ ހަތަރު ގެއެއްގެ ގިނަ ފަރުނީޗަރު ހަލާކުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފެން އެންމެ ބޮޑުވި ސަރަހައްދުތަކުން ފެން ހިންދަން ސިފައިންނާއި ފުލުހުންނާއި ރަށު ކައުންސިލްގެ އިތުރުން އެ ރަށުގައި ފެނާއި ނަރުދަމާ އަޅަމުން އަންނަ ކުންފުނިން ގުޅިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ނައިފަރަށް ރޭ ފަތިހު ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން ގެއަކަށް ފެންވަދެފައި -- ފޮޓޯ: އެމްއެންޑީއެފް

"ހަތަރު ގެއަކަށް އެންމެ ބޮޑަށް ފެން ވަދެފައި ވަނީ. އެ ގޭގޭގެ ފަރުނީޗަރާއި އެހެން ބައެއް ތަކެތި ވެސް ވަނީ ހަލާކުވެފައި. ފެން ވަދެފައިވާ އެހެން ގޭގޭގެ ހާލަތު ވެސް އަޅުގަނޑުމެން މި އަންނަނީ ބަލަމުން،" ކާރިމް ވިދާޅުވި އެވެ.

ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، އޭނާ ވިދާޅުވި ގޮތުގައި، މޫސުން އަދިވެސް ވަރަށް ގޯހެވެ. ފެންގަނޑު ނުހިނދި އޮއްވައި އިތުރަށް ވާރޭ ވެހިދާނެތީ ގިނަ ބަޔަކު ކަންބޮޑުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާރު އޮތް ފެންގަނޑު ނުހިންދެނީސް ދެ ގަޑިއެއް ހާއިރު އިތުރަށް ވާރޭ ވެހުނަސް، ގިނަ ގެތަކަކަށް ފެން ވަދެ، ވަރަށް އުނދަގޫ ހާލަތަކަށް ހިނގައިދާނެ،" ކާރިމް ވިދާޅުވި އެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު ވެސް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ. އެގޮތުން ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ބެލެވެ އެވެ. އެހެންކަމުން އެ ސަރަހައްދުތަކަށް މިއަދު ހެނދުނު 7:40 އިން މެންދުރު ފަހު 1:40 އަށް ޔެލޯ އެލާޓް ވަނީ ނެރެފަ އެވެ.

ބޯކޮށް ވާރޭ ވެހުމާ އެކު ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަަމަށް ވެސް މެޓުން ލަފާކުރެ އެވެ.